Roadha Mihaaru
އަކްޝޭ ބަފާބެގެ ރެކޯޑާ އެއްވަރުކޮށްފި

ބަފާބެ ރާޖޭޝްގެ ރެކޯޑާ އަކްޝޭ އެއްވަރުކޮށްފި

20 އޮކްޓޯބަރ 2019

މީގެ 47 އަހަރު ކުރިން، ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާ ފުލުފުލުގައި ގެނެސްދިން ކާމިޔާބު 17 ފިލްމުގެ ރެކޯޑާ އޭނާގެ ދަނބިދަރި އަކްޝޭ ކުމާރު އެއްވަރުކޮށް، ރޭހުގެ ކުރިއަތުލަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 47 އަހަރު ކުރިން، ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާ ފުލުފުލުގައި ގެނެސްދިން ކާމިޔާބު 17 ފިލްމުގެ ރެކޯޑާ އޭނާގެ ދަނބިދަރި އަކްޝޭ ކުމާރު އެއްވަރުކޮށް، ރޭހުގެ ކުރިއަތުލަން ތައްޔާރުވެއްޖެ އެވެ.

އަކްޝޭގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެ، އެ ފިލްމުތައް ވެސް ބޮޑު ހިޓްތަކަށް ވެފައިވާ އިރު މި އަހަރު އަދި ކުރިއަށް ދެ ފިލްމެ އެބައޮތެވެ. އެއީ މި މަހުގެ 25 ގައި ރިލީޒްކުރާ "ހައުސްފުލް 4" އާއި އަންނަ ޑިސެމްބަރު މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުސް" އެވެ.

މި ދެ ފިލްމަކީ ވެސް ވަރަށް ހިނގާނެ ދެ ފިލްމު ކަމަށް ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އަކްޝޭ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ސަލްމާން ޚާން ފިޔަވައި 100 ކްރޯޑް ކުލަބްގެ ފިލްމުތައް އެންމެ ގިނަ އެކްޓަރު ވެސް މެ އެވެ.

މި އަހަރު އެންމެ ފުރަތަމަ އޭނާ ފެނިގެން ދިޔަ ދެ ފިލްމަކީ "ކޭސަރީ" އާއި "މިޝަން މަންގަލް" އެވެ. މި ފިލްމުތަކާ ހަމައަށް ވަނީ އަކްޝޭ ފުލުފުލުގައި ކާމިޔާބު 17 ފިލްމު ގެނެސްދީފަ އެވެ.

އެ ފިލްމުތަކަކީ "2.0"، "ގޯލްޑް"، "ޕެޑްމޭން"، "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ"، "ޖޮލީ އެލްއެލްބީ 2"، ރުސްތުމް"، "ހައުސްފުލް 3"، "އެއާލިފްޓް"، ސިންގް އިޒް ބްލިންގް"، "ބްރަދާޒް"، "ގައްބަރު އިޒް ބެކް"، "ބޭބީ"، "ދަ ޝައުކީންސް"، "އެންޓަޓައިންމަންޓް" އަދި "ހޮލިޑޭ" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ"، "ލަކްޝްމީ ބޮމްބް"، "ބައްޗަން ޕާންޑޭ" އަދި "ޕްރިތުވީރާޖް" ހިމެނެ އެވެ.

އަކްޝޭގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ބައްޕަ ރާޖޭޝް ކަންނާ ފުލުފުލުގައި ގެނެސްދިން ކާމިޔާބު ފިލްމުތަކަކީ "އަރާދަނާ"، "އިއްތިފާގް"، "ޑޯލީ"، "ބަންދަން"، "ދޯ ރާސްތޭ"، "ދަ ޓްރޭން"، "ސައްޗާ ޖޫޓާ"، "ސަފަރު"' "ކަޓީ ޕަޓަންގް"، "އާއޯ މިލޯ ސަޖްނާ"، "އާނަންދު"، "މަރިޔާދާ"، "ހާތީ މޭރާ ސާތީ"، "އަމަރު ޕްރޭމް"، "އަންދާޒް"، "ދުޝްމަން" އަދި "އަޕްނާ ދޭޝް" އެވެ.

ބަަތަލާ ޑިމްޕަލް ކަޕާޑިއާގެ ފިރިމީހާ ރާޖޭޝް ކަންނާއަކީ 2012 ގައި މަރުވި އިރު، އިންޑިއާގެ ފުރަތަމަ ސްޕަސްޓާރު މެ އެވެ. އޭނާ ހޯދި ކާމިޔާބީ ފަހަނަޅައި ދަނބިދަރިފުޅު އަކްޝޭ، 50، ކުރިއަށްދާ އިރު، އޭނާއަކީ މި ވަގުތު ބޮލީވުޑްގައި ދުވަސްވީ އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ވެސް މެ އެވެ. އަދި އަކްޝޭގެ ފިލްމެއް ނަމަ ހިޓްވާނެ ކަމުގެ ގެރެންޓީއާ ދޭތެރޭ ޝައްކެއް ނޯވެ އެވެ.