Roadha Mihaaru
ޗައިނާގެ ގައުމީ ޓީމްގެ ކުޅުންތެރިންނަށް ޓެޓޫ މަނާ

ޗައިނާގެ ގައުމީ ޓީމްގެ ކުޅުންތެރިން ޓެޓޫ ޖެހުން މަނާކޮށްފި

01 ޖެނުއަރީ 2022

ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ ކުޅުންތެރިން ޓެޓޫ ޖެހުން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ ކުޅުންތެރިން ޓެޓޫ ޖެހުން މަނާކޮށްފި އެވެ.

އެ ގައުމުގައި އަލަށް އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން މިހާރު އަންގާފައި ވަނީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޓެޓޫ ޖަހާފައިވާ ކުޅުންތެރިންގެ ޓެޓޫ ފުހެލުމަށެވެ.

ޗައިނާގެ ކުޅިވަރާ ބެހޭ ރަސްމީ އިދާރާ، ޖެނެރަލް ސްޕޯޓްސް އެޑްމިނިސްޓްރޭޝަން އޮފް ސްޕޯޓްސް (ޖީއޭއެސް) އިން ބުނީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ކުޅުންތެރިން ހޮވާ އިރު ޓެޓޫ ޖަހާފައިވާ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ވެސް ނުދޭނެ ކަމަށެވެ. އެހެންވެ ފުޓްބޯޅަ އިން ކުރިއަށް ދާން ބޭނުންވާ އަދި ގައުމީ ޓީމަށް ކުޅެން ޝައުގުވެރިވާ ޒުވާނުންނަށް އޮތް ގޮތަކީ އެއްގޮތަކަށް ވެސް ހަށިގަނޑުގައި ޓެޓޫ ނުޖެހުން ކަމަށް ބުންޏެވެ.

ކުޅިވަރާ ބެހޭ އިދާރާ އިން ބުނީ ކުޅުންތެރިން ޓެޓޫ ނުޖަހަން އެންގީ އެ މީހުންނަކީ "ޑީސެންޓް" އަދި ޅަ ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި ދެއްކުމަށްޓަކަ އެވެ. ޗައިނާ އިން ޓެޓޫއާ ގުޅޭ އާ އުސޫލަކަށް އަމަލު ކުރަން ފެށި އިރު މީގެ ކުރިން ވެސް އެ ގައުމުގެ މަޝްހޫރު ބައެއް ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޒަންގް ލިންޕެންގް ފަދަ ކުޅުންތެރިންނަށް އެ މީހުން ޖާޒީގައި ތިބޭ އިރު ހަށިގަނޑުން ފެންނަ ތަންތަނުގައި ޖަހާފައިވާ ހުންނަ ޓެޓޫތައް ނިވާކުރަން އަންގައިފަ އެވެ.

އަދި މިކަމަކީ 2018 އިން ފެށިގެން ޗައިނާ އިން ހަރުދަނާ އުސޫލެއްގެ ދަށުން ހަރުކަށި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމެކެވެ.

ޖީއޭއެސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޓެޓޫ ޖަހާފައިވާ އަދި ޓެޓޫ އެއްކޮށް ފޮހެނުލެވޭ ކުޅުންތެރިންނަށް ހާއްސަ ހާލަތްތަކުގައި އެ މީހުންގެ ޓެޓޫ ފޮރުވަން ޖެހޭނެ އެވެ.

"އެގޮތުން ޓްރެއިނިންތަކާއި ރަސްމީ މެޗްތަކުގައި ވެސް ވެސް ޓެޓޫ ނުފެންނަ ގޮތަށް ހަދަން ޖެހޭނެ." ބަޔާނުގައި ބުންޏެވެ.

މި ފަހަކަށް އައިސް ޗައިނާގެ ޒުވާނުންގެ މެދުގައި ޓެޓޫ ޖެހުން އާންމުވެ، އެކަން މަގުބޫލު ފެޝަނެއްގެ ގޮތުގައި އޮތަސް މީގެ އަހަރުތަކެއް ކުރިން ޓެޓޫއާ މެދު ޗައިނާ މީހުން ދެކެމުން އައީ އާންމު މިންގަނޑަށް ނުފެތޭ ހުތުރު ކަމެއްގެ ގޮތުގަ އެވެ. އެގޮތުން ކުރިން ޓެޓޫ ޖަހާފައިވާ މީހުން ސިފަކޮށް އުޅުނީ ގޯސްކޮށް އުޅޭ ވިޔާނުދާކޮށް މީހުން ކުރާ ކަމެއްގެ ގޮތުގަ އެވެ. މި ވިސްނުމަކީ އަދިވެސް ޗައިނާގެ މުޖުތަމައު ތެރޭގައި އޮތް ވިސްނުމެކެވެ.