Roadha Mihaaru
ސޮނާކްޝީގެ ބޭބެ ބޭނުމީ "ކްރިޝް 4" ގެ ވިލަންގެ ރޯލު

ސޮނާކްޝީގެ ބޭބެ ލަވް ބޭނުމީ "ކްރިޝް 4" ގެ ވިލަންގެ ރޯލު

30 ޑިސެމްބަރ 2020

ރާކޭޝް ރޯޝަން ދަރިފުޅު ރިތިކް ރޯޝަނާ އެކު ހަދާ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގައި އޭގެ ވިލަން ނުވަތަ ނުބައިބައި ރޯލް ކުޅެލަން ވަރަށް ބޭނުންވާ ކަމަށް ބަތަލާ ސޮނާކްސީ ސިންހާގެ ބޭބެ ލަވް ސިންހާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާކޭޝް ރޯޝަން ދަރިފުޅު ރިތިކް ރޯޝަނާ އެކު ހަދާ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގައި އޭގެ ވިލަން ނުވަތަ ނުބައިބައި ރޯލް ކުޅެލަން ވަރަށް ބޭނުންވާ ކަމަށް ބަތަލާ ސޮނާކްސީ ސިންހާގެ ބޭބެ ލަވް ސިންހާ ބުނެފި އެވެ.

މީގެ 10 އަހަރު ކުރިން "ސަދިޔާން" ކިޔާ ފިލްމަކުން އެކްޓިން އަށް ނުކުތް ނަމަވެސް ކުޅޭނެ ފިލްމެއް ނުލިބޭ އެކްޓަރު އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އަބަދު ވެސް އޭނާގެ ހުވަފެނީ ރޯލަކަށް އެންޓި-ހީރޯ ރޯލްތައްވާ ކަމަށެވެ.

"ކުރިން ވެސް އަހަރެން މި ވާހަކަ ހިއްސާކޮށްފައި ވާނެ. އަހަރެން ވަރަށް ބޭނުން ކްރިޝް ހަތަރެއްގެ ވިލަންގެ ރޯލު ކުޅެލަން،" މީގެ ދެ އަހަރު ކުރިން ޑައިރެކްޓަރު ޖޭޕީ ދައްތާ ބޮޑު ކާސްޓަކާ އެކު ގެނެސްދިން ހަނގުރާމަ ފިލްމު "ޕަލްޓާން" ގެ ރޯލެއް ވެސް ކުޅުނު ލަވް ބުންޏެވެ.

އެ ޕޯސްޓްގައި އޭނާ ބުނެފައި ވަނީ ދެން އެންމެ އުންމީދުކުރެވޭ ރޯލަކީ ކުރީގެ ފިލްމު "ވިޝްވަނާތު" ގެ ލީޑް ރޯލު ކަމަށެވެ. އެ ފިލްމަކީ ލަވްގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރަގަން ސިންހާއާ އެކު، ޑައިރެކްޓަރު ސުބާޝް ގާއީ 1978 ގައި ގެނެސްދިން ފިލްމެކެވެ. ސަތަރޭ ޓައިޓްލް ރޯލް ކުޅުނު އެ ފިލްމަކީ އަންޑަވޯލްޑްގެ ބަޔަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށް ލެވޭ ވަކީލަކު، މިނިވަންވުމަށް ފަހު ބަދަލުހިފަން ކުރާ މަސައްކަތް ދައްކުވައިދޭ އެކްޝަން ފިލްމެކެވެ.

އާ އަހަރާ ކުރިމަތިލާ އިރު، ކުޅޭނެ ފިލްމުތަކެއް ލިބޭނެކަމުގެ އުންމީދުގައި ހުރި ލަވް ބުނެފައިވާ ގޮތުގައި ނެގަޓިވް ރޯލްތަކަށް އަބަދު ވެސް އޭނާގެ ސަމާލުކަން ހުއްޓެ އެވެ. ސަބަބަކީ އެފަދަ ކެރެކްޓާއަކުން މީހާގެ އެކްޓިން ހުނަރު ވަރަށް ބޮޑަށް ދައްކުވައި ދޭން މަގުފަހިވާ ކަމަށް ގަބޫލުކުރެވުމެވެ.

"ކްރިޝް 4" އިން ލަވް އަށް ފުރުސަތެއް ލިބޭނެކަމާ ދޭތެރޭ މި ވަގުތު އެއްޗަކަށް ބުނާކަށް ނޭނގެ އެވެ. އެކަމަކު އޭނާގެ އެ ވާހަކައާ ދޭތެރޭ ފަހަރުގައި ރާކޭޝް ވިސްނައި ވެސްފާނެ އެވެ. ނަމަވެސް ސުވާލަކީ ބެލުންތެރިން ބަލައިގެންފައި ނުވާ ފްލޮޕް އެކްޓަރަކު އެ މީހެއްގެ އުންމީދީ ފިލްމަކަށް ލަވް ކަހަލަ އެކްޓަރަކަށް ފުރުސަތު ދީފާނެތޯ އެވެ؟ އެއީ ބޮލީވުޑްގައި ކަންހިނގާ މަގަށް ބަލާ އިރު ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

ދާދި ފަހުން ބިހާރުގައި ބޭއްވި އެސެބްލީ އިންތިހާބެއްގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކޮށް ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހުނު ލަވް، 37، އިންސްޓަގްރާމްގައި އާންމުކޮށްފައިވާ އެހެން ފޮޓޯތަކެއްގައި ވަނީ ނިކީ ބަގްނާނީ ކިޔާ މީހަކާ އެކު އޭނާ އާ ޕްރޮޖެކްޓަކަށް ތައްޔާތުވަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. އޭނާ ބުނިގޮތުގައި އެއަށް ލޮކޭޝަން ހަންޓްކުރަމުން އަންނަ އިރު، އިތުރު ތަފުސީލުތައް ވަރަށް އަވަހަށް ހިއްސާކުރާނެ އެވެ.

ރާކޭޝް، ރިތިކާ އެކު ދެން ހަދަން އޮތް ފިލްމަކީ "ކްރިޝް 4" އެވެ. މީގެ މަސައްކަތް ފަށާ ވާހަކަ 2018 އިން ފެށިގެން ދެކެވެމުން ދިޔަ ނަމަވެސް ފިލްމު އަދިވެސް އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ.

"ކްރިޝް 3" ގެނެސްދިނީ 2013 ގަ އެވެ. އެ ފިލްމުގެ ވިލަން އަކީ ވިވެކް އޮބެރޯއި އެވެ. އެއީ ވިވެކްގެ އެންމެ ތަފާތު ރޯލެއް ފެނިގެން ދިޔަ ފިލްމެވެ.