Roadha Mihaaru
ޗެކް ކުރި ގިނަ ތަންތަން އަލިފާނުން ރައްކާތެރިއެއްނޫން

ޗެކްކުރި ގިނަ ތަންތަން ހުރީ އަލިފާނުން ރައްކާތެރިވެވޭނެ ގޮތަކަށް ނޫން: އެމްއެންޑީއެފް

14 ޑިސެމްބަރ 2016

ސިފައިން ނިކުމެ މާލޭގެ ހުރިހާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ކެފޭތައް މިހާރު ޗެކުކުރަމުން އަންނައިރު އޭގެ ތެރެއިން ގިނަ ތަންތަން ހުރީ، އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވެވޭނެ ގޮތަކަށް ނޫން ކަމަށް ސިފައިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިފައިން ނިކުމެ މާލޭގެ ހުރިހާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ކެފޭތައް މިހާރު ޗެކުކުރަމުން އަންނައިރު އޭގެ ތެރެއިން ގިނަ ތަންތަން ހުރީ، އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވެވޭނެ ގޮތަކަށް ނޫން ކަމަށް ސިފައިން ބުނެފި އެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެތަނުގެ ކޮމާންޑަރު އަބްދުﷲ ޒުހުރީ ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން މާފަންނުގައި ހުރި، ގުދަނާއި ވޯކްޝޮޕާއި ކެފޭ ފަދަ 229 ތަން ފާސްކޮށްފައިވާ ކަމަށެވެ.

މާލޭގެ ގުދަން ފަދަ ތަންތަން ޗެކު ކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ޒުހުރީ މައުލޫމާތު ދެއްވަނީ: މާފަންނުގައި ހުރި އެ ފަދަ ގިނަ ތަންތަން މިހާރު ވަނީ ޗެކުކޮށްފައި-- ފޮޓޯ: އަލީ ނިޝާން/ މިހާރުު

މާލޭގެ ގުދަން ފަދަ ތަންތަން ޗެކު ކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ޒުހުރީ މައުލޫމާތު ދެއްވަނީ: މާފަންނުގައި ހުރި އެ ފަދަ ގިނަ ތަންތަން މިހާރު ވަނީ ޗެކުކޮށްފައި-- ފޮޓޯ: އަލީ ނިޝާން/ މިހާރުު

"ބައެއް ތަންތަނުގައި އަލިފާން ނިއްވާ ތަކެތީގެ މުއްދަތު ވަނީ ހަމަވެފައި. އަދި ގިނަ ތަންތަނުގައި (އަލިފާން ނިއްވާ) ވަސީލަތްތައް ގާއިމުކޮށްފައި ހުރީ ވަރަށް ފެންވަރު ދަށްކޮށް. އަދި ބައެއް ގުދަންތަކުގައި، ވަކިން ބަހައްޓަން ޖެހޭ ކެމިކަލް ފަދަ ތަކެތި ހުރީ އެހެން ތަކެއްޗާއެކު އެއްކޮށްލާފައި،" މާލޭގައި ފެށި އެ ފަދަ ފުރަތަމަ އޮޕަރޭޝަނާ ގުޅޭގޮތުން ޒުހުރީ ވިދާޅުވި އެވެ.

ދާދިފަހުން މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައި، އާއްމުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ، މފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި އަލިފާން ނިއްވާ ސިފައިން ވަނީ މިދިޔަ ހަފުތާއިން ފެށިގެން، ތަންތަން ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ.

ހަތަރު ސަރަހައްދަކަށް މާލެ ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް ފާސް ކުރީ ހަމައެކަނި މާފަންނުގައި ހުރި މި ފަދަ ތަންތަނެވެ. ފާސްކުރި 229 ތަނުގެ ތެރެއިން 133 ތަނެއްގެ މައުލޫމާތު މިއަދު ސިފައިން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ފާސްކުރި 54 ޕަސެންޓް ތަންތަނުގައި އަލިފާން ނިއްވޭނެ ގޮތެއް ނުވަތަ، އަލިފާން ނިއްވާނެ ވަސީލަތް ގާއިމުކޮށްފައި ނުވާ ކަމަށް އެފްއާރުއެސް އިން ބުންޏެވެ. އަދި ގަވައިދާ އެއްގޮތަށް 45 ޕަސެންޓް ތަންތަން ހުރި އިރު އޭގެ ތެރެއިން 28 ޕަސެންޓް ތަންތަން ހުރީ އިންޝުއާ ކޮށްފައި ކަމަށް ސިފައިން ބުންޏެވެ.

އޮޕަރޭޝަން ކުރިއަށް ގެންދަނީ: މާލޭގެ ހުރިހާ ގުދަނެއްހެން ޗެކް ކުރާނެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮޕަރޭޝަން ކުރިއަށް ގެންދަނީ: މާލޭގެ ހުރިހާ ގުދަނެއްހެން ޗެކް ކުރާނެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަދަ ތަންތަން ބަލާ ފާސްކުރުމުގައި ސިފައިން ބަލަނީ އެތަންތަން އިމާރާތްކޮށްފައި ހުރިގޮތާއި އެތަންތަނުގައި ހުރި ތަކެއްޗާއި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކޮށްފައި ހުރިގޮތާއި އެ ފަދަ ވަސީލަތްތައް ހުރިތޯ އާއި، އަލިފާން ނިއްވުމަށް އެތަނުގައި ސިފައިންނަށް ހަރަކާތްތެރި ވެވޭނެ ގޮތެވެ. އަދި އެ ފަދަ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތްވާނެ ގޮތް ވެސް ހުރި ނެތް ގޮތް ސިފައިން ބަލަ އެވެ.

އެފްއާރުއެސް އިން ބުނިގޮތުގައި މި މައުލޫމާތުގެ ސަބަބުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެތަނުގައި ހުރި މުދަލަށް ބަލައި، ސިފައިން ގެންދާނެ ތަކެއްޗާއި އަލިފާން ނިއްވުމަށް ހަރަކާތްތެރިވާނެ ގޮތާއި މީހުންނާއި ތަކެތި ސަލާމަތް ކުރާނެ ގޮތް ކުރިން ސިފައިންނަށް އެނގޭނެ އެވެ.

ޒުހުރީ ވިދާޅުވީ ސިފައިން ޗެކް ކުރަން ދާއިރު ބައެއް ގުދަންތައް ބަންދުކޮށްފައިވާ ކަމަށާއި އެގޮތުން އެފަދަ 40 ތަނެއް ފާސް ނުކުރެވި ހުރި ކަމަށެވެ. އެކަމަކު ކަމާ ބެހޭ އިދާރާތްތަކާ ގުޅިގެން އެ ފަދަ ތަންތަން ހުޅުވައި، ފާސް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މަސް ދުވަހަށް ކުރިއަށް ގެންދާ މި އޮޕަރޭޝަން މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށީގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާ ވެސް ހިނގާފައިވަނީ މި އަހަރުގެ ތެރޭގަ އެވެ. ކޯސްޓްލައިން ފިހާރައިގައި ރޯވެ އެތައް ބަޔަކަށް މިލިޔަން ރުފިޔާއިން ގެއްލުން ލިބުނު އިރު އެ ފަދަ ނުރައްކާތެރި ގިނަ ހާދިސާތަކެއް މި އަހަރުގެ ތެރޭގައި ވަނީ ހިނގައިފަ އެވެ.