Roadha Mihaaru
އަކްޝޭގެ "ސެލްފީ" ގައި އިމްރާން

އަކްޝޭގެ "ސެލްފީ" ގައި އިމްރާން

14 ޖެނުއަރީ 2022

އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ސެލްފީ" އިއުލާންކޮށް، އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ސެލްފީ" އިއުލާންކޮށް، އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ 2019 ގައި ރިލީޒްކުރި ކާމިޔާބު މަލަޔާލަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އަކްޝޭގެ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ހަދަން ނިންމާފައިވާ "ސެލްފީ" ގެ ޑައިރެކްޓަރަކީ އަކްޝޭގެ 2019 ގެ "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާ އެވެ. އެ ފިލްމަކީ ވެސް ކަރަންގެ ދަރުމާގެ ތައްގަނޑުގައި ގެނެސްދިން އެއްޗެކެވެ.

ވަރަށް އަވަހަށް ޝޫޓިން ފަށަން ހަމަޖެހިފައިވާ "ސެލްފީ" އިއުލާންކުރި ނަމަވެސް މީގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ހާމައެއްނުކުރެ އެވެ. މި ފިލްމަކީ ކަރަން ޕްރޮޑިއުސްކުރާ ފިލްމެއްގައި އިމްރާން މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ދަރުމާ ޕްރޮޑަކްޝަނުން 2014 ގައި ގެނެސްދިން ޑައިރެކްޓަރު ރެންސިލް ޑި ސިލްވާގެ "އުނގުލީ" އަކީ އިމްރާން މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ.

އޭނާ އާއި އަކްޝޭ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ސެލްފީ" ގައި ކިޔައިދޭނީ ފުލުހަކާއި ފިލްމީ ތަރިއެއްގެ ވާހަކަ އެވެ. ލާލް ޖޫނިއާ ޑައިރެކްޓްކުރި "ޑްރައިވިން ލައިސަންސް" ގެ ލީޑް ރޯލު ކުޅުނު ޕްރިތުވީރާޖް ސުކުމަރަން އާއި ސޫރަޖް ވެންޖަރަމޫޑޫ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ސެލްފީ" ގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ އިރު، މީގެ ޑައިރެކްޓަރު ރާޖް މި އަހަރު "ޖުގް ޖުގް ޖިއޯ" ގެނެސްދޭނެ އެވެ. އެ ފިލްމުގެ ތަރިންނަކީ ވަރުން ދަވަނާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރްގެ އިތުރުން ނީޓޫ ސިންގެވެ.