Roadha Mihaaru
ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ކުއާޓާ އަށް

ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ކުއާޓާ އަށް

01 ނޮވެމްބަރ 2018

ލަންޑަން (ނޮބެމްބަރު 1) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްްޕާސް އަދި އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮބެމްބަރު 1) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްްޕާސް އަދި އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ވަނީ އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޑާބީ ކައުންޓީ އަތުން 3-2 އިން މޮޅުވެފަ އެވެ. ބްލެކްޕޫލާ ވާދަކޮށް އާސެނަލް މޮޅުވީ 2-1 އިންނެވެ. ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 3-1 އިންނެވެ. އަދި ރޭގެ އަނެއް މެޗުން މިޑްލްސްބަރާ ވަނީ 1-0 ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑު ލިބުނ ޑާބީގެ ފިކާޔޯ ޓޮމޯރީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ޑާބީ އަށް އެއްވަރުކޮށްދިނީ ޖެކް މެރިއަޓް އެވެ. އެކަމަކު ޑާބީ އަށް އަނެއްކާ ވެސް މައްސަލަ ދިމާވީ މެޗުގެ 21 ވަނަ މިނިޓްގައި އެ ޓީމުގެ ރިޗާޑް ކިއޯ އަތުން ބައިކޮޅަށް ގޯލެއް ވަދެ އަނެއްކާ ޗެލްސީ އަށް ލީޑު ލިބުމުންނެވެ. ޑާބީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 27 ވަނަ މިނިޓްގައި މާޓިން ވޭގަން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ސެސް ފަބްރެގަސް އެވެ. ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ޑާބީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއްނުވި އެވެ.

ޑާބީގެ ކޯޗު ލަމްޕާޑް ބުނީ ޗެލްސީ ކަހަލަ ޓީމަކާ ދެކޮޅަށް ރަށުންބޭރުގައި އޭނާގެ ޓީމުން ދެއްކީ ވަރުގަދަ ކުޅުމެއް ކަމަށާއި ލިބުނު ފުރުސަތުތަކަށް ބަަލައި ޑާބީ އަށް މި މެޗު އެއްވަރުކުރެވެން ޖެހޭނެ ކަމަށެވެ. އެކަމަކު މާޔޫސްވާން ޖެހޭ ސަބަބެއް ކަމަށާއި އޭނާގެ ޓީމަކީ ގިނަ ކަންތައްތަކެއް ދަސްކުރަމުން އަންނަ ޓީމަކަށް ވުމުން މުސްތަގުބަލާ މެދު ކުރެވޭ އުއްމީދު ބޮޑުކަމަށެވެ.

ބްލެކްޕޫލް ކޮޅަށް އާސެނަލަށް ލީޑުނަަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި ސްވިޒަލެންޑުގެ ފުލްބެކް ސްޓެފަން ލެސްޓައިނާ އެވެ. ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ އެމީލް ސްމިތު ޖެހި ގޯލުން އާސެނަލުން ލީޑުފުޅާކުރި އެވެ. އެކަމަކު މެޗުގެ 56 ވަނަ މިނިޓްގައި އާސެނަލްގެ މަޓެއޯ ގެންޑޫޒީ އަށް ރަތް ކާޑު ދެއްކުމުން އާސެނަލަށް އުނދަގޫ ހާލަތެއް ކުރިމަތިވި އެވެ.

އާސެނަލްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ބްލެކްޕޫލުގެ ޕޯޑީ އޯކޮނާ މެޗުގެ 66 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ބްލެކްޕޫލުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއް ނުވި އެވެ. ބްލެކްޕޫލުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 84 ވަނަ މިނިޓްގައި އޯކޮނާ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ވެސްޓް ހޭމް ދަނޑުގައި ޓޮޓެންހަމްގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އަނެއް ލަނޑު ފެނާންޑޯ ލޮރެންޓޭ ޖެހިއިރު، ވެސްޓް ހޭމްގެ ހަމައެކަނި ގޯލު ޖެހީ ލޫކަސް ޕެރޭޒް އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އާސެނަލް ކުޅޭނީ ޓޮޓެންހަމްއާ އެވެ. ޗެލްސީ ބައްދަލުކުރާނީ ބޯންމައުތާ އެވެ. މިޑްލްސްބަރާ އާއި ބާޓަން ކުޅޭއިރު، ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ފުލަމް ކުޅެގެން މޮޅުވާ ޓީމަކާއި ލެސްޓާ ސިޓީ އާއި ސައުތެމްޓަން ކުޅެގެން މޮޅުވާ ޓީމެކެވެ.