Roadha Mihaaru
ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި

ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި

31 ޑިސެމްބަރ 2021

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗް 2-1 އިން ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗް 2-1 އިން ކާމިޔާބު ކޮށްފި އެވެ.

މި މޮޅާ އެކު މާޒިޔާ ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިގެން ލީގް ބުރުގެ ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. ނުވަ ޕޮއިންޓް ހޯދާފައި އޮތް ވެލެންސިއާ އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުން ކުރި ލިބޭތީ އެވެ. ޓީސީ އޮތީ ތިން ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ.

މެޗުގެ ކުރީކޮޅު ޓީސީގެ ޑިފެންސުން މާޒިޔާގެ އެޓޭކްތައް ހުއްޓުމުމުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ލިބުނު މަދު ފުރުސަތު ތަކުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. އިބްރާހީމް ސާވީ މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ހުސްކޮށް ޒަޔާން ނަސީރަށް ދިން ބޯޅަ އޭނާއަށް ކޮންޓްރޯލް ނުވިއިރު، އަހުނަފް މުހައްމަދު ތަސްނީމް މާޒިޔާ ޕެނަލްޓީ އޭރިއާ ތެރެއިން ހަސަން ޝިފާޒް ކައިރިން ނައްޓަފައި ނަގައިދިން ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ދިފާއުކުރީ ކީޕަރު ކިރަން ޝެމްޝޮން އެވެ.

މާޒިޔާއިން ނެގި ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ޓީސީގެ ކީޕަރު އިމްއާން އަތުލަނީ.-- ފޮޓޯ: އެފްއޭއެމް

މާޒިޔާއިން ނެގި ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ޓީސީގެ ކީޕަރު އިމްއާން އަތުލަނީ.-- ފޮޓޯ: އެފްއޭއެމް

މާޒިޔާއިން އެ ޓީމުގެ ފުރަތަމަ ހަމަލާ ފޮނުވާލީ 23 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން އަހުމަދު އަބްދުﷲ (ލިލީ) އެވެ. ލިލީ ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު އާދަމް އިމްއާން ދިފާއު ކުރިއިރު، އެއަށް ފަހު މާޒިޔާއިން ވަނީ ކުރިޔަށް ވުރެ އިތުބާރާ އެކު ކުޅެން ފަށައިފަ އެވެ.

ކުޅުން ރަނގަޅުކޮށް މާޒިޔާއިން ފުރަތަމަ ލަނޑު ޖެހީ 39 ވަނަ މިނިޓުގައި އިބްރާހިމް އައިސަމް އެވެ. ޓީސީގެ ކީޕަރު ކުރިޔަށް އަރާހުރި ވަގުތުގައި ލިލީ އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އައިސަމް ވަނީ ބޮލުން ޖަހައި ކީޕަރު ބޯ މަތިން ގޯލަށް ފޮނުވާލައިފަ އެވެ.

މާޒިޔާގެ ދެވަނަ ލަނޑު ޖެހީ 45 ވަނަ މިނިޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އިއްބެ މި ލަނޑު ޖެހީ އައިސަމް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެންނެވެ.

ޓީސީގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މުހައްމަދު މުސްލިހެވެ. އޭރިއާ ބޭރުން މުސްލިހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތް ދަށުން ގޮހެވެ.

އެއަށް ފަހު މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެއް ޓީސީގެ ކީޕަރު އިމްއާން ވަނީ ދިފާއު ކޮށްފަ އެވެ. ހަމްޕު މިރޭގެ މެޗުގައި ކުޅެން ނުކުތީ މެޗުގެ ފުރަތަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ.

ޓީސީން ވަނީ މިރޭ މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް އެ ޓީމުގެ ފުލްބެކުންނަށް ކުޅުނު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) އާއި ހަމްދޫން އަބްދުއްލަތީފް ވަނީ މޮޅަށް ކުޅެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު ހަވީރު ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލު ކުރާނެ އެވެ. ހޯމަ ދުވަހުގެ ރޭ ބައްދަލުކުރާނީ މާޒިޔާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.