Roadha Mihaaru
ތިނަދޫ އިންޑަސްޓްރިއަލް ޒޯން ބިން ހިއްކަން ހަވާލުކޮށްފި

ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބިން ހިއްކަން 125 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި

09 ޖެނުއަރީ 2022

ގދ. ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މި މަޝްރޫއު އަށް 125 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ކުރާނެ ކަންކަން

• 219،595 އަކަމީޓަރުގެ ބިން ހިއްކުން

• 1،336 މީޓަރުގެ ރިވެޓްމަންޓް ޖެހުން

• ތިނަދޫ ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރުގެ ރިވެޓްމަންޓް ޖެހުން

• 284 މީޓަރުގެ އެއްގަމު ތޮށި ހެދުން

• ކޮންކްރީޓް ބްރިޖެއް އެޅުން

މި ކޮންކްރީޓް ބްރިޖަކީ ތިނަދޫގެ އިރުމަތީ ފަރާތު ފަޅުތެރެއިން ރަށާ ވަކިން ހިއްކަން ނިންމާފައިވާ ބިން، ރަށާ ގުޅާލުމަށް ބޭނުންކުރާނެ ބްރިޖެވެ.

ބޮޑު އާބާދީއެއް އޮންނަ ތިނަދޫގެ ބިން، ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ހިއްކާފައިވެ އެވެ. އެ ރަށުގެ އުތުރު ފަރާތުން ހިއްކާފައިވާ އެ ބިމުން ގޯތިދޫކުރަން އެ ރަށުގެ ކައުންސިލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ތިނަދޫގެ އިރުމަތީފަރާތުގައި ބޭރު ތޮއްޓެއް ނެތުމުގެ ސަބަބުން، މޫސުން ބަދަލުވާ ދުވަސްވަރު، ރަށު ތެރެއަށް ވަރަށް ބޮޑަށް އުދަ އަރައި، ކަނޑު ގަދަވެއްޖެ ނަމަ، ފަޅުގައި އަޅައިފައި އޮންނަ ދޯނިފަހަރަށް ވެސް ގެއްލުންވާ ކަމުގެ ޝަކުވާ އެ ރަށު މީހުން ކުރެ އެވެ.