Roadha Mihaaru
އިންނަން އެހުމުން އަމީޝާ ބުނީ އެއީ މަޖަލަށް ކަމަށް

ސޯޝަލް މީޑިއާގައި އިންނަން އެހުމުން އަމީޝާ ބުނީ އެއީ މަޖަލަށް ކަމަށް

05 ޖެނުއަރީ 2022

ފިލްމުތަކުން މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލްއާ ކައިވެނިކުރަން، ޓުވިޓާގައި އިންޑިއާގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހަކު އެހުމުން އެއީ މަޖަލަކަށް އެހި އެއްޗެއް ކަމަށާއި އެކަން ސީރިއަސްކޮށް ނުނެގުމަށް އޭނާ އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމުތަކުން މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލްއާ ކައިވެނިކުރަން، ޓުވިޓާގައި އިންޑިއާގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހަކު އެހުމުން އެއީ މަޖަލަކަށް އެހި އެއްޗެއް ކަމަށާއި އެކަން ސީރިއަސްކޮށް ނުނެގުމަށް އޭނާ އެދިއްޖެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގައި ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދި މިދިޔަ އަހަރު އަވަހާރަވި އަހުމަދު ޕަޓޭލްގެ ދަރިފުޅު ފައިސަލް ޕަޓޭލް، އަމީޝާ ގާތު އިންނަން އެހީ މިދިޔަ މަހުގެ 30 ގައި ފާހަގަކުރި ފައިސަލްގެ 41 ވަނަ އުފަން ދުވަހުގެ ތަހުނިޔާކިޔަން ކުރި ޓުވީޓަކާއި އިންސްޓަގްރާމް ޕޯސްޓަކާ ގުޅިގެންނެވެ. އޭގައި އަމީޝާ ބުނީ "ޑާލިން އަށް ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދޭ" ކަމަށާއި "ވަރަށް ލޯބިވާ" ކަމަށެވެ.

ރިތިކް ރޯޝަނާ އެކު 2000 ވަނަ އަހަރުގެ "ކަހޯ ނާ ޕިޔާރު ހޭ" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ އެ ޓުވީޓް ގިނަ ބަޔަކު މާނަކުރީ އޭނާ އާއި ފައިސަލް ރައްޓެހިވެގެން އުޅޭ ކަން ކަސަވަރުކޮށްދިނުމުގެ ގޮތުގަ އެވެ. ސަބަބަކީ މި ފަހަކަށް އައިސް އަމީޝާ އާއި ފައިސަލާ ދެމެދު މާ ހާއްސަ ގުޅުމެއް އޮންނަ ވާހަކަ މާ ބޮޑަށް ދެކެވެމުން ދިއުމެވެ.

އަމީޝާގެ ޓުވީޓާ ގުޅިގެން ފައިސަލް ވަނީ ހަމަ ޓުވިޓާގައި އަމީޝާއާ އިންނަން އަހަން ބޭނުންވާ ކަމަށް ބުނެ ތިމަންނައާ ކައިވެނިކޮށްފާނެތޯ އަހައިފަ އެވެ.

މި ވާހަކަ ވަރަށް ގިނަ މީޑީއާތަކުން ވެސް ދައްކަން ފަށައި، އަމީޝާ އާއި ފައިސަލްގެ ގުޅުން ސީރިއަސް ކަމަށް ބުނަން ފެށުމުން އެ ޓުވީޓް ވަނީ ފަހުން ޑިލީޓްކޮށްލައިފަ އެވެ. އަދި އޭގެ ހަގީގަށް އަމީޝާ ބޮމްބޭ ޓައިމްސް އަށް ކިޔައި ދިނެވެ. އޭނާ ބުނީ ފައިސަލާއި އޭނާގެ އާއިލާ އަކީ ޒަމާނުއްސުރެ ދަންނަ ވަރަށް ގާތް ބައެއް ކަމަށެވެ. އަދި ފައިސަލާ ލޯބީގެ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ދެ މިހުންގެ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް އެކުވެރި ކަމެއް ކަމަށް ބުންޏެވެ.

"ފައިސަލަށް ވުރެ ބޮޑަށް އަދި އޭނާގެ ދައްތައާ އަހަންނާ މާ ބޮޑު ގާތްކަމެއް އޮވޭ. މިއީ ވަރަށް ޒަމާންވީ އެކުވެރި ކަމެއް. ދެން ފައިސަލް ޓުވިޓާގައި ކުރި ޕްރޮޕޯސަލަކީ އޮންނަ ގާތްކަމެއްގެ ސަބަބުން މަޖަލަކަށް ކުރި ކަމެއް. އެއީ އެއްގޮތަކަށް ވެސް ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް ނޫން،" އަމީޝާ ބުންޏެވެ. "އަހަރެމެންގެ ތެރޭގައި އެކަހަލަ ސަމާސާތައް އަބަދު ވެސް ކުރެވޭ."

މިހާރު އުމުރުން 45 އަހަރުގެ އަމީޝާ ބުނީ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމަށާއި ހުރީ ހުސްކޮށް ކަމަށެވެ.

ވަރަށް ކާމިޔާބު ފިލްމަކުން ބޮލީވުޑަށް ނުކުމެ ކެރިއަރުގެ ކުރީކޮޅު ރަނގަޅު މިސްރާބަކަށް ދިޔަ ނަމަވެސް އަމީޝާގެ ކެރިއަރުގެ 2008 ގެ ފަހުން ވަރަށް ބޮޑަށް އަޑިއަޅާލި އެވެ. އަދި އޭގެ ފަހުން އޭނާ އަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް އަދި މާ ގިނަ ފުރުސަތުތަކެއް ވެސް ނުލިބެ އެވެ.

އަމީޝާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކަކީ 2001 ގެ "ގަދަރު: އޭކް ޕްރޭމް ކާތާ" އާއި 2004 ގެ "ހަމްރާޒް" އަދި 2013 ގެ "ރޭސް" އެވެ. އޭނާ މިހާރު އަންނަނީ "ގަދަރު" ގެ ސީކްއެލްގައި މަސައްކަތްކުރަމުންނެވެ.