Roadha Mihaaru
"ބައިވެރިޔަކު އެބަހުރި، ކާކުކަން އަވަހަށް އެނގޭނެ"

ބައިވެރިޔަކު އެބަހުރި، ކާކުކަން ވަރަށް އަވަހަށް އެނގޭނެ: ކަންގަނާ

12 ނޮވެމްބަރ 2021

މިހާރު ވަރަށް ސީރިއަސް ބައިވެރިޔަކު އެބަހުރި ކަމަށާއި އެއީ ކާކުކަން ވެސް ވަރަށް އަވަހަށް އެނގިގެން ދާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވަރަށް ސީރިއަސް ބައިވެރިޔަކު އެބަހުރި ކަމަށާއި އެއީ ކާކުކަން ވެސް ވަރަށް އަވަހަށް އެނގިގެން ދާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

ފަސް ވަނަ ނެޝަނަލް އެވޯޑާއި ޕަދުމާ ޝްރީ އެވޯޑް ވެސް ދާދި ފަހުން ލިބުނު 34 އަހަރުގެ ބަތަލާ ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށެވެ.

"ކައިވެނި ކޮށްގެން ދަރިން ހޯދުމަކީ އަހަރެން ވަރަށް ބޭނުންވާ ކަމެއް. ލޯތްބާއި ކައިވެނީގެ ގުޅުމަކީ އަހަރެން ވަރަށް ބޮޑަށް ގަބޫލުކުރާ ކަންކަން. މިހާރު ސީރިއަސް ބައިވެރޮޔަކު ވެސް އެބަހުރި. އަދި އެއީ ކާކުކަން ވަރަށް އަވަހަށް އެެނގިގެން ޗެސް ދާނެ." ހުނަރުވެރި ބަތަލާ ބުންޏެވެ.

ލޯބިވެރިޔަކު ހުރި ވާހަކަ ބުންޏަސް އޭނާއާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ކަންގަނާ ނުދައްކަ އެވެ. އޭނާ ބުނި ގޮތުގައި ކައިވެންޏަކީ އަބަދު ވެސް ސިކުނޑީގައި އެނބުރޭ ކަމެކެވެ. އެހެންވެ ވަގުތު އައުމުން ކައިވެނި ކުރާނެ ކަމަށް ބުންޏެވެ.

މީގެ ކުރިން ކަންގަނާ ބޮލީވުޑްގެ ބައެއް އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅިގެން ހިތްދަތި ތަޖުރިބާތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން އެންމެ މައްސަލަ ބޮޑުވި ގުޅުމަކީ ރިތިކް ރޯޝަނާއި ކަންގަނާ ބޭއްވި ކަމަށް ބުނާ ގުޅުމުގެ ވާހަކަ އެވެ.

ރިތިކްއާ ރައްޓެހިވި ކަމަށް ކަންގަނާ ދައުވާކުރި ނަމަވެސް އެކަން ރިތިކް ދޮގުކުރެ އެވެ. އަދި މި މައްސަލަ ހޫނުވެ، ދެ ތަރިންގެ މެދުގައި ބޮޑެތި އަރާރުންތައް މީޑިއާތައް މެދުވެރިކޮށް ހިނގާފައިވެ އެވެ. އޭގެ ސީރިއަސް ކަން އޮތް ވަރަކީ ދެން ދުވަހަކު ވެސް އެކީގައި މަސައްކަތް ވެސް ނުކުރެވޭ މިންވަރަށް ދެ މީހުންގެ ގުޅުން ކެނޑުމެވެ. ކަންގަނާ އާއި ރިތިކް އެކީގައި ދެ ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ 2013 ގެ "ކްރިޝް 3" އާއި 2010 ގެ "ކައިޓްސް" ގަ އެވެ.

ކަންގަނާ އެންމެ ފުރަތަމަ ލޯބީގެ ގުޅުމެއް ބޭއްވީ އޭނަގެ ފުރާވަރު އުމުރުގައި ދުވަަސްވީ އެކްޓަރު އަދިތިޔާ ޕަންޗޯލީ، 56، އާ އެވެ. އެއީ ކަންގަނާ ބޮލީވުޑަށް ނުކުތް ދުވަސްވަރު އެވެ. އެ ގުޅުމުގެ ވާހަކަ އެކި ގޮތްގޮތަށް ވަރަށް ހޫނުކޮށް ދެކެވި، ފަހުން އަދިތިޔާގެ މައްޗަށް ކަންގަނާ ރޭޕްގެ ތުހުމަތު ކޮށްފައިވެ އެވެ.

ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ ދެން ރައްޓެހިވީ އޭނާއާ އެކީ 2009 ގެ ފިލްމު "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުޒް" ކުޅުނު އެކްޓަރު އަދިޔަން ސުމަން، 33، އާ އެވެ. މި ގުޅުމުގައި ވެސް ބޮޑެތި މައްސަލަތެއް ކެހި، ސިއްކަ ޖެހިގެން ދޮޔައިރު އަދިޔަން ވަނީ ކަންގަނާ އޭނާ އަށް ފަންޑިތަ ހެދި ކަމަށް ބުނެ މީޑިއާތަކުގައި ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ.

ފަހުން އިނގިރޭސިވިލާތުގެ ޑޮކްޓަރާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު އެއީ ކާކު ކަމެއް މިހާތަނަކަށް އެނގިފައެއް ނުވެ އެވެ.