Roadha Mihaaru
ޔުނައިޓެޑް ކަޓައިފި، ލަންޑަނުގެ 4 ޓީމު ކުރިޔަށް

ޔުނައިޓެޑް ކަޓައިފި، ލަންޑަނުގެ 4 ޓީމު ކުރިޔަށް

23 ސެޕްޓެމްބަރ 2021

މެންޗެސްޓާ (ސެޕްޓެމްބަރު 23) - އިނގިރޭސި ލީގު ކަޕުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވެސްޓް ހޭމް އަތްދަށުވެ މުބާރާތުން ކެޓިއިރު، އާސެނަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ވެސް މޮޅުވެ، އަނެއް ބުރަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ސެޕްޓެމްބަރު 23) - އިނގިރޭސި ލީގު ކަޕުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވެސްޓް ހޭމް އަތްދަށުވެ މުބާރާތުން ކެޓިއިރު، އާސެނަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ވެސް މޮޅުވެ، އަނެއް ބުރަށް ދަތުރު ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވެސްޓް ހޭމް އަތް ދަށުވީ 1-0 އިން ބަލިވެގެންނެވެ. ވެސްޓް ހޭމް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ނުވަވަނަ މިނިޓުގައި ޖެހީ މެނުއެލް ލަންޒީނީ އެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ބްރޫނޯ ފެނާންޑޭސް އާއި މޭސަން ގްރީންވުޑް ކުޅެން އެރުވި ނަމަވެސް އެޓީމަށް ވަނީ ނަތީޖާ އަނބުރާލެވޭގޮތް ނުވެފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑުން ވަނީ ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު ޕްރިމިއަ ލީގު މެޗު ކާމިޔާބު ކޮށްފަ އެވެ. އެމެޗު ނިމެނިކޮށް ވެސްޓް ހޭމް އަށް އެއްވަރުކުރަން ލިބުނު ޕެނަލްޓީ ނާކާމިޔާބުކޮށްލި މާކް ނޯބަލް ވަނީ ރޭގެ މެޗުގައި 90 މިނިޓު ކުޅެފަ އެވެ.

މި މުބާރާތުގައި އާސެނަލް އިން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ ތިންވަނަ ޑިވިޝަނުގައި ކުޅޭ އޭއެފްސީ ވިމްބްލްޑަން 3-0 އިން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލްގެ ފުރަތަމަ ލަނޑު އެލެކްޒެންޑާ ލަކަޒޭ ޖެހިއިރު ދެވަނަ ހާފުގައި އަނެއް ދެ ލަނޑު ޖެހީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އެމީލް ސްމިތު ރޯ އާއި އެޑީ ކެޓިއާ އެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ވާދަކޮށް ރޭ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ދެވަނަ ހާފު ފެށިގެން ކުރީކޮޅު ޗެލްސީގެ ފޯވަޑް ޓިމޯ ވާނާ ލަނޑެއް ޖަހައިދީފައި ވަނިކޮށް އެސްޓަން ވިލާ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ރޭގެ މެޗުގައި އެޓީމުގެ ކުރިޔަށް ކުޅުނު 19 އަހަރުގެ ކަމެރޮން އާޗާ އެވެ.

ރީސް ޖޭމްސް ޖެހި ޕެނަލްޓީއާއެކު ޝޫޓްއައުޓް ކާމިޔާބުކުރުމުން ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ސްކައި ސްޕޯޓްސް

ރީސް ޖޭމްސް ޖެހި ޕެނަލްޓީއާއެކު ޝޫޓްއައުޓް ކާމިޔާބުކުރުމުން ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ސްކައި ސްޕޯޓްސް

ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު ނަތީޖާ އެއްވަރުވުމުން ޖެހި ޖެނަލްޓީގައި ޗެލްސީން ކުރިހޯދީ 4-3 އިންނެވެ. އެސްޓަން ވިލާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އޭޝްލީ ޔަންގް ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސްދަނޑިއާ އަމާޒު ވިއިރު އެޓީމުގެ މާވެލަސް ނަކަމްބާ ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށް ވީ ރޭގެ މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓި ކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ. ޗެލްސީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ލުކާކޫ އާއި މައުންޓްގެ އިތުރުން ބާކްލޭ އާއި ރީސް ޖޭމްސްގެ ޕެނަލްޓީތައް ކާމިޔާބުކުރިއިރު ނާކާމިޔާބުވީ ބެން ޗިލްވެލް ޖެހި ޕެނަލްޓީ އެވެ. އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ގޯލުގެ ހުރަސް ދަނޑިއެވެ.

ވުލްވްސްއާ ދެކޮޅަށް ޓޮޓެންހަމްއިން ރޭ ކުޅުނު މެޗް ކާމިޔާބުކުރީ 2-2 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި 3-2 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފުގެ 23 މިނިޓުތެރޭ އެންޑޮމްބެލޭ އާއި ހެރީ ކޭންގެ ލަނޑުތަކުން ދެ ގޯލުގެ ލީޑެއް ޓޮޓެންހަމް އިން ނަގާފައި ވަނިކޮށް ހާފު ނިމުމުގެ ކުރިން ޑެންޑޮންކާ ވުލްވްސް އަށް ފަރަގު ކުޑަ ކޮށްދިނެވެ. ވުލްވްސް އަށް އެއްވަރު ކޮށްދިނީ ޑެނިއަލް ޕޮޑެންސް އެވެ. ޕެނަލްޓީގައި ވުލްވްސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ފުރަތަމަ ދެ ޕެނަލްޓީ އެވެ. ރުބެން ނީވްސް ޖެހި ޕެނަލްޓީ ގޯލާ އަމާޒުކޮށް ނުލެވުނުއިރު ޑެންޑޮންކާ ޖެހި ޕެނަލްޓީ މަތަކުރީ ޓޮޓެންހަމްގެ ކީޕަރު ގޮލީނީ އެވެ. ފަހު ޕެނަލްޓީ ކެޕްޓަން ކޮނޯ ކޯޑީ ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ޓޮޓެންހަމްގެ ޑެލެ އަލީ އާއި ކީޕަރު ގޮލީނީ. ގޮލީނީ އަކީ މިސީޒަނަށް އިޓަލީގެ އެޓަލާންޓާއިން ލޯނަކަށް ގެނައި ކުޅުންތެރިއެއް. -- ފޮޓޯ: ސްކައި ސްޕޯޓްސް

ޓޮޓެންހަމްގެ ޑެލެ އަލީ އާއި ކީޕަރު ގޮލީނީ. ގޮލީނީ އަކީ މިސީޒަނަށް އިޓަލީގެ އެޓަލާންޓާއިން ލޯނަކަށް ގެނައި ކުޅުންތެރިއެއް. -- ފޮޓޯ: ސްކައި ސްޕޯޓްސް

އާސެނަލް އާއި ޗެލްސީ އަދި ޓޮޓެންހަމްގެ އިތުރުން ވެސްޓް ހޭމް އަކީ ވެސް ލަންޑަނަށް ނިސްބަތްވާ ހަތަރު ޓީމެވެ.

ލެސްޓާ ސިޓީ އާއި ބްރައިޓަން ވެސް ވަނީ އެ ދެޓީމު ރޭ ކުޅުނު މެޗް ކާމިޔާބުކޮށް، ލީގު ކަޕުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ބްރައިޓަން އިން ސްވަންސީއާ ދެކޮޅަށް ކުޅެ 2-0 އިން މެޗް ކާމިޔާބުކުރިއިރު ލެސްޓާ ސިޓީން މިލްވޯލް ބަލިކުރީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

ލީގު ކަޕްގެ ހަތަރުވަނަ ބުރުގެ ކުޅުން އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައި ވާއިރު، މި ބުރުގައި ޔުނައިޓެޑް ކަޓުވާލި ވެސްޓް ހޭމް ކުރިމަތިލާނީ މެންޗެސްޓާ ސިޓީއާ އެވެ. ސައުތެމްޓަންއާ ދެކޮޅަށް ޗެލްސީ ނުކުންނަން ޖެހޭއިރު އާސެނަލް ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. ޓޮޓެންހަމް އިން ބާންލީއާ ދެކޮޅަށް ކުޅޭއިރު ލިވަޕޫލުން ނުކުންނާނީ ރަށުން ބޭރުގައި ޕްރެސްޓަން ނޯތު އެންޑާއާ ދެކޮޅަށެވެ. އަދި ލެސްޓާ ސިޓީ ކުޅޭނީ ބްރައިޓަންއާ ދެކޮޅަށެވެ.