Roadha Mihaaru
ގަބީލާ ނުފޫޒަށް އިރާގުގައި ޖާގައެއް ނެތް: ސަދްރު

ގަބީލާ ނުފޫޒަށް އިރާގުގައި ޖާގައެއް ނެތް: ސަދްރު

09 ޖެނުއަރީ 2022

އިރާގުގައި ދެން އުފައްދާ ސަރުކާރެއްގައި ގަބީލާވަންތަކަމަށާއި ނަސްލީވަންތަކަމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް، ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ އައްސަދްރު ވިދާޅުވެއްޖެ އެވެ.

އިރާގުގައި ދެން އުފައްދާ ސަރުކާރެއްގައި ގަބީލާވަންތަކަމަށާއި ނަސްލީވަންތަކަމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް، ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ އައްސަދްރު ވިދާޅުވެއްޖެ އެވެ.

އިރާގުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި، ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ސަދްރުގެ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ކުދި ޕާޓީތަކެވެ. ނަމަވެސް، އަމިއްލަ ސަރުކާރެއް އުފެއްދޭ ވަރުގެ އަގުލަބިއްޔަތެއް ނުލިބެ އެވެ.

މުގްތަދާ އައްސަދްރު ވިދާޅުވި ގޮތުގައި ކުރިމަގުގައި އިރާގުގައި އުފައްދާނީ ގިނަ ޕާޓީތަކުގެ އަގުލަބިއްޔަތު ލިބިފައިވާ ވަތަނީ ސަރުކާރެކެވެ. އެހެންކަމުން، ހަނގުރާމަވެރި ޖަމާއަތްތަކަށާއި ފަސާދަކުރާ މީހުންނަށް އިރާގުން ފުރުސަތު ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުގްތަދާ އައްސަދްރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އިރާގުގެ ކޮންމެ ރައްޔިތެއް ވެސް ހުންނާނީ ގާނޫނަށް ވުރެ ދަށުގަ އެވެ. އަދި އިރާގުގެ ޝަރުއީ ނިޒާމަކީ ވަކި ފަރާތަކަށް ބުރަނުވާ ނިޒާމަކަށް ވާނެ ކަމަށާއި، ވަކި ބަޔަކަށް ބަރޯސާވުމަކީ އިރާގު ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރިތާ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް، ސަރުކާރެއް އެކުލަވައިލެވޭ ވަރުގެ ކޯލިޝަނެއް އުފެއްދުމުގައި މުގްތަދާ ސަދްރުގެ ޕާޓީއަށް ކާމިޔާބެއް ނުލިބެ އެވެ. ޝީއީންގެ ކުދި ޕާޓީތަކުގެ ވިސްނުމާއި ސަދްރުގެ ޕާޓީގެ ވިސްނުމާ ތަފާތުވުމުން، އާ ބޮޑުވަޒީރަކު ކަނޑައެޅުމުގައި، ޝީއީ ޕާޓީތަކުން ސަދްރުގެ ޕާޓީއަށް ތާއީދުކުރާކަށް ބޭނުމެއް ނުވެ އެވެ.

ޝީއީންގެ ކުދި ޕާޓީތަކަކީ، އީރާންގެ ނުފޫޒާއި އެހީތެރިކަމުގައި ހިންގާ ޕާޓީތަކެވެ. މުގްތަދާ އައްސަދްރު އާއި އޭނާގެ ޕާޓީއަކީ، އިރާގުގެ ސިޔާސީ މަސްރަހުގައި އީރާންގެ ނުފޫޒު އޮތުމަށް ދެކޮޅު ހަދާ ބައެކެވެ.

އަނެއްކޮޅުން ސުންނީންގެ މައި ޕާޓީތައް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމަށް، ކުރިން ވެސް އެ މަގާމުގައި ހުންނެވި މުހައްމަދުލް ހަލްބޫސީ އައްޔަންކުރުމަށް ހުށަހަޅައިފަ އެވެ. އޮކްޓޫބަރު 10، 2021 ގައި އިރާގުގައި ބޭއްވި އާންމު އިންތިހާބުގައި ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެސް، ހަލްބޫސީގެ ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަން ޕާޓީތަކުންނެވެ.