Roadha Mihaaru
ހަނގުރާމައަށް ދިޔަ ކަމަށް ބެލެވުނަސް ރިހެބިލިޓޭޝަނަށް

ހަނގުރާމައަށް ދިޔަކަމަށް ބެލެވޭ ހިސާބުން ތަހުގީގު ފަށައި ރިހެބިލިޓޭޝަން ލާޒިމްކުރަނީ

30 މެއި 2021

ހަނގުރާމައަށް ދިއުމަށް ފަހު ނުވަތަ ހަނގުރާމަހިނގާ ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުން ހަނގުރާމާގައި ބައިވެރިވި ކަމަށް ތުހުމަަތުކުރެވޭ ހިސާބުން ވެސް ވަގުތުން ތަހުގީގު ފަށައި ރިހެބިލިޓޭޝަން ލާޒިމްވާ ގޮތަށް، ޓެރަރިޒަމާ ބެހޭ ގާނޫނު އިސްލާހުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ބިލެއްގައި ހިމަނައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހަނގުރާމައަށް ދިއުމަށް ފަހު ނުވަތަ ހަނގުރާމަހިނގާ ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުން ހަނގުރާމާގައި ބައިވެރިވި ކަމަށް ތުހުމަަތުކުރެވޭ ހިސާބުން ވެސް ވަގުތުން ތަހުގީގު ފަށައި ރިހެބިލިޓޭޝަން ލާޒިމްވާ ގޮތަށް، ޓެރަރިޒަމާ ބެހޭ ގާނޫނު އިސްލާހުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ބިލެއްގައި ހިމަނައިފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން އޭޖީ އޮފީހުން އެކުލަވައިލި ބިލް އެ އޮފީހުން ބުނި ގޮތުގައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ރައީސް އޮފީހަށް ފޮނުވައިފަ އެވެ. އެ ބިލުން ގެންނަން ހުށަހަޅާފައިވާ އެއް ބަދަލަކީ ހަނގުރާމައިގައި ބައިވެރިވިކަމަށް ކުރެވޭ ތުހުމަތު ކުޑަ ކަމަށް ވިޔަސް ވަގުތުން ތަހުގީގު ފެށޭގޮތަށް ހެދުމެވެ.

ކުށެއް ކުރިކަމުގެ ތުުހުމަތާއި ކުށެއް ކުރިކަމަށް ބެލެވޭ ތުހުމަަތަކީ ގާނޫނީ ބަހުރުވައިގައި ތަފާތު ދެ ފަންތިއެއްގެ ތުހުމަތެވެ. ކުށެއް ކުރިކަމަށް ބެލެވޭ ތުހުމަތަކީ ކުށް ކުރިކަމަށް ކުރެވޭ ތުހުމަތަށް ވުރެ ބަލިކަށި ތުހުމަތެކެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ހަނގުރާމައަށް ދިޔުމަށް ފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށް ފަހު އަނބުރާ އަންނަ މީހުންނާ މެދު އަމަލުކުރާ އިޖުރާއަތުތަކަށް ގެންނަން ހުށަހަޅާ މައިގަނޑު ބަދަލަކީ އެފަދަ މީހުންގެ ތެރެއިން، ޓެރަރިޒަމްގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށް ވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

އެފަދަ ތުހުމަތެއް ނެތް ނަމަވެސް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމުގެ ސަބަބުން ޓެރަރިޒަމަށް ހުށަހެޅިފައިވާ މީހުންނަށް މެދުނުކެނޑި ރިހެބިލިޓޭޝަން ހޯދުން ލާޒިމްކުރަން ވެސް ވަނީ ހިމަނައިފަ އެވެ. އޭޖީ އޮފީހުން ބުނީ އެގޮތަށް އަންނަ މީހުންގެ ނުރައްކަލުން މުޖުތަމައު ރައްްކާތެރިކުރުމަށް އެ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ބިލުގައި ހިމަނާފައި ވާނީ އެފަދަ މީހުންނަށް ހިންގާ ރިހެބިލިޓޭޝަނަކީ އެ މީހަކު ގާނޫނީ ނިޒާމުގެ ކުރިމައްޗަށް ހާޒިރުވާ ހިސާބުން ފެށިގެން، މުޖުތަމައަށް ރުޖޫއަވަންދެން ދޭ ފަރުވާއެއްގެ ގޮތުގައި މަޖުބޫރުކުރުމަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.