Roadha Mihaaru
ކާތިކް އުޅެނީ އުޅެންވާ ގޮތަކަށް ނޫން

ކާތިކް އުޅެނީ އުޅެންވާ ގޮތަކަށް ނޫން

28 ޖެނުއަރީ 2022

މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ވަކި ކުރި ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން އަނެއްކާ ވެސް މައްސަލަގަނޑެއްގެ ތެރެ އަށް ވެއްޓި އޭނާ އަށް އަމާޒުކޮށް "އަން ޕްރޮފެޝަނަލް" ކަމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ވަކި ކުރި ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން އަނެއްކާ ވެސް މައްސަލަގަނޑެއްގެ ތެރެ އަށް ވެއްޓި އޭނާ އަށް އަމާޒުކޮށް "އަން ޕްރޮފެޝަނަލް" ކަމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.

މި ފަހަރު މައްސަލައަކަށް ވީ އޭނާ ކުޅެމުން އަންނަ ތެލެގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމޫލޫ" ގެ ހިންދީ ރިމޭކް "ޝެހެޒާދާ" ގެ މަސައްކަތް ކުރިއަށް ދަނިކޮށް ތެލެގޫ ފިލްމުގެ ޕްރޮޑިއުސަރުން އެ ހިންދީ ބަހުން ޑަބްކޮށްގެން ސިނަމާތަކުގައި އަޅުވަން ނިންމުމުން "ޝެހެޒާދާ" އިން ކާތިކް ވަކިވެދާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ 2020 ގެ "އާލާ ވައިކުންތަޕުއްރަމޫލޫ" ހިންދީ ބަހުން އަޑުއަޅައިގެން ސިނަމާތަކަށް ގެންނަން އުޅުނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް "ޝެހެޒާދާ" ގެ ޓީމުން އެކަމާ ދެކޮޅު ހެދުމުން އެކަން މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ރައިޓްސް ބުޝަން ކުމާރުގެ ޓީ ސީރީޒަށް ވިއްކީ ހިންދީ ބަހުން ޑަބްކޮށްގެން ފިލްމު ގެނެސްދޭ ގޮތަށެވެ. އަދި އެކަމުގެ އަގެއްގެ ގޮތުން 8 ކްރޯޑް ރުޕީސް ވެސް ދިނެވެ.

ނަމަވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު ހިންދީ ބަހުން ޑަބްކޮށްގެން ސިނަމާތަކުގައި އަޅުވަން އޭގެ ޕްރޮޑިއުސަރުން އަލުން މަސައްކަތް ފެށީ އައްލޫގެ އެންމެ ފަހުގެ ފިލްމު "ޕުޝްޕާ" ގެ ހިންދީ ވާޝަނަށް ވެސް ލިބުނު ތަރުހީބު ބޮޑުކަމުންނެވެ. އަދި ޑަބިން އަށް ދެ ކްރޯޑް ރުޕީސް ހަރަދުކޮށްފައިވެ އެވެ.

"އާލާ ވައިކުންތަޕުއްރަމޫލޫ" ހިންދީ ބަހުން އަޑު އަޅައިގެން ރިލީޒްކުރަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން "ޝެހެޒާދާ" އިން ވަކިވެދާނެ ކަމުގެ އިންޒާރު ކާތިކް ދިނުމުން އައްލޫގެ ފިލްމުގެ ޕްރޮޑިއުސަރު މަނީ ޝާހް ވަނީ ކާތިކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ އެއީ ވަރަށް އަން ޕްރޮފެޝަނަލް ކަމެއް ކަމަށާއި އެކަމުގެ ސަބަބުން "ޝެހެޒާދާ" ގެ ޓީމަށް 40 ކްރޯޑް ރުޕީސްގެ ގެއްލުމެއް ވެދާނެ ކަމަށެވެ.

މަނީޝް ބުނި ގޮތުގައި ކާތިކް ޖެއްސި މައްސަލައާ ހެދި އޭނާ އަށް ވެސް 20 ކްރޯޑްގެ ގެއްލުމެއްވެފައިވެ އެވެ. އެއީ ފިލްމުގެ ހިންދީ ޑަބިން އަށް ހޭދަކުރި ދެ ކްރޯޑާއި ސިނަމާތަކުގައި ފިލްމު އަޅުވަން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތައް ފެނަށް ދިއުމެވެ.

"ޝެހެޒާދާ" އިން ވަކިވެދާނެ ކަމުގެ އިންޒާތު ކާތިކް ދިން އިރު، އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ "ޝެހެޒާދާ" ގެ ދެ ޝޫޓިން ޝެޑިއުލެއް މިހާތަނަށް ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 4 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޝެހެދާޒާ" ގެ ކާސްޓްގައި ކްރިތީ ސެނަން އާއި މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ. އަދި މި ފިލްމަކީ ކާތިކްގެ ކެރިއަރުގައި މިހާތަނަށް ފީއެއްގެ އެންމެ ބޮޑު އަގެއް ލިބުނު ފިލްމު ވެސް މެ އެވެ. އެއީ 21 ކްރޯޑް ރުޕީސް (2.81 މިލިއަން ޑޮލަރު) އެވެ.

"އާލާ ވައިކުންތަޕުއްރަމޫލޫ" އަކީ ކާސްޓްގައި ޕޫޖާ ހެގްޅޭ އާއި ތައްބޫ އަދި ޖަޔަރާމް ފަދަ މަޝްހޫރު ތަރިން ހިމެނުނު ފިލްމެކެވެ.