Roadha Mihaaru
ސަދްރުގެ ސަޕޯޓަރުން އަނެއްކާވެސް ޕާލަމެންޓް ހިފައިފި

ސަދްރުގެ ސަޕޯޓަރުން އަނެއްކާވެސް ޕާލަމެންޓް ހިފައިފި

31 ޖުލައި 2022

އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރަށް ތާއީދުކުރާ އާންމު ރައްޔިތުންގެ ގިނަ ބަޔަކު، އިއްޔެ އަނެއްކާވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެ، އެ ތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ސަދްރަށް ތާއީދުކުރާ އާންމުންގެ ގިނަ ބަޔަކު މިދިޔަ ބުދަ ދުވަހު ވެސް ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަތެވެ. ވެރިރަށް ބަޣުދާދުގައި ސަލާމަތީ ކަންތައް ވަރުގަދަކޮށްފައި އޮންނަ ގްރީން ޒޯންގެ ތެރެއަށް، އާންމުން ވަދެގަތީ، ގްރީން ޒޯންގެ ބޭރުގައި ތިބި ސިފައިންނާއި ފުލުހުންގެ ސަފުތައް ފޫއަޅުވާލައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް، ސަދްރުގެ ސަޕޯޓަރުން އެ ދުވަހު ވަދެގަތީ ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަޝްވަރާތައް އެ ދުވަހުގެ ޖަލްސާ އަށް ތާވަލުކޮށްފައި ވަނިކޮށެވެ. ގާނޫނު ހަދާ މަޖިލީހުގައި މިހާރު އަޣުލަބިއްޔަތު އޮތީ، އީރާނަށް ތާއީދުކުރާ ޝީއީ ޕާޓީތަކުގެ ގުޅިފައިވާ ކޯލިޝަނަށް ކަމަށްވާތީ، ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ކަމަށް އަޑު ފެތުރިފައި އޮތީ، އެ ކޯލިޝަންގެ ކެންޑިޑޭޓް މުހައްމަދު ޝިޔާއު އައްސޫދާނީ އެވެ.

ޖުލައި 30، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގެ ތެރޭގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތުމަށް، މުގްތަދާ އައް ސަދްރުގެ ސަޕޯޓަރުން މަސައްކަތް ކުރާއިރު، ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވުމަށް ކަރުނަގޭސް ޖަހަނީ. --އޭއެފްޕީ

މުގްތަދާ އައް ސަދްރުގެ ސިޔާސަތަކީ، އީރާންގެ ނުފޫޒުން މިނިވަންވެފައިވާ ސަރުކާރެއް އިރާގުގައި ގާއިމުކުރުމެވެ. ސަދްރުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތީ، އީރާންގެ ނުފޫޒުގެ ދަށުގައި ހުންނަވާ ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތުމަށް އިއްޔެ މަސައްކަތް ކުރި މީހުންނާއި ސަލާމަތީ ބާރުތަކުގެ މެމްބަރުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި 125 މީހަކު ޒަޚަމްވި އެވެ. އޭގެ ތެރޭގައި އާންމުންގެ 100 މީހަކާއި ސަލާމަތީ ބާރުތަކުގެ 25 މީހަކު ހިމެނެ އެވެ.

ޑިޕްލޮމެޓިކް މިޝަންތަކާއި ސަރުކާރުގެ މުހިންމު އޮފީސްތައް ހުންނަ ގްރީން ޒޯންގެ ތެރެއަށް، ސަދްރުގެ ސަޕޯޓަރުން ވަދެގަތީ ގަލާއި ފުޅި ފަދަ ތަކެތިން، ސަލާމަތީ ބާރުތަކުގެ މީހުންނަށް ހަމަލާ ދިނުމަށް ފަހު އެވެ. އެމީހުން މައިތިރި ކުރުމަށް ސަލާމަތީ ބާރުތަކުން ބޭނުންކުރީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތް އާންމުން ރޭ ވެސް ތިބީ އެ އިމާރާތުގެ ތެރޭގަ އެވެ. ޖަލްސާ ކުރާ މާލަމާއި އެހެން ކޮޓަރިތަކުގެ ތެރެއަށް ވަދެ އުޅުނު މީހުން ރޭ ނިދީ ވެސް އެ ތަނުގެ ތެރޭގަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ތިބި އާންމުން، އެއްވެސް ޝަރުތަކާ ނުލައި އެތަނުން ނުކުތުމަށް، ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ. އަދި ސަރުކާރުގެ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކަށް ބޮޑުވަޒީރު އިއްޔެ ވަނީ އަންގަވައިފަ އެވެ.

ޖުލައި 30، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގެ ތެރޭގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި، މުގްތަދާ އައް ސަދްރުގެ ސަޕޯޓަރުން ނިދަނީ. --އޭއެފްޕީ

ޖުލައި 30، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގެ ތެރޭގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި، މުގްތަދާ އައް ސަދްރުގެ ސަޕޯޓަރުން ނިދަނީ. --އޭއެފްޕީ

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުނާ ގޮތުގައި، މިފަހަރު އެ އިމާރާތުގެ ތެރެއަށް ވަދެ ތިބި މީހުން ތިބީ، އެ މީހުން ބޭނުންވާ ކަންތައް ހާސިލުވުމުގެ ކުރިން އެ އިމާރާތުން ނުކުންނަ ގޮތަކަށް ނޫނެވެ. އެމީހުން ގޮވާލަމުން ދަނީ ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެފައިވާ ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކޮށް، އީރާނުގެ ނުފޫޒުން އެއްކިބާވެފައިވާ ސަރުކާރެއް އުފެއްދުމަށެވެ.

ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ވޯޓުލުން ތާވަލު ކޮށްފައި އޮތީ، އިއްޔެ ބާއްވަން ހަމަޖެއްސި ޖަލްސާގަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު، ސަދްރުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތުމާއެކު، ބުދަ ދުވަހުގެ ޖަލްސާ އާއި އިއްޔެ ބާއްވަން އޮތް ޖަލްސާ ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ސަދްރުގެ ސަޕޯޓަރުން ބުނާ ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން އުޅޭ މުހައްމަދު ޝިޔާއު އައްސޫދާނީ އަކީ، ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ ހިޔަންޏެކެވެ. ނޫރީއަކީ ބޮޑުވަޒީރުކަމުގައި ހުންނެވި ދެ ދައުރުގައި، ކޮރަޕްޝަންގެ އަމަލުތައް ހިންގަވައި ގައުމު ބަނގުރޫޓު ކޮށްލެއްވި ބޭފުޅެއްކަމަށް، ސަދްރުގެ ޕާޓީން ތުހުމަތުކުރެ އެވެ.