މީހުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފުކުރާ "ހޯމްސްޓޭ" ޓޫރިޒަމް ގަވާއިދު މިރޭ އާންމުކޮށްފި އެވެ.
30 ޑިސެމްބަރ 2021
މީހުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފުކުރާ "ހޯމްސްޓޭ" ޓޫރިޒަމް ގަވާއިދު މިރޭ އާންމުކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު ހޯމްސްޓޭ ޓޫރިޒަމް މ. ދިއްގަރުގައި ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން އެކަމަށް އެކުލަވާލާފައިވާ ގަވާއިދުގައި ވަނީ ހޯމްސްޓޭ ގެސްޓްހައުސްގެ ގޮތުގައި ބަލާނެ ތަންތަނާއި އެތަންތަނަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތާއި ހުއްދަ ބާތިލުކުރާނެ ކަންކަމުގެ އިތުރުން އެތަން ބަލާފާސްކުރާނެ ގޮތްތައް ވެސް ހިމަނައިފަ އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ އަށް ހުށަހަޅާ ވިޔަފާރީގެ ހުރިހާ ބައިވެރިންނާއި ޑިރެކްޓަރުންގެ ކުށުގެ ރިކޯޑް ހުށަހަޅަން ޖެހެ އެވެ. އަދި ޓޫރިޒަމް ގުޑް އެންޑް ސާވިސަސް ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ވާން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އަށް ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސްގެ ހުއްދަ އަށް އެދުމުން މިނިސްޓްރީން އައްޔަނުކުރާ ފަރާތެއް ގޮސް އެ އިމާރާތް ބެލުމަށް ފަހު އެތަނަކީ ޓޫރިސްޓުން ބައިތިއްބަން ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބަލާނެ އެވެ. އަދި އެކަމަށް އެދޭ މީހަކީ ދައުލަތަށް އެއްވެސް ފައިސާއެއް ދައްޖަން ޖެހޭ މީހެއްތޯ އާއި ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައިވާ މީހެއްތޯ ބަލާނެ އެވެ.
ހޯމްސްޓޭ އަށް ހުއްދަ ދޫކުރަން މިނިސްޓްރީން ނިންމާފައި ވަނީ ފަސް އަހަރަށެވެ. އެއީ ގެސްޓްހައުސް ހިންގުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރި ފަރާތް ނޫން ނަމަ، އެގްރީމަންޓުގެ މުއްދަތަކީ ފަސް އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ، ހުއްދަ ދެނީ އެ އެގްރީމަންޓުގެ ހުއްދަ ހަމަވާ ދުވަހަށް ވުރެ ކުރު މުއްދަތަކަށެވެ.
ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓު ފެރީއަށް އަރަންދަނީ-- މިހާރު ފައިލް ފޮޓޯ
ގަވާއިދުގައި ބުނީ ކުށުގެ ރިކޯޑު ސާފުކުރާއިރު ހުއްދަ އަށް އެދޭ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ ކުށުގެ ރިކޯޑު އޮތް ނަމަ، އެ ކުށަކީ ހޯމް ސްޓޭ އަށް ޒިޔާރާތްކުރާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫއަރާ ފަދަ އަމަލެއް ކަމަށް ގަބޫލުކުރެވޭ ނަމަ، ހުއްދަ ދޫނުކުރުމުގެ އިހްތިޔާރު ވެސް މިނިސްޓްރީ އަށް ލިބޭ ކަމަށެވެ.
މި ހުއްދަ ދޭ ތަންތަނަށް މަދުވެގެން 24 ގަޑިއިރުގެ ނޯޓިހެއް ދިނުމަށް ފަހު ބަލާފާސްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށާއި މިނިސްޓްރީން އައްުޔަންކުރާ މީހުންނަށް ލިބެ އެވެ.
މިނިސްޓްރީން ހުއްދަ ދޭ ހޯމްސްޓޭތައް ހުއްޓާލަން ބޭނުންވެެއްޖެ ނަމަ، ހުއްދަ ބާތިލުކުރުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭއިރު ހުއްދަ ބާތިލުކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަން ހުއްދަ ދިން މީހާ އަށް އަންގަން ޖެހެ އެވެ.
- އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް ޓޫރިސްޓުން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހޭ. [ކޮޓަރި އާއި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ].
- ކޮންމެ ކޮޓަރިއެއްގައި ވަކިވަކި ފާހާނާ ހުންނަން ޖެހޭ.
- ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދަން ދެ އެނދު ހުންނަން ޖެހޭ.
- ގެސްޓްހައުސްގައި ހުންނަ ޓޫރިސްޓަކަށް އެތަނެއްގެ ވެރިއަކަށް ގުޅުމުގެ އިންތިޒާމު ހަމަޖެއްސުން
ހޯމްސްޓޭގެ ގޮތުގައި ހިންގާ ތަންތަނަށް ހުއްދަ ދޫކުރާނީ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކް ގާއިމުކޮށްފައިވާ ނަަމަ އެވެ. ޓޫރިސްޓުން ރަށު ތެރޭގައި ހިފަަހައްޓަން ޖެހޭ މިންގަނޑުތައް ބަޔާންކޮށް، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި އަމަލުކުރާނެ އުސޫލު އެކުލަވާލަން ޖެހެނީ ކައުންސިލުންނެވެ. އަދި އިމަޖަންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލަން ޖެހޭއިރު ހޯމްސްޓޭތަކުގައި އިމަޖަންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރަން ޖެހެނީ އެ ޕްލޭނަށެވެ.
ގަވާއިދުގައި ބުނާ ގޮތުގައި މި ތަންތަނުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ.
- ޕާސްޕޯޓާއި ފާއިސާ ފަދަ ތަކެތި ރައްކާކުރުމަށް ތަޅުލެވޭ ސެކިއުރިޓީ ބޮކްސްއެއް ހުންނަންޖެހޭ.
- ކޮޓަރީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ނަމަ، އެކަމުގެ ނިޝާން ކޮޓަރީގައި ފެންނަން ހުންނަން ޖެހޭ.
- ކޮންމެ ކޮޓަރިއެއްގައި މަދުވެގެން ދެ ލީޓަރުގެ ފެން ލިބެން ހުންނަން ޖެހޭ.
- ކޮޓަރި އާއި ފާހާނާގައި މަތިލެއްޕޭ ގޮތަށް ކުނި އަޅާ ވަށިގަނޑެއް ހުންނަން ޖެހޭ.
- މަދުވެގެން ކޮންމެ މީހަކަށް ތުވާއްޔެއްގެ މަގުން ތުވާލި ދޭންޖެހޭ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ނޫ އިގްތިސޯދު" ގައި ވަނީ ހޯމް ސްޓޭގެ ވައުދު ހިމަނައިފަ އެވެ.
އިއުލާން ނުކޮށް ރަށްތައް ދޫކުރަން ފާސްކޮށްފި
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ހަތަރު ދުވަސްތެރޭ ޗައިނާ ޓޫރިސްޓުން ގަދަ 10 އަށް
ކާނި ހޮޓަލުގެ ސާވިސް ޗާޖަށް 1.1 މިލިއަން ރުފިޔާ