Roadha Mihaaru
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ

ކޮވިޑް-19: އައްޑޫން އާ ކޭސްތައް ފެނުން ކޮންޓްރޯލްވެ، ރަނގަޅުވި މީހުންގެ އަދަދު 61 އަށް

04 މާޗް 2021

މިދިޔަ މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ފާއިތުވި ހަތަރު ވަރަކަށް ދުވަހު، އެ ބަލި ޖެހިފައިވާ މީހުން ނުފެނި ބަލިން ރަނގަޅުވި މީހުންގެ އަދަދު 61 އަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ފާއިތުވި ހަތަރު ވަރަކަށް ދުވަހު، އެ ބަލި ޖެހިފައިވާ މީހުން ނުފެނި ބަލިން ރަނގަޅުވި މީހުންގެ އަދަދު 61 އަށް އަރައިފި އެވެ.

އައްޑޫން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 91 އެވެ. ނަމަވެސް 61 މީހަކު ބަލިން ރަނގަޅުވެ، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 30 އެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫން ކޮވިޑްގެ އާ ކޭސްތައް ފެނުން ކޮންޓްރޯލް ވެފައިވާ އިރު، އެންމެ ފަހުން ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވީ މީދޫންނެވެ. އެ އަވަށުން މީހާތަނަށް 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ. މިކަމާ ގުޅިގެން މީދޫގައި ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް ބޮޑަށް އިތުރުކޮށް، ކޮންޓްރެކްޓް ޓްރޭސިން ވެސް ވަރުގަދަކޮށްފައިވެ އެވެ.

އައްޑޫގެ ކޮވިޑު ކޭސްތަކުގެ އެންމެ ފަހުގެ މައުލޫމާތު

މީދޫގެ ކޭސްތަކާ ގުޅިގެން ހުޅުދު އާއި މީދޫ އަދިވެސް އޮތީ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގަ އެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ހާއްސަ ފިޔަވަޅުތައް މިދިޔަ މަހުގެ 24 ގައި ވަނީ އުވާލައިފަ އެވެ.

އައްޑޫން ކޮވިޑަށް ޕޮޒިޓިވް 91 މީހުންގެ ތެރެއިން 35 މީހުންނަކީ ބިދޭސީންނެވެ. ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު ގިނަ އެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އަށް ނިސްބަތްވާ މީހުންނެވެ.

އައްޑޫން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ހިތަދޫންނެވެ. އެއީ 22 އެވެ. ދެން ފޭދޫން 17 އަދި މަރަދޫފޭދޫން 4 ހަތަރު މީހަކު ޕޮޒިޓިވް އެވެ.

މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭހެއް އައްޑޫން ފެނިފައި ނުވަނީ މަރަދު އާއި ހުޅުދޫންނެވެ.

އައްޑޫގައި ވެކްސިން ޖެހި މީހުންގެ އަދަދު އިއްޔެއާ ހަމައަށް 8،895 އަށް އަރަ އެވެ.