Roadha Mihaaru
ސޯލާ ޕެނަލް ހަރުކޮށްދޭ ބޮޑު މަޝްރޫއެއް ފަށައިފި

ފެނަކަ އިން ސޯލާ ޕެނަލް ހަރުކޮށްދޭ ބޮޑު މަޝްރޫއެއް ފަށައިފި

06 ޖެނުއަރީ 2022

ގޭގައި އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގޭގައި އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

"ހޯމް ސޯލާ" ޕްރޮގްރާމްގެ ދަށުން ދެ ކިލޯވޮޓް އާއި ފަސް ކިލޯވޮޓާ ދެމެދުގެ ސޯލާ ސިސްޓްމްތައް މާކެޓަށް ނެރެ، ގޭގައި ހަރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރާނެ އެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލު ކުރުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ހަކަތައިގެ ސިޔާސަތަށް އިންގިލާބީ ބަދަލެއް ގެންނަންޖެހޭ ކަމަށާއި ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނާ މިއަދު ހޯމް ސޯލާ މަޝްރޫއު ހަވާލުކުރީ 20 މިލިއަން ރުފިޔާ ދައުލަތުން އިންވެސްޓުކުރާ ގޮތަށް ކަމަށާއި އެ ފަންޑުގެ ދަށުން ގޭގޭގެ ފުރާޅުގައި ސޯލާ ބެހެއްޓުމަށް ހަރަދު ކުރުމަށް ފައިސާ ދޫކުރާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

އެ މަޝްރޫއު ފަށަން ވެސް 1،000 ގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރަން ހަރަދު ކުރަން ނިންމާފައިވާ ކަމަށާއި އޭގެ އަސަރު ރައްޔިތުންގެ ކަރަންޓު ބިލުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ކަރަންޓު ބިލް ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރަން،" ޝައުނާ ވިދާޅުވި އެވެ.

ކަރަންޓު ބިލު ބޮޑުވުމަކީ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުން ކަމަށާއި ކަރަންޓު ބިލު ކުޑަ ކުރުމަށް ސޯލާ ޕެނަލް ހަރުކުރުމަށް ޝައުނާ އެދިވަޑައިގަތެވެ. އޭގެ ސަބަބުން މިސާލަކަށް، މަހަކު 300 ޔުނިޓުގެ ކަރަންޓު ބޭނުން ކުރާ ގެއެއްގައި ދެ ކިލޯވޮޓުގެ ސޯލާ ސިސްޓަމެއް ހަރުކޮށްފި ނަމަ ބިލުން 90 ޕަސަންޓު ކުޑަ ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އޭސީ އާއި ދޮންނަ މެޝިނު ގަންނަ ފަދައިން ކޮންމެ ގެއެއްގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކުރުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް އަދި ޑިމާންޑު ވެސް ކުރާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެކަނި ވެސް ތެޔޮ އެތެރެ ކުރުމަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ރާއްޖެއަކީ އަވިންނާއި އިތުރު އިއާދަކުރެވޭނެ ހަކަތަ ބޭނުން ކުރެވޭނެ ގައުމަކަށް ވާއިރު ތެލަށް ބަރޯސާވާ މިންވަރު އެތައް ގުނައަކުން ކުޑަ ކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މި ސަރުކާރާ ހަވާލުވި އިރު އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައި ވަނީ 16.5 މެގާވޮޓްގެ ސޯލާ ކަމަށާއި މިދިޔަ ތިން އަހަރު ތެރޭގައި އިތުރު 20 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި އިތުރު 26 ރަށެއްގައި 11 މެގަވޮޓް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި 32.8 މެގަވޮޓްގެ ސޯލާ ސިސްޓަމް ގާއިމް ކުރަން ބީލަން މަރުހަލާގައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު 2018 ގައި ހުރި މިންވަރަށް ވުރެ 20 ޕަސަންޓު އިތުރަށް ރާއްޖެއިން އިއާދަކުރެނިވި ހަކަތަ އުފެއްދުން. މި އަމާޒާއެކު މަސައްކަތް ކުރަމުން މިދަނީ ރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް،" ޝައުނާ ވިދާޅުވި އެވެ.

ހޯމް ސޯލާ މަޝްރޫއުގެ ދަށުން ސޯލާ ސިސްޓަމް ހަރުކުރުމަށްޓަކައި އެ ގެޔެއް ނިސްބަތްވާ ރަށުގައި ހުންނަ ފެނަކަ ބްރާންޗަށް ހުށަހެޅުމުން އެކަމަށްޓަކައި ކުރަން ޖެހޭ ސާވޭތައް ފެނަކަގެ ޓެކްނިކަލް ޓީމުން ކުރާނެ އެވެ. އެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އަރާ ވަރާއި، އެ ގެއެއްގެ ފުރާޅުގެ ފެންވަރަށް ބެލުމަށް ފަހު ސޯލާ ސިސްޓަމް ހަރު ކުރަން ފެނަކަ އިން ވަނީ ނިންމައިފަ އެވެ.