Roadha Mihaaru
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

01 ޖެނުއަރީ 2022

އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވާން ކުރާ މަސައްކަތުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވާން ކުރާ މަސައްކަތުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ކުރިއަށް ގެންދަން ފަށާފައިވާ ޕެޓިޝަނުގައި ހުޅުދު އާއި މީދޫގެ ރައްޔިތުން އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި ރަށުން ބޭރުގައި ތިބި ދެ އަވަށުގެ މީހުން ވެސް ހިމެނެ އެވެ. މި ޕެޓިޝަނަކީ މީގެ ދެ އަހަރެއް ވެސް ކުރިން ވެސް ފެށި، އެކަމަކު ރަސްމީ ކުލައެއް ނުޖެހި އޮތް ކަމެކެވެ.

ސިޓީ ކައުންސިލުން ވަކިވާން ސޮއިކުރާ މި ޕެޓިޝަނަކީ އެ ކައުންސިލުން ވަކިވެ ހުޅުމީދު ވަކި ރަށު ކައުންސިލެއްގެ ގޮތުގައި ހިންގޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދި ސަރުކާރަށް ހުށަހަޅަން ނިންމާފައިވާ ޕެޓިޝަނެކެވެ. މީދު އާއި ހުޅުދޫގެ މެޖޯރިޓީގެ ސޮއި ހޯދުމަށް ފަހު ވަރަށް އަވަހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަން ހުށަހަޅަން ހަމަޖެހިފައިވާ ކަމަށް މިކަމުގައި މީދޫގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ އަހުމަދު ޝިޔާމު ވިދާޅުވި އެވެ.

އޭނާ މިއަދު "މިހާރު" އަށް ވިދާޅުވީ ސޮއިކުރުން މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މީދޫގެ ރައްޔިތުންގެ ސޮއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހޯދައި ނިންމާނެ ކަމަށެވެ.

"ހަތަރު ދިމާއަކަށް ބަހާލައިގެން މީދޫގައި ސޮއި ހޯދުން މިހާރު ވަރަށް ފޯރީގައި ކުރިއަށް އެބަދޭ. އަދި ހުޅުދޫ ފަޅިން ވެސް ވަރަށް އަވަހަށް މި މަސައްކަތް ހަލުވިވެގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި އިރު، އެ ދެ އަވަށް ކައުންސިލުން ވަކިކުރުމުގެ މައްސަލަ ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވެފައިވެ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ދެ އަވަށުގެ ރައްޔިތުން ތިބި މިކަމަށް ވަރަށް ބޮޑަށް ތާއިދުކޮށްގެން މިކަން ކުރަން ނުކުމެ ކަމަށްވާތީ ސިޓީ ކައުންސިލުން ވަކިވާން ކުރާ މަސައްކަތް ކާމިޔާބު ވެސް ވާނެ އެވެ.

"މިކަމަކީ ކުރިން ވެސް އެކި ފެންވަރުގައި ވާހަކަ ދެކެވި، އެކަމަކު ހިޔާލު ތަފާތުވުންތަކަކާ ހެދި ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައި އޮތް މަސައްކަތެއް. އެކަމަކު މިހާރު މިކަން ކުރަން ގިނަ ބަޔަކަށް ފެނި މިކަމަށް ގިނަ ބަޔަކު ތާއީދު ވެސް ކުރާތީ މިކަމަށް ކުރާ މަސައްކަތަށް ދެން ހުއްޓުމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ. "މިކަން ކާމިޔާބު ވަންދެން އަހަރެމެން މި ތިބީ ކަމުގައި ކުރިއަށް ދާން."

ޝިޔާމް ވިދާޅުވި ގޮތުގައި ހުޅުމީދު އަށް ހުރިހާ ގޮތަކުން ވެސް ރަނގަޅީ ސިޓީ ކައުންސިލާ ވަކިވެ، ވަކި ކައުންސިލްގެއް ގޮތުގައި ހިންގުމެވެ. އިދާރީ ގޮތުންނާއި ހިދުމަތްތަތައް ހޯދުމާއި ލިބިގަތުމާއި އިގުތިސާދީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލާ ވަކިވުމަށް ހުޅުމީދޫން ކުރާ ކެމްޕޭން ވަރުގަދަވަމުންދާ އިރު، މިދިޔަ ބުރާސްފަތި ދުވަހު މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ދެ އަވަށް ސިޓީ ކައުންސިލާ ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އައްޑޫގެ އެހެން އަވަށްތަކާ މުޅިން ވަކިން އޮންނަ ހުޅުދު އާއި މީދުއާ އެކު އައްޑޫގައި އޮންނަނީ ހަ އަވަށެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދު އާއި މީދު އެވެ.