Roadha Mihaaru
"ކްރިޝް 4" ހެދޭނީ ކޮވިޑް ނިމުނީމަ

"ކްރިޝް 4" ހެދޭނީ ކޮވިޑް ނިމުނީމަ

11 ޖެނުއަރީ 2022

ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ފެށެން އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި، އެ ބަލީގެ ބިރެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ތަނަވަސްވި އިރަކުން ކަމަށް ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ފެށެން އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި، އެ ބަލީގެ ބިރެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ތަނަވަސްވި އިރަކުން ކަމަށް ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ.

"ކްރިޝް 4" ގެ ވާހަކަ ދެކެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި އޭގެ ޝޫޓިންއާ ހަމައަށް ދެވޭ ވަރެއް ނުވެ އެވެ. ކުރިން މަސައްކަތް މަޑުޖައްސައިލަން ޖެހުނީ ރާކޭޝް ހިތްހަމަ ޖެހޭ ވަރަށް ސްކްރިޕްޓުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ގަބޫލުކުރެވި، އެ ޕޮލިޝްކުރަން ވަގުތު ނެގުމުންނެވެ. އޭގެ ފަހުން ރާކޭޝް އަށް ކެންސަރު ޖެހި ބައްޔަަށް ފަރުވާ ހޯދަން ވެސް ގިނަ ދުވަސްތަކެއް ނެގުމުން "ކްރިޝް 4" މަޑުޖައްސާލަން ޖެހުނެވެ.

ނަމަވެސް އޭނާ މިހާރު ހުރީ ހުރިހާ ކަމަކަށް ތައްޔާރުވެ، ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި ފިލްމުގެ މަސައްކަތް ފެށޭނެ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާތުގަ އެވެ. ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ރާކޭޝް ބުނީ މި އަހަރު ފަހުކޮޅާ ހަމަ އަށް އަންނަން ވާއިރަށް ކޮވިޑްގެ ހާލަތު އެއްކޮށްހެން ރަނގަޅުވާނެ ކަމުގެ އުންމީދުގައި ހުރި ކަމަށެވެ.

"ކްރިޝް ހަތަރަކީ ފުދޭ ވަރެއްގެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ، އަނެއްކާ ވަރަށް ބޮޑު ބަޖެޓަކުން ހަދާ ފިލްމަކަށް ވާތީ މަސައްކަތް ފަށާ ތަނުން ކޮވިޑާ ހެދި މަސައްކަތް ހުއްޓާލައި އަނެއްކާ ވެސް ގިނަ ދުވަސްތަކަކަށް މަޑުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" ރާކޭޝް ބުންޏެވެ.

"އެހެންވީމަ ބޭނުން ވަނީ ޕެންޑެމިކް ހާލަތު ރަނގަޅުވީމަ މަސައްކަތް ފަށަން. އުންމީދުކުރަނީ އަހަރުގެ ފަހުކޮޅު މި ވަބާގެ ބިރު އެއްކޮށް ފިލައިދާނެ ކަމަށް. އޭރުން ދެން ހަމަޖެހިލައިގެން މަސައްކަތް ކުރިއަށް ގެންދެވޭނެ."

އޭނާ ބުނި ގޮތުގައި "ކްރިޝް 4" އަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާކަން އެނގެ އެވެ. އެކަމަކު މި ދަނޑިވަޅުގައި ކޮންމެހެން އަވަސް އަރުވާލައިގެން ފިލްމު ހެދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުންޏެވެ. ރާކޭޝްގެ ވާހަކަތަކަށް ބަލާ އިރު "ކްރިޝް 4" 2024 ގެ ކުރިއަކުން ސިނަމާއަކަށް ނާންނާނެ އެވެ.

ދަރިުފުޅު ރިތިކް މިހާރު "ވިކްރަމް ވޭދާ" ގެ މަސައްކަތްކުރަމުން އަންނަ އިރު، މި އަހަރުގެ ތެރޭގައި އޭނާ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" ގެ މަސައްކަޔް ވެސް ފަށާނެ އެވެ. ކާސްޓްގައި ދީޕިކާ ޕަދުކޯން އާއި އަނިލް ކަޕޫރް ވެސް ހިމެނޭ އެ ފިލްމު އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރަން ވަނީ ހަމަޖެހިިފަ އެވެ.

ރާކޭޝް 2003 ގައި ގެނެސްދިން "ކޮއި...މިލް ގަޔާ" ގެ ވާހަކައިން ކުރިފަޅުވައިގެން ސުޕަހީރޯ ފިލްމެއްގެ ގޮތުގައި ކްރިޝް ގެނެސްދޭން ފެށީ 2006 ގެ "ކްރިޝް" އިންނެވެ. އޭގެ ފަހުން "ކްރިޝް 3" ރިލީޒްކުރީ 2013 ގަ އެވެ.