Roadha Mihaaru
ބަޣުދާދުގެ ކުރިމަތިލުންތަކުގައި 30 މީހަކު މަރުވެއްޖެ

ބަޣުދާދުގެ ކުރިމަތިލުންތަކުގައި 30 މީހަކު މަރުވެއްޖެ

30 އޯގަސްޓް 2022

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ގްރީން ޒޯންގެ ތެރޭގައި އިއްޔެ އާއި ރޭ ހިނގި ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި، އާންމު ރައްޔިތުންގެ ތެރެއިން މަދުވެގެން 30 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހަސްފަތާލުތަކުން ބުނެފި އެވެ.

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ގްރީން ޒޯންގެ ތެރޭގައި އިއްޔެ އާއި ރޭ ހިނގި ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި، އާންމު ރައްޔިތުންގެ ތެރެއިން މަދުވެގެން 30 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހަސްފަތާލުތަކުން ބުނެފި އެވެ.

ގްރީން ޒޯންގެ ތެރޭގައި ހަމަނުޖެހުންތައް ފެށުނީ، އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރު، ސިޔާސީ އެންމެހައި ކަންކަމުން ފެއަށް ޖެހިވަޑައިގެންނެވިކަން އިއްޔެ އިއުލާން ކުރައްވައި އޭނާގެ ސިޔާސީ އޮފީސްތައް ބަންދުކުރުމާ ގުޅިގެންނެވެ. ސަދަރު ސިޔާސީ ކަންކަމުން އެކަހެރިވެވަޑައިގަތްކަން އިއުލާން ކުރެއްވުމާއެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ރިއާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަނެ އެތަން ހިފަން މަސައްކަތް ކުރި އެވެ.

އެއާ އެކު އިރާގުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން ހަތިޔާރާއެކު ރިއާސީ ގަނޑުވަރުގެ ތެރެއަށް ވަދެ، ކަރުނަގޭސް ޖަހައި އާންމުން އެ ތަނުން ނެރެން މަސައްކަތް ކުރި އެވެ. ކަރުނަގޭހަށް ވެސް އާންމުން މައިތިރި ނުވުމުން، ސިފައިން ވަނީ ވައިގެ ތެރެއަށް ބަޑި ޖަހައި އިންޒާރު ކުރުމަށް ފަހު، ރިއާސީ ގަނޑުވަރުން އާންމުން ނެރެފަ އެވެ.

އެއަށް ފަހު އިއްޔެގެ އިރު އޮއްސި އަނދިރިވުމާއެކު، ގްރީން ޒޯން ސަރަހައްދުގައި ކޮންމެވެސް ބައެއްގެ މެދުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރަން ފެށި އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ބަޑީގެ ހަމަލާތައް ބަދަލުކުރަން ފެށުނީ ސަރުކާރު ސިފައިން، ސަދްރުގެ ސަޕޯޓަރުންނަށް ހަމަލާ ދިނުމުންނެވެ. އެހެން ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ބަދަލުކުރީ ގްރީން ޒޯން ސަރަހައްދުގައި ތިބި ސަދްރުގެ ސަޕޯޓަރުންނާއި، އިރާގު ސަރުކާރަށް ތާއީދުކުރާ އަދި އީރާންގެ މަދަދު ލިބޭ ޝީއީ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ.

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ކުރިމަތިލުންތައް މައިތިރި ކުރުމަށް އިރާގުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން މަސައްކަތް ކުރަނީ،. --އޭއެފްޕީ

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ކުރިމަތިލުންތައް މައިތިރި ކުރުމަށް އިރާގުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން މަސައްކަތް ކުރަނީ،. --އޭއެފްޕީ

ބަޣުދާދުގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި ހަމަލާތައް އެންމެ ވަރުގަދަ ވެގެން ދިޔައީ ރޭ ދަންވަރުގެ ވަގުތުގަ އެވެ. މިއަދު ފަތިހު ވެސް ބަޣްދާދުގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުން ބަޑީގެ އަޑު ކަނޑައިގެން ނުދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އިރާގު ސަރުކާރުން ބުނި ގޮތުގައި އިއްޔެ އާއި ރޭ ހިނގި ކުރިމަތިލުންތަކުގެ ސަބަބުން، ދާޚިލީ ހަނގުރާމައެއް ފެށުނަ ނުދިނުމަށްޓަކައި، މުގްތަދާ އައް ސަދްރުގެ ސިޔާސީ ހަރަކާތްތަކުގެ އިސް ވެރިންނާއި، އީރާންގެ މަދަދު ލިބިގެން ހިންގާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ އެކު، ސަރުކާރުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އިއްޔެ އިން ފެށިގެން ގްރީން ޒޯންގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އިތުރުން، 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެގެން ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ 110 އަށް ވުރެ ގިނަ މީހުން ވެސް ހިމެނެ އެވެ.

ސިޔާސީ އެންމެހައި ކަންކަމުން އެކަހެރިވެވަޑައިގެންނެވި ކަމަށް ސަދްރު އިއުލާން ކުރެއްވި ނަމަވެސް، އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ކަމަކަށް އިރާގުގެ ސިޔާސީ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ސިޔާސީ ކަންތަކުން ފެއަށް ޖެހިވަޑައިގެންނެވި ކަމަށް އިއުލާން ކުރައްވައި އޮފީސްތައް ބަންދުކުރެއްވުމަށް ފަހު ވެސް، ގްރީން ޒޯނަށް އެއްވެފައި ތިބި މީހުން ކަން ކުރަންވީ ގޮތުގެ އިރުޝާދުތައް ދެމުން ދިޔައީ ސަދްރުގެ އޮފީސްތަކުން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރު އަށް ތާއީދުކުރާ ބަޔަކު އޭނާގެ ފޮޓޯތައް ހިފައިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. --އޭއެފްޕީ

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރު އަށް ތާއީދުކުރާ ބަޔަކު އޭނާގެ ފޮޓޯތައް ހިފައިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. --އޭއެފްޕީ

އިރާގުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސިޔާސީ ކަންތަކުން ފެއަށް ޖެހިވަޑައިގެންނެވި ކަމަށް ސަދްރު އިއުލާން ކުރެއްވީ، މިހާރު އިރާގަށް ފެތުރިފައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ހާލަތުގެ ނާޖާއިޒު ފައިދާ ނަންގަވައި، އާންމުންގެ މެދުގައި އޭނާއާ މެދު ހަމްދަރުދީ އާއި ތާއީދު އިތުރުކޮށްގެން، އޭނާގެ ސިޔާސީ ކުރިމަގު އިތުރަށް ހަރުދަނާ ކުރެއްވުމަށެވެ.

އެކަމުގެ ހެއްކެއްގެ ގޮތުން ބައެއް ނޫސްތަކުން ފާހަގަކުރަނީ، ސިޔާސީ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގަތުމަށް ފަހު، ހައިހޫނު ކަމުގެ ހަޅުތާލެއް ސަދްރު ފައްޓަވާފައިވުމެވެ. ގްރީން ޒޯންގެ ތެރެއިން ފެށުނު ހަމަލާ ބަދަލުކުރުންތަކާ ގުޅިގެން، ސަދްރު ރޭގައިވަނީ ހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައި، އޭނާގެ ސަޕޯޓަރުންނަށް ހަމަލާ ދިނުން އިރާގު ސިފައިން ހުއްޓައިލަންދެން، ހަޅުތާލު ކުރިއަށް ގެންދަވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އިރާގުގެ އެހެން ސަރަހައްދުތަކުގައި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހަނގުރާމަވެރިންގެ މެދުގައި ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރަށްޓަކައި، އިރާގުގެ ދިފާއީ ވުޒާރާ އިން މިއަދު ވަނީ އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ސިޔާސީ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންނެވިކަން ސަދްރު މި އިއުލާން ކުރެއްވީ، އިރާގުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އޭނާ ގޮވައިލެއްވިތާ މަސްތަކެއް ވީއިރު ވެސް، ސަރުކާރުން އެ ކަމަށް އިޖާބައެއް ނުދީ، އާންމު މަސްލަހަތު ގެއްލޭ ހިސާބަށް ކަންތައް ދިއުމުންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރަށް އޮތް އަގުލަބިއްޔަތު ގެއްލި، އާ ސަރުކާރެއް އެކުލަވައިނުލެވި 10 މަސް ދުވަސް ފާއިތުވުމުން، އަވަސް އިންތިޚާބެއް ބޭއްވުމަށް ސަދްރު ގޮވައިލެއްވުމާ އެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރަން ފަށައިފަ އެވެ.