Roadha Mihaaru
މާލޭގައި 100،000 ގަސް؛ ފުރަތަމަ އަނބުގަހެއް

އަނބު ގަހަކުން، މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފި

01 ޖެނުއަރީ 2022

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އަމީނީމަގުގައި އަނބުގަހެއް އިންދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އަމީނީމަގުގައި އަނބުގަހެއް އިންދައިފި އެވެ.

މާލެ ފެހިކުރުމުގެ ގޮތުން މަގުތަކާއި ޕާކުތަކުގައި އަނބުގަހާއި ސައްކެޔޮގަހާއި ހިތިގަހާއި އަދި ދަނބުގަސް ފަދަ ގަސްތައް އިންދަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އަމީނީ މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތުގެ ކުރިމަތީގައި މި އަނބުގަސް އިންދައި މި ޕްރޮގުރާމް ފައްޓަވައިދެއްވީ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު ކަމަށްވާ، ސީނިއާ އެގްޒެކެޓީވް އޮފިސަރު އަބްދުﷲ ރަމީޒް އެވެ. މާލެ މުނިސިޕަލްޓީގެ ދުވަސްވަރުން ފަށައިގެން އޭނާ ސިޓީ ކައުންސިލުގައި މަސައްކަތް ކުރަމުން އަންނަތާ 39 އަހަރު ވެއްޖެ އެވެ.

މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގުރާމް ފެށުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގުރާމް ފެށުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ 100،000 ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާން ވަނީ ރޭވިފަ އެވެ. އަދި މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މިކަން ކުރަނީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައި ކަމަށާއި މާލޭގައި މިހާތަނަށް ކާބޯތަކެތި އަޅާގަސް ހެއްދުމަށް ސަމާލުކަމެއް ދެވިފައި ނުވާތީ މި މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށެވެ.

މި ޕްރޮގުރާމަށް ބޭނުންވާ ގަސްތައް ގެންނަނީ، ކައުންސިލުން މިކަމަށް ހާއްސަ ބަޖެޓެއް ހަދައިގެން، ރަށްރަށުންނާއި ރާއްޖެއިން ބޭރުންނެވެ. އެއީ ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް އަދި ތައިލޭންޑުން ފަދަ ގައުމުތަކުންނެވެ. އަދި މި ގަސްތައް މާލެ ގެނެސް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ވަނީ ހަދައިފަ އެވެ.

މިއީ، ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން، ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފަ އާއި ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.

ކޮންކްރީޓް ހާއްޔެއްގެ ގޮތުގައި އޮތް މާލެ ފެހިތަނަކަށް ހަދަން ކުރީގެ ކައުންސިލުތަކުން ވެސް ގަސް އިންދުމުގެ ޕްރޮގުރާމްތައް ހިންގި އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ވަނީ އަޅާނުލާ ދޫކޮށްލައިފަ އެވެ.