Roadha Mihaaru
ޓީސީ ކުޅުނީ ފުޓްބޯޅައެއް ނޫން: މާޒިޔާ ކޯޗު

ޓީސީ ކުޅުނީ ފުޓްބޯޅައެއް ނޫން: މާޒިޔާ ކޯޗު

11 އެޕްރީލް 2023

ޕްރެޒިޑެންޓްސް ކަޕުގައި ރޭ މާޒިޔާ އަތުން 2-0 އިން ބަލިވި ޓީސީ އިން ކުޅުނީ ފުޓްބޯޅަ ނޫން ކަމަށް ބުނެ، މާޒިޔާގެ ކޯޗު އިވާން ކޮލޭވް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕްރެޒިޑެންޓްސް ކަޕުގައި ރޭ މާޒިޔާ އަތުން 2-0 އިން ބަލިވި ޓީސީ އިން ކުޅުނީ ފުޓްބޯޅަ ނޫން ކަމަށް ބުނެ، މާޒިޔާގެ ކޯޗު އިވާން ކޮލޭވް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޓީސީ އަކީ މުބާރާތުގައި ވާދަކުރާ ހަ ކްލަބުގެ ތެރެއިން ފަރިތަކުރުންތައް އެންމެ ފަހުން ފެށި ކްލަބެވެ. އެ ޓީމުން ފަރިތަކުރުންތައް ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. ޕްރެކްޓިސް މަދުވުމުގެ ސަބަބުން، މެޗުގެ ތެރެއިން ވެސް ވަނީ ޓީސީގެ ކުޅުންތެރިންގެ ފަރާތުން ފިޓްނަސްގެ މައްސަލަތައް ފާހަގަ ކުރެވުނެވެ. އެކަމަކު މާޒިޔާ އަކީ ފެބްރުއަރީން ފެށިގެން ޕްރެކްޓިސް ފަށައި ސައޫދީ އަރަބިއްޔާގައި ވެސް ތަމްރީން ހަދާފައިވާ ކްލަބެކެވެ.

"މެޗަށް ކޮމެންޓް ކުރަން ވަރަށް އުނދަގޫ. ފުރަތަމަ ހާފުގައި ފުލްކޮށް ޑޮމިނޭޓް ކުރެވުނު. އެކަމަކު ދެ ވަނަ ހާފުގައި ފުޓްބޯޅަ ކުޅުނީ 15 ވަރަކަށް މިނިޓު. ބާކީ 30 މިނިޓު ހޭދަވީ [ޓީސީގެ] އަނިޔާވި ކުޅުންތެރިންނަށް ފަރުވާދޭން. ކުޅުންތެރިން ތިބީ ދަނޑުމަތީގައި އޮށޯވެލައިގެން. މިއީ ފުޓްބޯޅައެއް ނޫން. ދެވަނަ ހާފަށް ކޮމެންޓެއް ދެވޭކަށް ނެތް،" މާޒިޔާގެ ކޯޗު ބުންޏެވެ.

"އެހެން ނަމަވެސް މެޗުގައި އަހަރެމެންނަށް ވަނީ [ގޯލު ޖަހަން] ގިނަ ފުރުސަތުތަކެއް ލިބިފައި. މި މެޗުގައި އެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނު، އުންމީދަކީ ދެން އޮތް މެޗުގައި އެކަން ރަނގަޅުކުރުން."

މާޒިޔާ އާއި އީގަލްސް ފިޔަވައި ބާކީ ހަތަރު ކްލަބް ވެސް އާ ސީޒަނަށް ފަރިތަކުރުންތައް ފެށީ މިދިޔަ ހަފްތާގަ އެވެ. އަދި ކްލަބްތައް ޕްރެކްޓިސް ފެށީ ކޮން ވަގުތަކުތޯ ބެލުން މާޒިޔާއަށް މުހިއްމު ނޫން ކަމަށް ވެސް އިވާން ވަނީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފަ އެވެ.

އެކަމަކު ކުރިއަށް ހުރި މެޗްތަކުގައި ވެސް އިދިކޮޅުން ކުޅޭ ކްލަބްތަކުގެ ކުޅުންތެރިންގެ ފަރާތުން ފިޓްނަސްގެ މައްސަލަތަކާ އެކު މެޗު ލަސްވުމުގެ ކަންކަން ފެނިދާނެކަމަށް ބަލައި މާޒިޔާއިން ސަމާލުވާން ޖެހޭކަމަށް، ރޭގެ މެޗަށް ފަހު އިވާން ވަނީ ބުނެފަ އެވެ.

"މިކަންކަމަށް ސަމާލުވާން ޖެހޭ، މިއީ ފުޓްބޯޅައެއް ނޫން. މިއީ ފުޓްބޯޅައެއް ނޫން. އަހަރެންނަށް ވިސްނޭ އެމީހުންގެ ފިލޯސޮފީ، މިގޮތަށް ކުޅެނީ ވަކި ބޭނުމެއްގައި. އަހަރެމެން ޖެހޭނީ މިހާރަށް ވުރެ އެގްރެސިވް ކުޅުމެއް ކުޅެން،" އިވާން ބުންޏެވެ.

އިވާން ބުނީ މާޒިޔާގެ ސާބިއާ ފޯވާޑް ސްޓެފާން މިހައިލޮވިޗް މެޗު ކުޅުނީ ދަތުރު ވަރުބަލިކަން މަތީގައި ހުރެ ކަމަށެވެ. ޗެރިޓީ ޝީލްޑް މެޗު ކުޅެފައި ސާބިއާ އަށް ގޮސް، އޭނާ އެނބުރި ރާއްޖެ އައީ އާދިއްތަ ދުވަހު ކަމަށާއި މެޗު ކުޅުނީ ޕްރެކްޓިސް ނުކޮށް ކަމަށެވެ. އަދި ސްކޮޑް ގައި ހިމެނޭ ބިދޭސީ ދެ ކުޅުންތެރިއަކު ވެސް ކުރިއަށް އޮތް މެޗަށް ތައްޔާރު ކުރާނެ ކަމަށް ކޯޗު ބުންޏެވެ.