Roadha Mihaaru
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

ތިން އަހަރަށް ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

28 އޮކްޓޯބަރ 2021

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެން، އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހެނގަރާއި އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓުން ބައެއް ކުއްޔަށް ދީފައިވަނީ ތިން އަހަރަށެވެ.

ގަން އެއާޕޯޓުގައި ފާއިތުވި 10 އަހަރު ފްލައިން ސްކޫލު ހިންގަމުން ދިޔައީ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އެވެ. ނަމަވެސް، އެތަން ހިންގަމުން ދިޔަ ގޮތާއި ތަފާތު އެކި މައްސަލަތަކާ ހެދި، އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން އެ އެއާޕޯޓު ހިންގާ ކުންފުނިން ނިންމީ އެވެ.

އައްޑޫގައި ފްލައިން ސްކޫލު ހިންގާނީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. އެ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި މި މަހުގެ 14 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ އެމްޑީ މިހާދު ކުރިން ވިދާޅުވެފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، ބޮޑު އިސްކަމެއް ދޭނީ އޭއޭއޭގެ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފްލައިން ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. ކިޔެވުމަށް އެތައް ހާސް ޑޮލަރެއް ހަރަދުކޮށްގެން ވެސް 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފަ އެވެ. އާ ފްލައިން ސްކޫލު ހިންގަން ނިންމާފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. މީގެ 30 އަހަރު ކުރިން ހުޅުވި އެ ފްލައިން ސްކޫލުގައި މިހާރު ވެސް ދިވެހި ދަރިވަރުން އަންނަނީ ތަމްރީނު ހަދަމުންނެވެ.