Roadha Mihaaru
ސޯނޫގެ އިންޒާރު: ޓޫރިޒަމް އަނެއްކާވެސް ހުއްޓިދާނެ

ކޮވިޑް ޓެސްޓް ހަދަން ސަމާލުކަން ނުދީފި ނަމަ ޓޫރިޒަމް އަނެއްކާވެސް ހުއްޓިދާނެ: ސޯނޫ

07 ފެބުރުއަރީ 2021

ކޮވިޑް ޓެސްޓް ހަދަން ސަމާލުކަން ނުދިނުމާއި ރިސޯޓުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ޓޫރިޒަމްގައި ފަހުން މި ހޯދުނު އަރައިގަތުން ހުއްޓި، އޭގެ ނުބައި އަސަަރުކޮށްފާނެ ކަމުގެ އިންޒާރު ސޮނޭވާ ލަގްޒަރީ ރިސޯޓްސްގެ ކޯ-ފައުންޑަރު ސޯނޫ ޝިވްދަސާނީ މިއަދު ދެއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް ޓެސްޓް ހަދަން ސަމާލުކަން ނުދިނުމާއި ރިސޯޓުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ޓޫރިޒަމްގައި ފަހުން މި ހޯދުނު އަރައިގަތުން ހުއްޓި، އޭގެ ނުބައި އަސަަރުކޮށްފާނެ ކަމުގެ އިންޒާރު ސޮނޭވާ ލަގްޒަރީ ރިސޯޓްސްގެ ކޯ-ފައުންޑަރު ސޯނޫ ޝިވްދަސާނީ މިއަދު ދެއްވައިފި އެވެ.

"މިހާރު"ގެ އިނގިރޭސި ބައި ކަމަށް ވާ "ދި އެޑިޝަން" ގައި އޭނާ ލިޔުއްވި އޮޕެޑް އާޓިކަލްގައި ވިދާޅުވީ މިހާރު ބައެއް ރިސޯޓްތަކުގައި ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ ސަބަބަކީ މުވައްޒަފުންނާއި ޓޫރިސްޓުން ރަނގަޅަށް ޓެސްޓް ނުކުރެވުން ކަމަށެވެ.

އޭނާ ވަނީ އޭގެ މިސާލެއް، ސޮނޭވާފުއްޓާއި ސޮނޭވާ ޖާނީން ހެދި ޓެސްޓްތަކާއި އެހެން ރިސޯޓަކުން އެއް މުއްދަތެއްގައި ހެދި ޓެސްޓްތަކުގެ ތަފާސްހިސާބު ވެސް ހިމަނުއްވައިފަ އެވެ. އެ ގޮތުން ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން ސޮނޭވާފުއްޓާއި ސޮނޭވާ ޖާނީން 7،000 އަށް ވުރެ ގިނަ ކޮވިޑް ޓެސްޓް ހަދާފައިވެ އެވެ. އެކަމަކު ދެ ރިސޯޓަށް ވުރެ މާ ގިނައިން ޓޫރިސްޓުން އަންނަ އަދި މިވަގުތު އެޗުޕީއޭ އިން މޮނިޓަރިންއަށް ލާފައި އޮތް ރިސޯޓަކުން އެ މުއްދަތުގައި ހެދީ އެންމެ 700 ކޮވިޑް ޓެސްޓް ކަމަށް، ސޯނޫ ލިއުއްވި އެވެ. މިއީ އޭނާގެ ދެ ރިސޯޓުން ހެދި ޓެސްޓްތަކަށް ވުރެ 10 ގުނަ ދަށް މިންވަރެކެވެ.

"އެ ރިސޯޓުން އެންމެ ރަނގަޅަށް މުވައްޒަފުންނާއި ޓޫރިސްޓުން ޓެސްޓެއް ނުކުރެ އެވެ. އެހެންވެ ބަލި މާ ބޮޑަށް ފެތުރިގެން އެ ދިޔައީ އެވެ،" ރިސޯޓްގެ ނަން ނުގެންނަވައި، މިސާލު ދައްކަވަމުން، ސޯނޫ ލިއުއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުން ރާއްޖެ އަންނަނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައިގެން ކަމަށް ވިޔަސް ސޮނޭވާގެ ރިސޯޓަކަށް ޓޫރިސްޓް ދިއުމުން އިތުރު ޓެސްޓެއް ހަދަން ޖެހެ އެވެ. އަދި އެ ޓޫރިސްޓަކު ހުންނަ ވިލާއިން ނުކުމެ ރަށުތެރޭގައި އުޅެވޭނީ އެ ޓެސްޓް ނެގެޓިވްވުމުން ކަމަށް، ސޯނޫ ވިދާޅުވި އެވެ.

"އަނެއްކާ ހަ ދުވަސް ފަހުން ޓޫރިސްޓުން ދެވަނަ ފަހަރަށް ޓެސްޓް ކުރަން ޖެހެ އެވެ. ސޮނޭވާގެ ރިސޯޓުތަކަށް އަންނަ މުވައްޒަފުން ވެސް ދެ ފަހަރު ޓެސްޓު ކުރުމަށް ފަހު ނޫނީ އެ މީހުން މަސައްކަތަކަށް ނުނެރެމެވެ. އަދި ބިދޭސީ މުވައްޒަފެއް ނަމަ ތިން ފަހަރު ޓެސްޓް ކުރަން ޖެހެ އެވެ،" އޭނާ ލިއުއްވި އެވެ.

ކޮވިޑް ޓެސްޓް ހަދައިގެން ރިސޯޓްތަކަށް ވާނެ ގެއްލުމެއް ނެތް

ސޯނޫގެ މަޒުމޫނުގައި ވިދާޅުވި ގޮތުގައި ހުރިހާ މުވައްޒަފުންނާއި ޓޫރިސްޓުން ޓެސްޓްކުރަން ބައެއް ރިސޯޓްތަކުން ބޭނުންނުވެދާނެ އެވެ. އޭގެ އެއް ސަބަބަކީ ޓެސްޓްގެ އަގު ބޮޑުވުމެވެ. އަނެއް ސަބަބަކީ، އޭނާ ލިއުއްވި ގޮތުގައި، އެގޮތަށް ޓެސްޓް ހަދާ ނަމަ ޗުއްޓީއަށް އަންނަން ޓޫރިސްޓުންގެ ޝައުގުވެރިކަން ގެއްލި، ވިޔަފާރިއަށް ގެއްލުން ވެދާނެމުގެ ބިރެވެ. އެކަމަކު މިދިއަ ދުވަސްތަކުގައި ސޮނޭވާގެ ރިސޯޓްތަކުގެ ވިޔަފާރިއަށް ބަލާއިރު އޭނާގެ ތަޖުރިބާއަކީ އެ ނޫން ކަމަށް ލިއުއްވި އެވެ. އެގޮތުން އޮކްޓޯބަރުން ފެށިގެން މިހާތަނަށް ސޮނޭވާގެ ރިސޯޓްތަކަށް ލިބުނު އާމްދަނީ 2019ގެ އެ މުއްދަތަށް ވުރެ މަތި ކަމަށް ލިއުއްވި އެވެ.

"އަހަރެމެންގެ ވިޔަފާރި ރަނގަޅުވީ ޓެސްޓްތައް ވަރުގަދަކޮށް، އަހަރެމެންގެ ރިސޯޓްތަކުގެ ރައްކާތެރިކަން ޓޫރިސްޓުންނަށް ކަށަވަރުކޮށްދެވުނީމަ އެވެ،" ސޯނޫ ލިއުއްވި އެވެ.

ވިޔަފާރި ރަނގަޅުވުމުގެ ސަބަބުން މިދިއަ ޑިސެމްބަރު މަހުގެ ސާވިސް ޗާޖަށް މުވަައްޒަފަކަށް 2،600 ޑޮލަރު، (40،000 ރުފިޔާ) ލިބުނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޑަރު ހުޅުވި ފަހުން ސޮނޭވާގެ ކޮންމެ ރިސޯޓަކުން ވެސް މިހާތަނަށް ޕޮޒިޓިވް ވީ އެންމެ 15 ވަރަކަށް މީހުންނެވެ. އަދި އެއިން އެއްވެސް ރިސޯޓެއްގައި ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ބަލި ކޮންޓްރޯލު ކުރެވިފައި އޮތީ ވެސް ގިނައިން ޓެސްޓް ހަދަމުން އަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯނޫ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތުމުން ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެހާ އުނދަގުލެއް ނުވާނެ އެވެ. އެކަމަކު އޭނާ އިންޒާރު ދެއްވީ މިދިއަ ދެތިން މަހު ޓޫރިޒަމަށް ލިބުނު ދިރުން، ހުއްޓިދާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެ ބިރުން ސަލާމަތްވެވޭނީ، އޭނާ ލިއުއްވި ގޮތުގައި، ރިސޯޓްތަކުން މިހާރަށް ވުރެ ބޮޑަށް ޓެސްޓިންއަށް ސަމާލުކަން ދީގެންނެވެ.

"ރިސޯޓްތަކުން ސަމާލުނުވެއްޖެ ނަމަ، ޓެސްޓް ހެދުމުގެ މުހިންމުކަން ދެނެނުގަނެވިއްޖެ ނަމަ، ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ދިރުމަކީ ކުރު މުއްދަތެއްގެ ކަމަކަށް ވެދާނެ އެވެ،" މަޒުމޫން ނިންމާލައްވަމުން ސޯނޫ ލިއުއްވި އެވެ.