Roadha Mihaaru
ސެމީގެ ފުރަތަމަ ލެގުގައި ޗެލްސީން ޓޮޓެންހަމް ބަލިކޮށްފި

ސެމީގެ ފުރަތަމަ ލެގުގައި ޗެލްސީން ޓޮޓެންހަމް ބަލިކޮށްފި

06 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް 2-0 އިން ޗެލްސީން މެޗު ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް 2-0 އިން ޗެލްސީން މެޗު ކާމިޔާބުކޮށްފި އެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތީ، އިންޓަވިއުއެއްގެ މައްސަލައިގައި، ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ބާކީކުރި، އެ ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. ލުކާކޫ ވަނީ އޭނާގެ އަމަލުތަކަށް މާފަށް އެދިފަ އެވެ.

ޗެލްސީގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ކިބައިން ލުކާކޫ މާފަށް އެދުނަސް، ރިޕޯޓްތައް ބުނާ ގޮތުން އެ އިންޓަވިއުގެ ސަބަބުން ޗެލްސީގެ ބޯޑުން ވަނީ ލުކާކޫ 500،000 ޕައުންޑުން ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. އެއީ ގާތްގަނޑަކަށް ކުލަބުގައި ލުކާކޫގެ ދެ ހަފްތާގެ މުސާރަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު، ސްޕެއިންގެ ކެޕާ އަރިޒަބަލާގާ އެވެ. އެ ޓީމުގެ އެއް ނަމްބަރު ކީޕަރު އެޑުއާޑް މެންޑީ ވަނީ އަންނަ އާދިއްތަ ދުވަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ސެނެގާލްގެ ގައުމީ ޓީމާ ގުޅިފަ އެވެ.

ރޭގެ މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ފަސްވަނަ މިނިޓުގައި މާކޮސް އޮލޮންސޯ ދިން ބޯޅައަކުން ކައި ހަވާޓްޒް އެވެ. މި ލަނޑު ޖެހިތާ ކުޑަ އިރުކޮޅެއް ފަހުން ކައި ހަވާޓްޒް ފޮނުވާލި ދެވަނަ ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް އެވެ.

ޗެލްސީގެ ދެވަނަ ލަނޑަކީ 34 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ބެން ޑޭވިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ހަކީމް ޒިޔެޝް ހިލޭޖެހުމަކުން ހުރަސް ކޮށްލި ބޯޅަ ޖަފެޓް ޓަންގަންގާ ބޮލުން ދިފާއުކުރުމުން ވެސް އެބޯޅަ ގޯލަށް ވަނީ ބެން ޑޭވިސްގެ ބޮލުގައި ޖެހިފަ އެވެ.

ދެވަނަ ހާފުގައި ޓިމޯ ވާނާ އާއި ލުކާކޫ ހުސް ކޮށްލާފައި ޒިޔެޝް އަށް ދިން ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ކީޕަރު ލޮރިސްގެ އަތަށެވެ.

މި ހާފުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ޓޮޓެންހަމްގެ ހެރީ ކޭން ފޮނުވާލި ހިލޭޖެހުމެއް ދިފާއު ކޮށްފަ އެވެ. އަދި ޑެލޭ އަލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ގިއޮވާނީ ލޮ ސެލްސޯ ފޮނުވާލި ހަމަލާއެއްވެސް ކެޕާ ވަނީ ދިފާއު ކޮށްފަ އެވެ.

ފައިދާ ދެ ގޯލާ އެކު ޗެލްސީން ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޓޮޓެންހަމްގެ ދަނޑުގައި ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ދެން ވާދަކުރާނީ ލިވަޕޫލާއި އާސެނަލް އެވެ. ލިވަޕޫލްގެ ޓީމުގައި ކޮވިޑް ފެތުރުން އިތުރުވެ، ޓީމުގެ ހާލަތު ގޯސްވަމުން ދިޔުމާ އެކު އެ ޓީމު ކުޅެން އެތް ސެމީ ފައިނަލްގެ ދެ ލެގުގެ ކުޅުން ވެސް ވަނީ ފަސް ކޮށްފަ އެވެ.

ލިވަޕޫލް އާއި އާސެނަލް ވާދަކުރާ ސެމީގެ ފުރަތަމަ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގަ އެވެ. އަދި ދެވަނަ ލެގު ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ ކުޅޭނީ އާސެނަލްގެ ދަނޑުގަ އެވެ.