Roadha Mihaaru
ފޯމިއުލާ 1 ގެ އުދުހޭ ކާރެއް ދައްކާލައިފި

ފޯމިއުލާ 1 ގެ އުދުހޭ ކާރެއް ދައްކާލައިފި

16 ޖެނުއަރީ 2021

ރޭސް ޖަހަން ބޭނުންކުރާ ވައްތަރުގެ ފޯމިއުލާ 1 ގެ އުދުހޭ ކާރެއް ފްރާންސްގެ ކުންފުންޏަކުން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭސް ޖަހަން ބޭނުންކުރާ ވައްތަރުގެ ފޯމިއުލާ 1 ގެ އުދުހޭ ކާރެއް ފްރާންސްގެ ކުންފުންޏަކުން ދައްކާލައިފި އެވެ.

ބުރާސްފަތި ދުވަހު ނިންމައިލި މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކް ޝޯ (ސީއީއެސް) ގައި ދައްކައިލި އެ ކާރަކީ ފްރާންސްގެ ޑިޒައިން ކުންފުނި މޭކް އެކްސަސިބަލް ކާކޮޕްޓާ ޓު އެނީވަން (އެމްއޭސީއޭ) ގެ އުފެއްދުމެކެވެ. އެ ކުންފުނިން ބުނިގޮތުގައި އުދުހޭ ކާރުގެ މައިގަނޑު އެއް ބޭނުމަކީ ތިމާވެއްޓާ ރައްޓެހިކުރުމެވެ.

އެމްއޭސީއޭގެ އުދުހޭ ކާރަކީ ޒީރޯ ކާބަން އަދި އެ ބޭނުންކުރަން ވެސް ރައްކާތެރި އެއްޗަކަށް ވާނެ ކަމަށް ބުންޏެވެ. "ކާކޮޕްޓާ" އެއްގެ ގޮތުގައި ސިފަކުރާ މި ކާރުގެ ދުވެއްޔަކީ ގަޑިއަކު 300 ކިލޯމީޓަރެވެ.

އެމްއޭސީއޭ އިން ބުނި ގޮތުގައި މިއީ ރޭހުގައި ބޭނުންކުރާ 2.5 މީޓަރު ސްކޭލް މޮޑެލްގެ އެއްޗެކެވެ. އަދި އެ ފަރުމާކޮށްފައި ވަނީ ހަ އިލެކްޓްރިކް އިންޖީނު އެކުލެވޭ ގޮތަށެވެ. ބަރުދަނުގައި 500 ކިލޯ "ކާކޮޕްޓާ" އަކީ ހައިޑްރޮޖެން ފިއުލް ސެލް އާއި ޓޭންކް ހިމެނޭނެ އެއްޗެކެވެ.

އެމްއޭސީއޭ އިން ބުނިގޮތުގައި މިއީ އަދިވެސް ފަރުމާކުރުމުގެ މަރުހަލާގައި އޮތް އެއްޗަކަށް ވިިޔަސް އުންމީދަކީ މި އަހަރުގެ ފަހުކޮޅު ޓެސްޓްކުރެވޭ ހިސާބަށް މަސައްކަތް ގެންދިއުމެވެ. އެހެންވެ މުސްތަގުބަލުގައި ފޯމިިއުލާ 1 ގެ ރޭސްތައް ޖައްވުގެ ތެރެއިން ވެސް ފެނިގެން ހިނގައިދާނެ އެވެ. އެމްއޭސީއޭ އިން އަންދާޒާކޮށްފައިވާ ގޮތުން "ކާކޮޕްޓާ" 2023 ގައި ހިސާބުގައި އެއްކޮށް ހަގީގަތަކަށް ހެދޭނެ އެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ވަރަށް ގިނަ ގައުމުތަކުން އަންނަނީ އުދުހޭ ކާރު އުފައްދަން މަސައްކަތްކުރަމުންނެވެ. މީގެ ބޭނުމަކީ މަގުތަކުގެ ޓްރެފިކް ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ކޮންޓްރޯލްކުރަން އުދުހޭ ޓެކްސީގެ ހިދުމަތް ހަގީގަތަކަށް ހެދުމެވެ.