Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

11 ސެޕްޓެމްބަރ 2020

ސާގިބް ސަލީމާއި ޝްވޭތާ ބާސޫ ޕްރަސާދު ލީޑް ރޯލް ކުޅެފައިވާ "ކޮމެޑީ ކަޕްލް" މި މަހުގެ 21 ގައި ޒީ5 އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސާގިބް ސަލީމާއި ޝްވޭތާ ބާސޫ ޕްރަސާދު ލީޑް ރޯލް ކުޅެފައިވާ "ކޮމެޑީ ކަޕްލް" މި މަހުގެ 21 ގައި ޒީ5 އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ޔޫޑްލީ ފިލްމްސްގެ މި އުފެއްދުމަކީ ލޯބީގެ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ނަޝިކޭތު ސަމަންތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ކޮމެޑީ ކަޕްލް" އާންމުންނަށް ދޫކޮށްލާ އިރު ބަތަލާ ހުމާ ގްރޭޝީގެ ކޮއްކޮ ސާގިބް އެންމެ ފަހުން ފެނިފައި ވަނީ 2018 ގައި ރިލީޒްކުރި ސަލްމާން ޚާންގެ "ރޭސް 3" އިންނެވެ. އޭނާގެ ކުރިއަށް އޮތް އެންމެ ބޮޑު ފިލްމަކީ ރަންވީރު ސިންގްއާ އެކު ފެނިގެންދާނެ ކްރިކެޓް ފިލްމު "83" އެވެ.

ޝްވޭތާ އަކީ ވަރަށް ކުޑައިރު ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮޑުވެގެން ފަހުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަމުން އަން ބަތަލާއެކެވެ.

އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޓަޝްކެންޓް ފައިލްސް" އިންނެވެ. ޒީ5 އިން ފެބްރުއަރީގައި ސްޓްރީމްކުރި "ޝުކްރާނޫ" އިން ވެސް ޝްވޭތާ ފެނިފައިވެ އެވެ.

އާ ފިލްމަށް ދީޕިކާގެ އާ ހެއާސްޓައިލެއް

ޝަކުން ބަޓްރާގެ އާ ފިލްމުގެ ޝޫޓިން ގޯއާގައި ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން ބަތަލާ ދީޕިކާ ޕަދްކޯން ހެއާ ސްޓައިލަށް ބަދަލެއް ގެނެސްފި އެވެ.

އަބަދު ވެސް ވަރަށް ސްޓައިލިޝް ބަތަލާއެއްގެ ގޮތުގައި މަޝްހޫރު ދީޕިކާގެ އިސްތަށިގަނޑު މިހާރު އޮތީ ވަރަށް ބޮޑަށް ހައިލައިޓްކޮށްފަ އެވެ.

ޝަކުންގެ އާ ފިލްމަކީ ވަރަށް ތަފާތު ވާހަކައަކަށް ހަދާ ޑާކް ރިލޭޝަންޝިޕް ތުރިލާއެކެވެ. ނަން އަދި އިއުލާންނުކުރާ ފިލްމުގެ ކާސްޓްގައި ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭ ވެސް ހިމެނެ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން އަމާޒު ހިފާފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ.

"ދަ ޓެރަރިސްޓް" ގެ ހިންދީ ރިމެކެއް

ދެހާސް އަށާރައިގައި ރިލީޒްކުރި ކާމިޔާބު ކަންނާޑާ ފިލްމު "ދަ ޓެރިސްޓް" ގެ ހިންދީ ރިމެކެއް ހަދަން ނިންމައިފި އެވެ.

އެ ފިލްމަކީ ޕީސީ ޝޭކަރް ޑައިރެކްޓްކޮށް، ރާގިނީ ދިވެދީ ލީޑް ރޯލް ކުޅުނު ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ދަ ޓެރަރިސްޓް" ގެ ރައިޓްސް ހޯދައި އޭގެ ހިންދީ ފިލްމު ގެނެސްދޭނީ ޕްރޮޑިއުސަރު ވިޝާލް ރާނާގެ އިކިލޯން ޕްރޮޑަކްޝަނުންނެވެ.

އެކަން ކަށަވަރުކޮށް ދެމުން އޭނާ ބުނީ ފިލްމު މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށާއި ފައިނަލް ޑްރާފްޓް ނިންމައިލެވުމުން ރަސްމީކޮށް ފިލްމު އިއުލާންކުރާނެ ކަމަށެވެ. ވިޝާލް ބުނީ "ދަ ޓެރަރިސްޓް" ގެ މައިގަނޑު ކެރެކްޓާ އަކީ ބަތަލާއަކަށްވާތީ އެ ރޯލަށް ބޮލީވުޑުން ތަރިއަކު ނަގާނީ ސްކްރިޕްޓް ނިމުމުން ކަމަށެވެ.

މި ފިލްމަކީ އަންހެން ދެބެއިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެއީ އަސްމާ އާއި ރޭޝްމާ އެވެ. ފިލްމުގެ ވާހަކަ އެނބުރެނީ އަސްމާ ކިޑްނެޕްކޮށްފައިވާ ކަމަށް ބުނެ ރޭޝްމާ އަށް ލިބޭ ފޯން ކޯލަކާ ގުޅިގެން ދެން ހިނގާ ހާދިސާތަކުގެ ވަށައިގެންނެވެ.

އަޕޫރްވާގެ އާ ފިލްމަކީ "ކްރެކްޑައުން"

"އޭކް އަޖްނަބީ" އާއި "ހަސީނާ ޕްރަކާރް" އަދި "ޝޫޓްއައުޓް އެޓް ލޯކަންދްވާލާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަޕޫރްވާ ލާކިއާ "ކްރެކްޑައުން" ކިޔާ ވެބް ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 23 ގައި ވޫޓް ސިލެކްޓުން ޕްރިމިއާކުރާ މި ފިލްމުގެ ކާސްޓްގައި ސާގިބް ސަލީމާއި ޓީވީ އެކްޓަރު އިގްބާލް ޚާނާއި ވަލޫޝާ ޑި ސޫޒާ އާއި ޝްރިޔާ ޕިލްގާއޯންކަރް އަދި އަންކޫރް ބާޓިއާ ހިމެނެ އެވެ.

"ކްރެކްޑައުން" އަކީ އިންޑިއާގެ ވަތަނީ ރޫހު ދައްކުވައިދޭނެ ފިލްމެކެވެ. މީގެ ޕްލޮޓަކީ ގައުމުގެ ދިފާއުގައި މަސައްކަތްކުރާ ބައެއްގެ ވާހަކަ އެވެ.