Roadha Mihaaru
ދީޕިކާގެ "ގެހެރިޔާ" ބެލެނީ އަންނަ މަހު

ދީޕިކާގެ "ގެހެރިޔާ" ބެލެނީ އަންނަ މަހު

06 ޖެނުއަރީ 2022

މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް އިއުލާންކުރިި ދީޕިކާ ޕަދްކޯންގެ އާ ފިލްމު "ގެހެރިޔާ" ސްޓްރީމް ކުރާ ތާރީހު ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް އިއުލާންކުރިި ދީޕިކާ ޕަދްކޯންގެ އާ ފިލްމު "ގެހެރިޔާ" ސްޓްރީމް ކުރާ ތާރީހު ފަސްކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާފައިވާ ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައި ބުނީ އެ މިހާރު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ މަހުގެ 11 ގައި ކަމަށެވެ. "ގެހެރިޔާ" އަކީ ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ ޑާކް ރިލޭޝަންޝިޕް ޑްރާމާއެކެވެ.

މި ފިލްމަކީ ދީޕިކާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ "ބޯލްޑް" ފިލްމު ވެސް މެ އެވެ. "ގެހެރިޔާ" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމީ ވެސް މީގެ ކޮންޓެންޓްގެ ގޮތުންނެވެ. ފިލްމުގެ ކާސްޓްގައި ސިދާންތު ޗަތުރަވެދީ، އަނަންޔާ ޕާންޑޭ އަދި ދައިރިއާ ކަރްވާ ހިމެނެ އެވެ. ފިލްމު ރިލީޒްކުރުން ފަސްކުރުމާ ގުޅިގެން މިހާރު ވަނީ ޓްރެއިލާ ވެސް ނެރުން ފަސްކޮށްފަ އެވެ.

ޝަކުން ކުރިން ގެނެސްދިން ފިލްމުތަކަކީ ކަރީނާ ކަޕޫރާއި އިމްރާން ޚާންގެ 2012 ގެ "އޭކް މޭ އޯރް އޭ ތޫ" އާއި ފަވާދު ޚާނާއި އާލިއާ ބަޓާއި ސިދާތު މަލްއުތުރާގެ 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ.

"ގެހެރިޔާ" އަކީ ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސްދޭން އިއުލާންކުރި 7 ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ މޭރާ ނާމް" އާއި "ޖުގް ޖުގް ޖިޔޯ" އާއި "ބުރައްމަސްތުރާ" އާއި "މިސްޓަ އެންޑް މިސިޒް މާހީ"، "ޔޯދާ" އަދި "ލައިގާ" ހިމެނެ އެވެ.

ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 24 ގައި ރިލީޒްކުރި "83" އެވެ.