Roadha Mihaaru
ރިތިކް ބުނަނީ ދެން އޮތީ "ކްރިޝް 4" ކަމަށް

ރިތިކް ބުނަނީ ދެން އޮތީ "ކްރިޝް 4" ކަމަށް

26 ޖޫން 2021

ރިތިކް ރޯޝަން ސުޕަހީރޯ ކެރެކްޓާއެއް ކުޅޭ "ކްރިޝް" ސީރީޒްގެ ހަތަރު ވަނަ ފިލްމަށް މިހާރު ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިތިކް ރޯޝަން ސުޕަހީރޯ ކެރެކްޓާއެއް ކުޅޭ "ކްރިޝް" ސީރީޒްގެ ހަތަރު ވަނަ ފިލްމަށް މިހާރު ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

އޭގެ ފުރަތަމަ ފިލްމު 2006 ގައި ގެނެސްދިންތާ މި މަހުގެ 23 އަށް 15 އަހަރު ފުރުމާ ގުޅިގެން އިންސްޓަގްރާމްގައި ރިތިކް ކުރި ޕޯސްޓެއްގައި ބުނީ "މާޒީ ގޮސް މިހާރު އޮތީ މުސްތަގުބަލު" ކަމަށާއި "އެއީ ކްރިޝް 4" ކަމަށެވެ.

މި ފިލްމުގެ މަސައްކަތް ފަށަން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ފިލްމު ފަސްވަމުން ގޮސް އެންމެ ފަހުން ކުރިމަތިވި ސަބަބެއް ކަމަށް ވަނީ 2019 ގައި ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަނަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ޖެހުމެވެ. އެކަމަކު އޭނާ މިހާރު ބަލިން ރަނގަޅުވެފައިވާތީ "ކްރިޝް 4" ގެ ސްކްރިޕްޓް ނިންމައި، ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފަށާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރިތިކް ސޮއިކޮށްފައިވާ، ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" ގެ މަސައްކަތް ނިންމައިލުމަށް ފަހު، އަންނަ އަހަރުގެ ތެރޭގައި "ކްރިޝް 4" ގެ މަސައްކަތް ފަށާނެ އެވެ. ދީޕިކާ ޕަދްކޯންއާ އެކު ރިތިކް ކުޅޭ "ފައިޓާ" އަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މީގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސުޕަހީރޯ ކެރެކްޓާ "ކްރިޝް" އަކީ ރިތިކާ އެކު ރާކޭޝް 2003 ގައި ގެނެސްދިން "ކޮއި...މިލް ގަޔާ" ގެ ވާހަކައިން އުފަންކޮށް ފައްކާކުރި ކެރެކްޓާއެކެވެ. "ކްރިޝް" 2006 ގައި ގެނެސްދިނުމަށް ފަހު "ކްރިޝް 3" ގެނެސްދިނީ 2013 ގަ އެވެ.

"ކްރިޝް" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްރާ އެވެ. އަދި "ކްރިޝް 3" ގެ ގައި ޕްރިޔަންކާގެ އިތުރުން ކަންގަނާ ރަނާވަތު ވެސް މުހިއްމު ރޯލެއް ކުޅުނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ކްރިޝް 4" ގެ ބަތަލާއިންގެ ރޯލު ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ކްރިތީ ސެނަން އާއި ކިއާރާ އަދުވާނީ އަދި ޖެކްލީން ފެނަންޑޭޒް ހިމެނެ އެވެ.