Roadha Mihaaru
އަވަސް ކުރަން ޖެހޭ 26 ގުދަން ދެމަސް ތެރޭ ނިމޭނެ

އެންމެ އަވަހަށް ބަދަލުކުރަން ޖެހޭ 26 ގުދަން ތިލަފުށީގައި ހަދަނީ

22 ސެޕްޓެމްބަރ 2019

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތަކުގެ ތެރެއިން އެންމެ އަވަހަށް ތިލަފުށްޓަށް ބަދަލުކުރަން ޖެހޭ 26 ގުދަން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާނެ ކަމަށް ތިލަފުށި ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތަކުގެ ތެރެއިން އެންމެ އަވަހަށް ތިލަފުށްޓަށް ބަދަލުކުރަން ޖެހޭ 26 ގުދަން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާނެ ކަމަށް ތިލަފުށި ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ބުނެފި އެވެ.

ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު "މިހާރު" އަށް ރޭ ވިދާޅުވީ ނުރައްކާތެރި (ފަސޭހައިން ހުޅުހިފާ ޒާތުގެ) މުދާ ރައްކާކޮށްފައިވާ 126 ގުދަން މާލޭގައި ހުރިއިރު އޭގެ ތެރެއިން 26 ގުދަނެއް ވަރަށް އަވަހަށް ތިލަފުށްޓަށް ބަދަލުކުރަން ޖެހޭކަން ސަރުކާރުން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ އަޅާނީ އެންމެ އަވަހަށް ބަދަލުކުރަން ޖެހޭ 26 ގުދަން ބަދަލުކުރެވޭ ވަރުގެ އިމާރާތްތައް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުދަންތައް އަޅަން ތިން މަސް ދުވަސް ހޭދަވާނެ ކަމަށް އެ ކުންފުނިން ކުރިން ލަފާ ކުރި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށެވެ.

ތިލަފުށީގައި އަޅާ ގުދަންތައް ކުއްޔަށް ދޫކުރާނީ ވިޔަފާރިވެރިންނަށް ބުރަ ނުވާނެހެން، މާލޭގައި ގުދަންތައް ލިބޭ ވަރަށް ވުރެ އަގުހެޔޮކޮށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި އާއްމު ގޮތެއްގައި ގުދަންތައް ކުއްޔަށް ދޫކުރަނީ އަކަފޫޓަކަށް 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ތިލަފުށިން ދޫކުރާނީ އެންމެ އަގުބޮޑުވެގެން ވެސް އަކަފޫޓަކަށް 15ރ.ގެ ރޭޓުން ކަމަށެވެ. އަގު ހެޔޮވެގެން އަކަފޫޓަކަށް 12ރ.ގެ ރޭޓުން ވެސް ގުދަން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަފުށްޓަށް ބަދަލުކުރަން ވިސްނާއިރު ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ދަތުރުފަތުރަށް ކުރަން ޖެހޭ ހޭދަ. އަޅުގަނޑުމެން މި ދަންނަވަނީ ތިލަފުށިން ގުދަން ކުއްޔަށް ދޫކުރާ އަގު މިހާ ކުޑަވީމާ، ދަތުރުފަތުރުގެ ހަރަދު ކަނޑާފައި ވެސް މިއީ ރަނގަޅު ރޭޓެކޭ،" އޭނާ ވިދާޅުވި އެވެ.

ތިލަފުށީގައި ގުދަންތައް އަޅާ އިރު އެ ގުދަންތަކަށް މުދާ ވެއްދުމަށާއި އެތަންތަނުން މާލެ އަށް މުދާ އުފުލުމަށްޓަަކައި އުޅަނދުތައް ކައިރިކުރަން އެކަށީގެންވާ ބަނދަރާއި، ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗާ މިހާރު ވެސް އެބަހުރި ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

ހޮނިހިރު ވިލޭރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެތައްް ގެއެއްގައި ރޯވެފައި

ހޮނިހިރު ވިލޭރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެތައްް ގެއެއްގައި ރޯވެފައި

މާލޭގެ ގުދަންތައް ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލޭގެ ހުޅަނގު ދެކުނު ފަރާތުން ބިމެއް ހިއްކާފައި އެބަ އޮތެވެ. "މާލޭ އިންޑަސްޓްރިއަލް ވިލެޖް"ގެ ނަމުގައި ހިންގި އެ މަޝްރޫއު ވެސް ރާވާފައި އޮތީ ސަރުކާރުން ގުދަންތައް އެޅުމަށް ފަހު ކުއްޔަށް ދޫކުރާ ގޮތަށެވެ. އެކަމަކު އެތަނުގެ ބޭނުން އަދިވެސް އޮތީ ރަނގަޅަށް ނުކުރެވި އެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ އެ ސަރަހައްދު ޖީއެމްއައިޒެޑް އާ އަދި ހަވާލު ނުކުރާ ކަމަށެވެ.

"އެތަން އަދިވެސް އޮތީ ޕްލޭނިން މިނިސްޓްރީގެ ދަށުގައި،" އޭނާ ވިދާޅުވި އެވެ.

ނުރައްކާތެރި މުދާ ރައްކާކުރާ ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުން އަވަސްކުރަން ސަރުކާރުން ނިންމީ އަބަދަށްފެހި މަގުގައި އިހަކަށް ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެންނެވެ. އެ މަގުގައި ހުރި ތިލަފުށީގޭގެ ކެމިކަލް ގުދަނެއްގައި ރޯވި އެ އަލިފާންގަނޑު ގިނަ ގެތަކަށް ފެތުރި ބޮޑެތި ގެއްލުންތައް ލިބުނު އިރު އެ ހާދިސާގައި މީހަކު ވެސް މަރުވި އެވެ.

އެ ހާދިސާ އަށް ފަހު ބޭއްވި ވަަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައި ވަނީ މާލޭގައި ނުރައްކާތެރި އެއްޗެހި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރުމުގެ ޕްްލޭން ވީހާ އަވަހަކަށް ނިންމުމަށެވެ.

އެމްއެންޑީއެފްގެ ހެޑް ކުއާޓަރު، ބަންޑާރަ ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ފަހުން ވެސް މާލޭގެ ގުދަންތަކުގެ ހާލަތު ސިފައިން ބަލާފައިވާ ކަމަށެވެ. އޭރު މާލޭގައި 126 ގުދަނެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ގުދަންކުރަން ހުއްދަ ދޭ ކަމިކަލްގެ ބާވަތްތަކަކީ ފާހާނާ ސާފުކުރަން ބޭނުންކުރާ ސާމާނާއި ދަނޑުވެރި ކަމަށް ބޭނުން ކުރާ ސާމާނު ކަމަށް ވެސް ވިދާޅުވި އެވެ.