Roadha Mihaaru
ޒުވާން އެކްޓަރުން ފީ ބޮޑުކުރާތީ ކަރަން ފާޑު ކިޔައިފި

ޒުވާން އެކްޓަރުން ފީ ބޮޑުކުރާތީ ކަރަން ފާޑު ކިޔައިފި

31 ޑިސެމްބަރ 2021

ބޮލީވުޑްގައި މިހާރު ތިބި ޒުވާން ބައެއް އެކްޓަރުން ފިލްމު ކުޅެދޭ އަގު ބޮޑުކުރާތީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގައި މިހާރު ތިބި ޒުވާން ބައެއް އެކްޓަރުން ފިލްމު ކުޅެދޭ އަގު ބޮޑުކުރާތީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގެ މިހާރުގެ އެންމެ ކާމިޔާބު އެއް ސްޓޫޑިއޯގެ ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންސްގެ ވެރިޔާ ފިލްމު "ޕްރޮޑިއުސާސް އައްޑާ 2021" ގައި ބައިވެރިވެ، ވާހަކަ ދައްކަމުން ކަރަން ބުނީ މި ޖީލުގެ ޒުވާން ތަރިން ފިލްމު ކުޅޭ އަގު ބޮޑުކުރާތީ އެކަމާ "ރުޅިގަދަވެގެން" މިހާރު އެއްގޯސްވެފައިވާ ކަމަށެވެ.

ކަރަން ބުނި ގޮތުގައި ބައެއް އެކްޓަރުން 25-35 ކްރޯޑް ރުޕީސްގެ ފީއަކަށް ޑިމާންޑްކުރާ އިރު، އަމިއްލަ ފެންވަރާ މެދު ވެސް އެފަދަ ބައެއް އެކްޓަރުން ވިސްނާލަން ޖެހޭ ކަމަށެވެ. އަދި މި ފަހުން ފިލްމު ކުޅެދޭ އަގު ބޮޑުކުރި ބައެއް އެކްޓަރުންގެ ފަހު ނެރުނު ފިލްމުތައް ބޮޑުތަނުން ފްލޮޕްވުމުގެ އިތުރަށް ބައެއް އެކްޓަރުންނަކީ އެ މީހުންގެ ފިލްމެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިލީޒް ވެސް ނުވާ ބައެއް ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އިންޑަސްޓްރީ އަށް އެންމެ ބޮޑު ހީނަރުކަމެއް އައި ދަނޑިވަޅު [ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުން ފެށީގެން ފިލްމި ދާއިރާ އަށް ކުރިމަތިވި ހީނަރުކަން] ގައި ވެސް ބައެއް އެކްޓަރުން ވަނީ އެއްވެސް ވިސްނާލުމެއް އަދި ފިކުރެއް ނެތި ފިލްމު ކުޅެދޭ އަގު ބޮޑު ކޮށްފައި. މިއީކީ އަސްލު މިކަން ވާންވީ ގޮތެއް ނޫން. އަދި އަގުބޮޑު ކުރާ އިރު އެބަޖެހޭ ތިމާމެންގެ އަސްލު ފެންވަރާ މެދު ވެސް ވިސްނާލަން. އަދި ހާލަތަށް ރިއާޔަތް ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް." ކަރަން ބުންޏެވެ.

ވަރަށް ފަހަކާ ޖެހެންދެން އެންމެ މަޝްހޫރު ތަޖުރިބާކާރު ތަރިން ލައިގެން ނޫނީ ފިލްމު ނަހަދާ ދަރުމާ އިން މި ފަހުން ވަރަށް ބޮޑަށް ޒުވާން ތަރިން ލައިގެން އެ ސްޓޫޑިއޯގެ ފިލްމުތައް ހަދާ އިރު، ކަރަން ބުނީ ފިލްމެއް ހަމައެކަނި ބަރޯސާވަނީ އެ ފިލްމެއްގެ ލީޑް ކުޅޭ ބައެއްގެ މައްޗަށް ނޫން ކަމަށެވެ.

"އަގުބޮޑު ކުރާ އިރު އެބަޖެހޭ ތިމާމެންގެ އަސްލު ފެންވަރާ މެދު ވެސް ވިސްނާލަން. އަދި ހާލަތަށް ރިއާޔަތް ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް."

އޭގެ ބަދަލުގައި ރައިޓަރުންނާއި އެޑިޓަރުންނާއި ސިނަމަޓޯގްރަފީ ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ބޮޑު އަގު ލިބުން މާ ހައްގު ކަމަށް ވެސް ކަރަން ބުންޏެވެ.

"އެފަދަ މީސްމީހުންގެ ސަބަބުން ފިލްމުތައް ސަލާމަތްވި ފަހަރު [ބޮކްސް އޮފީހުގައި ފެއިލް ނުވި] ހަމަ ގައިމު ވެސް މަދެއް ނުވާނެ." ކާމިޔުާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ކަރަން ބުންޏެވެ.

އޭނާ ބުނީ އެކްޓަރުންނަށް ކްރޯޑުން އަގު ދީފައި ފިލްމެއް އެއްޗަކަށް ހަދަން މަސައްކަތްކުރާ އެހެން ޑިޕާޓްމަންޓްތަކުގެ މީހުންނަށް ލައްކައިގެ ފީއެއް ލިބުމަކީ އިންސާފެއް ވެސް ނޫން ކަމަށެވެ.

"އަހަރެންގެ އަމިއްލަ ނަފުސާ ވެސް ސުވާލުކުރަން ކީއްވެ ހެއްޔޭ އެކްޓަރަކަށް 15 ކްރޯޑް ރުޕިސް ދީފައި. މި ފާހަގަކުރި މުހިއްމު ޑިޕާޓްމަންޓްތަކުގެ މީހުންނަށް 55 ލައްކަ ރުޕީސް ދޭން ޖެހެނީ؟،"

"އަހަރެންގެ އަމިއްލަ ނަފުސާ ވެސް ސުވާލުކުރަން ކީއްވެ ހެއްޔޭ އެކްޓަރަކަށް 15 ކްރޯޑް ރުޕީސް ދީފައި، މި ފާހަގަކުރި މުހިއްމު ޑިޕާޓްމަންޓްތަކުގެ މީހުންނަށް 55 ލައްކަ ރުޕީސް ދޭން ޖެހެނީ؟. "އެކަމަކު މިހާރު އިންޑަސްޓްރީގެ ކަންކަން އޮތް ގޮތުން މި އުސޫލު މިހާރު އާންމު ކަމަކަށްވެއްޖެ." ކަރަން ބުންޏެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން މިހާރު އަންނަނީ އޭނާ ޑައިރެކްޓްކުރާ 8 ވަނަ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އެއީ 2023 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

ދަރުމާ އިން އަންނަ އަހަރަށް ތާވަލު ކޮށްފައިވާ ފިލްމުތަކަކީ "ގެހެރިޔާ"، "ގޯވިންދާ މޭރާ ނާމް"، "ޖުގް ޖުގް ޖިޔޯ"، މިސްޓަ އެންޑް މިސިޒް މާހީ"، "ބުރައްމަސްތުރާ"، "ޔޯދާ" އަދި "ލައިގާ" ހިމެނެ އެވެ. މިއަހަރު ގެނެސްދިނީ އެމެޒޯންއިން ޕްރީމިއާކުރި "ޝޭރުޝާ" އާއި ސިނަމާތަކަށް ގެނައި "ސޫރިޔަވަންޝީ" އެވެ.