Roadha Mihaaru
ސޮނެވާފުށީގައި ފޮގެއް ނުކުރޭ، އެކަމަކު މަދިރިއެއް ނުޅޭ

ސޮނެވާފުށީގައި ފޮގެއް ނުކުރޭ، އެކަމަކު މަދިރިއެއް ނޫޅޭ!

28 ޑިސެމްބަރ 2021

ޖަންގައްޔެއްހެން އޮންނަ ސޮނެވާފުށީގައި މިހާރު މަދިރިއެއް ނޫޅެ އެވެ، އެކަމަކު ފޮގެއް ވެސް ނުކުރެ އެވެ. އެކަން ކޮންޓްރޯލް ކުރީ ކިހިނެއްތޯ ކުރާ ސުވާލަށް، އެ ރިސޯޓްގެ އެއް ހިއްސާދާރު އަދި ސީއީއޯ ސޯނޫ ޝިވްދަސާނީގެ ޖަވާބަކީ މި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖަންގައްޔެއްހެން އޮންނަ ސޮނެވާފުށީގައި މިހާރު މަދިރިއެއް ނޫޅެ އެވެ، އެކަމަކު ފޮގެއް ވެސް ނުކުރެ އެވެ. އެކަން ކޮންޓްރޯލް ކުރީ ކިހިނެއްތޯ ކުރާ ސުވާލަށް، އެ ރިސޯޓްގެ އެއް ހިއްސާދާރު އަދި ސީއީއޯ ސޯނޫ ޝިވްދަސާނީގެ ޖަވާބަކީ މި އެވެ.

"އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ސޮނެވާފުށީގައި މަދިރި ނައްތާލުމުގެ ޕްރޮޖެކްޓެއް ހިންގަމުން އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ"

މަދިރި ނައްތާލަން ފޮގު ނުޖަހައި، އާ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމާ އެކު، އެ ރިސޯޓުތަކުގައި މަދިރީގެ އާބާދީ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މަދިރި ނޫޅެއޭ ބުނާވަރަށް އެކަން ކޮންޓްރޯލްވެއްޖެ އެވެ.

ސޯނޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޮނެވާޖާނީގައި ވެސް މި ޕްރޮޖެކްޓުގައި ފެށިތާ ދޮޅު އަހަރުވީއިރު، އެ ރިސޯޓުތަކުގެ މަދިރީގެ އާބާދީ 98 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ.

ސޮނެވާގައި ބޭނުންކުރަނީ، މަދިރި ނައްތާލުމުގެ ތަފާތު އުފެއްދުންތައް ނެރޭ ޔޫރަޕުގެ ކުންފުންޏެއް ކަމަށްވާ "ބަޔޯޖެންޓްސް" އިން އުފައްދާފައިވާ އެކަމަށް ހާއްސަ "މޮސްކިޓޯ ޓްރެޕް ސިސްޓަމް" އެވެ.

މަދިރި ނައްތާލުމަށް، 16 އަހަރު ވަންދެން އެކި ދިރާސާތައް ކުރުމަށް ފަހު، "ބަޔޯޖެންޓްސް" އިން ވަނީ ތަފާތު ތިން ސިސްޓަމެއް އުފައްދައިފަ އެވެ. އެއީ އައުޓްޑޯ ތަންތަނަށް ހާއްސަ ދެ ސިސްޓަމަކާއި އިންޑޯ ތަންތަނަށް ހާއްސަ ސިސްޓަމެކެވެ. ސޮނެވާގައި ބޭނުންކުރަނީ މީގެ އައުޓްޑޯ ސިސްޓަމެއް ކަމަށްވާ "ބީޖީ މޮސްކިޓާ" އެވެ.

މި "ބީޖީ މޮސްކިޓާ" ސިސްޓަމް މަސައްކަތް ކުރަނީ "އިންސާނެއްގެ" ގޮތުގަ އެވެ. މި ސިސްޓަމް ޖެއްސުމުން މީގެ ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ސަބަބުން މަދިރިތައް އެއާ ގާތްވެ އެވެ. އަދި ގާތްވުމުން އޭގެ ތެރެއަށް ދަމައިގަނެ، މަދިރި މަރާލަ އެވެ. މަދިރި އިންސާނުންގެ ގައިގައި ހަފަނީ، އިންސާނުން ނޭވާލުމުން ބޭރުވާ ވައި ނުވަތަ ކާބަންޑައިއޮކްސައިޑްގެ ސަބަބުންނެވެ.

މި ސިސްޓަމަށް ކާބަންޑައިއޮކްސައިޑް ފުޅި ގުޅައިގެން، މީގެ މަސައްކަތް އިތުރަށް ހަލުވި ވެސް ކުރެވެ އެވެ. މި ސިސްޓަމްތަކުން މާހައުލުގެ ތެރޭގައި އުޅޭ އެހެން، ފައިދާ ކުރަނިވި ސޫފިތަކަށް ކުރާ އަސަރު ވެސް ވަރަށް ކުޑަ އެވެ.

"ބަޔޯޖެންޓްސް" ގެ އުފެއްދުންތަކުން މަދިރި ނައްތާލުމުގެ އިތުރުން މަދިރި އާލާވުން ވެސް ކުޑަކޮށްދެ އެވެ. އަދި މި އުފެއްދުންތަކުން ބޮޑަށް ޓާގެޓް ކުރަނީ ވެސް، ޑެންގޫ އާއި ޗިކަންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ޖައްސާ މަދިރިތައް ނައްތާލުމަށެވެ.

"ބީޖީ މޮސްކިޓާ" ސިސްޓަމެއްގެ އަގު އުޅެނީ 279 ޑޮލަރަށެވެ.