Roadha Mihaaru
ޗެލްސީ ކަޓުވާލުމަށް ފަހު ޓޮޓެންހަމް ކުއާޓާ އަށް

ޗެލްސީ ކަޓުވާލުމަށް ފަހު ޓޮޓެންހަމް ކުއާޓާ އަށް

30 ސެޕްޓެމްބަރ 2020

ލަންޑަން (ސެޕްޓެމްބަރު 30) - އިނގިރޭސި ލީގު ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން 5-4 އިން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (ސެޕްޓެމްބަރު 30) - އިނގިރޭސި ލީގު ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން 5-4 އިން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން 90 މިނިޓް ނިމޭއިރު އެއްވަރުވެއްޖެނަމަ އިތުރުވަގުތުގެ ދެ ހާފް ނުކުޅެ ޕެނަލްޓީ ޖަހާނެ އެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުން ވެސް ބަދަލުތަކެއް ގެނެސްފައިވާއިރު، ޗެލްސީ ފުރަތަމަ އެގާރައިގައި ވަނީ މުޅިން އަލަށް ދެ ކުޅުންތެރިން ހިމަނައިފަ އެވެ. އެއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު އިނގިރޭސި ވާތު ބެކް ބެން ޗިލްވެލް އާއި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ އެވެ. އަނެއްކޮޅުން ޓޮޓެންހަމުން ވަނީ ފުރަތަމަ ފަހަރަށް ސްޕެއިނުގެ ވާތުބެކް ސާޖިއޯ ރެގީލޯން ޓީމުގައި ހިމަނައިފަ އެވެ.

ޗެލްސީ އަށް މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނަގައިދިނީ 50 މިލިއަން ޔޫރޯގެ އަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ. މިއީ ޗެލްސީއާ ގުޅުނު ފަހުން ރަސްމީ މެޗެއްގައި ވާނާ ޖެހި ފުރަތަމަ ގޯލެވެ. އޭނާ މި ލަނޑު ޖެހީ ސެޒާ އަޒްޕްލިއަސެޓާ ހުސްކޮށްލާފައި ދިން ބޯޅައަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދޭން ފުރަތަމަ ހާފުގައި އެރިކް ލަމޭލާ ޖެހި ބޯޅަ އާއި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ރެގީލޯން ފޮނުވާލި ހަމަލާ ކީޕަރު މެންޑީ ވަނީ މަތަކޮށްފަ އެވެ.

ޗެލްސީގެ ގޯލްކީޕަރު މެންޑީ: އޭނާ އަކީ މި ސީޒަނުގައި ޗެލްސީގެ ގޯލު ބެލެހެއްޓި ތިން ވަނަ ކީޕަރު. -- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ގޯލްކީޕަރު މެންޑީ: އޭނާ އަކީ މި ސީޒަނުގައި ޗެލްސީގެ ގޯލު ބެލެހެއްޓި ތިން ވަނަ ކީޕަރު. -- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ފަހަތަށް ކުޅޭ އިނގިރޭސި ޑިފެންޑަރު އެރިކް ޑަޔާ މެޗުގެ ފަހު ކޮޅުގައި ފާހާނަ ކުރުމަށް ދަނޑުން ފަބައިގެން ގޮސް ޗޭންޖިން ރޫމަށް ދިޔަ ވަގުތު ޗެލްސީ އަށް ލީޑުފުޅާކުރަން ވަގުތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޑަޔާ އަވަހަށް ދަނޑަށް ގެންނަން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ޖޭންޖިން ރޫމަށް ގޮސްފަ އެވެ.

ބަދަލު ކުޅުންތެރިންގެ ގޮތުގައި ހެރީ ކޭން އާއި ލޫކަސް މޯރާ އަރުވައިގެން ޓޮޓެންހަމުން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. ރެގީލޯން ދިން ބޯޅައަކުން މި ގޯލު ޖެހީ ލަމޭލާ އެވެ. އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ލަމޭލާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.

ޕެނަލްޓީގައި ޓޮޓެންހަމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޑަޔާ، ލަމޭލާ، މޯރާ، ޕިއެރޭ އެމީލް ހޮއިބިއޭ އަދި ކޭން އެވެ. ޗެލްސީން ޓެމީ އަބްރަހަމް، ޖޯޖީނިއޯ، އަޒްޕްލިއަސެޓާ އަދި އެމަސަން ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް އެ ޓީމު ބަލިވީ ފަސް ވަނަ ޕެނަލްޓީ މޭސަން މައުންޓް އަތުން ބޭކާރުވުމުންނެވެ. މައުންޓް ޖެހި ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ޗެލްސީގެ މައުންޓް ފޮނުވާލި ޕެނަލްޓީ ގޯލުގެ އަރިމަތިން ބޭރަށް ދަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ މައުންޓް ފޮނުވާލި ޕެނަލްޓީ ގޯލުގެ އަރިމަތިން ބޭރަށް ދަނީ.-- ފޮޓޯ: އޭއެފްޕީ

މޮރީނިއޯ ބުނީ ފަސް ދުވަހުގެ ތެރޭ ތިން މެޗު ކުޅެން ޖެހިފައިވާތީ އޭނާ މި މެޗަށް ނުކުތީ ސިކުނޑީގައި ތިން މެޗާ މެދު ވެސް ވިސްނައިގެން ކަމަށާއި އެކަމަކު ކުޅުންތެރިންނަށް އެންގީ މި މެޗާ މެދު ހަމައެކަނި ވިސްނުމަށް ކަމަށެވެ.

"ޝެޑިއުލް އެއީ އަހަރެންގެ ޒިންމާއެއް. އަހަރެން ކުޅުންތެރިންނަށް ވިސްނައިދިނީ އަމިއްލަ ނަފްސަށް އިތުބާރު ކޮށްފައި ކުޅެން. އެ މީހުން ޕްރޮފެޝަނަލްކަމާ އެކު އެކަން ކޮށްފި،" މީގެ ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑާ އެކު ލީގު ކަޕް ކާމިޔާބުކުރި މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ޕެނަލްޓީގައި ކޮންމެ ނަތީޖާއެއް ވެސް ނުކުތުމުގެ ފުރުސަތު އެބައޮތް ކަމަށާއި މައްސަލަ ދިމާވީ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ވަރަށް ދެ ވަނަ ހާފްގައި ނުކުޅެވުމުން ކަމަށެވެ. އަދި މެޗުގެ ފަހު ކޮޅުގައި ޗެލްސީގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނުނު ކަމަށާއި ވާނާ ލައްވައި ޕެނަލްޓީ ނުޖެހީ ކުޑަކޮށް އަނިޔާވެފައި ހުރުމުން އޭނާއާ މަޝްވަރާކުރުމަށް ފަހު ކަމަށް ލަމްޕާޑް ބުންޏެވެ.