Roadha Mihaaru
ޓެސްޓު ހަދަން ތިން މައިން ކިއޫގައި ތިން ގަޑިއިރު!

ޓެސްޓު ހަދަން ތިން މައިން ކިއޫގައި ތިން ގަޑިއިރު!

10 ޖެނުއަރީ 2022

ކުދިން ޑޮކްޓަރަކަށް ދައްކަން ނާދެވި ދެ އަހަރު ހުރުމަށް ފަހު، ކޮވިޑުގެ ފިޔަވަޅުތަކަށް ދިން ލުޔާ އެކު، ސްކޫލު ޗުއްޓީގައި އާމިނަތު އިބްރާހިމް މާލެ އަ އެވެ. އޭނާގެ ފަސް އަހަރު ނުވާ ތުއްތު ދެ ކުދިން ޑޮކްޓަރަށް ދައްކާ ނިމި، މިއަދު އެނބުރި ރަށަށް ދާން އޮއްވާ ކުއްލިއަކަށް އެޗްޕީއޭއިން ރޭ އެންގީ ޕީސީއާރު ނަހަދާ ރަށަށް ގޮސްގެން ނުވާނެ ކަމަށެވެ؛ އެންމެފަހުން އެ ތިންމައިންނަށް ޖެހުނީ ފިތިބާރުވެގެން ދިގު ކިއޫއަކަށް އަރާށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާމިނަތު އޭނާގެ ދެ ދަރިން ގޮވައިގެން، މާލޭ ސޯޝަލް ސެންޓަރުގައި ހުންނަ ޕީސީއާރު ޓެސްޓު ހަދާ ކިއޫ އަށް އެރީ މިއަދު ހެނދުނު ހަތެއް ޖެހިއިރު އެވެ. އޭގެ ފަހުން މިހާރު ތިން ގަޑިއިރު ވެއްޖެ އެވެ. ތުއްތު ކުދިންނާއި މުސްކުޅި މައިން ގޮވައިގެން ވެސް އެތައް ބަޔަކު މި ކިއޫގައި އެބަ ތިބި އެވެ.

"ހިލޭ ހެދޭތީ މިތަނަށް [ސޯޝަލް ސެންޓަރަށް] މި އައީ. މިއަދު ރަށަށް ދާން ޓިކެޓް ވެސް ނެގިން،" އޭނާ ބުންޏެވެ.

"މާލެ އައީރުއްސުރެ އަބަދު މި އުޅެނީ ދިގު ކިއުއެއްގައި."

ރޭގައި އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ފަހުން ލުއި ގޮތްތަކެއް ދިނަސް، ޓެސްޓު ހަދައިގެން ނޫނީ ރަށަށް އައިސްގެން ނުވާނެ ކަމަށް ރަށު ކައުންސިލުން އެންގި ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ޓިކެޓު ލާރި ހަމަ އެއްކޮށް ބޭކާރު ދޯ އެވީ. މިކޮޅަށް އައިސް ތަނެއްގައި ތިން ހަފުތާ ވަންދެން ކުއްޔަށް ހުރެފައި އެތަނަށް އެހާ ބައިވަރު ލާރި ދައްކާފައި މިހާރު ނެތް އަތަކު އެއްޗެއް ލާރި ދީގެން ޓެސްޓު ހަދާކަށް. އެއް މީހެއް ނޫން ތިން މީހުން މި ތިބީ،" އޭނާގެ ހުރި ކަންބޮޑުވުންތައް ކިޔައިދިނެވެ.

"މާލެ އައީރުއްސުރެ އަބަދު މި އުޅެނީ ދިގު ކިއުއެއްގައި."

މި ދުވަސްވަރު މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ވެސް ވަރަށް ގިނަ އެވެ. ހޮސްޕިޓަލުތަކުގައި ވަނީ ކިއޫތައް ދަމާލައިފަ އެވެ. އަދި ރަށްރަށުން ޑޮކްޓަރަށް ދައްކަން އައި މީހުންނާ އެކު ހޮސްޕިޓަލުތަކުގެ އިތުރުން ކްލިނިކްތައް ވަނީ ފުރިފަ އެވެ.

މާލެ ސަރައްހަދުގައި ޕީސީއާރު ހިލޭ ހެދެނީ ސޯޝަލް ސެންޓަރުންނާއި ވިލިމާލެއިން އެކަންޏެވެ.

ފިޔަވަޅު އެޅީ ބެލުމެއް ނެތި!

ސޯޝަލް ސެންޓަރުގެ ދިގު ކިއޫގައި ތިބި ގިނަ މީހުންގެ ކަންބޮޑުވުންތައް ހުރީ ހަމަ މިހެންނެވެ. އެޗްޕީއޭއިން ފިޔަވަޅުތައް އެޅީ އެއްވެސް ބެލުމެއް ނެތި، ހަމަޖެހޭ އުސޫލަކުން ނޫން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ އިދާރާ އަށް އަމާޒުވެފަ އެވެ. އަދި ބަލި މިހާ ބޮޑަށް ފެތުރިފައި އޮތް ކަމަށް ބުނާއިރު، ޓެސްޓް ނަހަދާ ރަށަށް ދިއުމުގެ ރިސްކު ނަގަން ގިނަ މީހުން ބޭނުމެއް ނުވެ އެވެ.

ކޮވިޑްގެ ކޭސްތައް މާލޭގައި އިތުރުވާން ފެށުމުން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ރަށްރަށަށް ދިއުމުގައި ފިޔަވަޅުތައް ހަރުކަށި ކުރީ އިއްޔެ އެވެ. އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުން ކޮވިޑަށް ޓެސްޓުކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ؛

ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެޗްޕީއޭއިން އެޅި ފިޔަވަޅުތަކަކީ؛

• މިއަދުން ފެށިގެން ރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު.

• މާލެއިން ސާމްޕަލް ނަގައިގެން، ރަށަށް ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

• ރަށުން ސާމްޕަލް ނަގައިގެން، ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

ފިޔަވަޅުތައް ހަރުކަށި ކުރި އިރު، މިއީ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރަށް ވާތީ، ބޭސްފަރުވާ އާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތަކަށް ވަރަށް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ. އަދި އަންނަ ހަފުތާގައި ސްކޫލުތަށް އަލުން ހުޅުވޭތީ ގިނަ ބަޔަކު ތިބީ ރަށަށް އެނބުރި ދާން ޓިކެޓު ވެސް ނަގައި، ތައްޔާރުވެގެންނެވެ.

ކޮވިޑަށް ޓެސްޓުކުރުމުގައި ލުއި ގޮތްތަކެއް އެޗްޕީއޭއިން ދިނީ ވެސް، އާންމުން ފާޑުކިޔުން ބޮޑުވެގެންނެވެ. މިގޮތަށް ލުއިތައް ދީފައި އޮތް ނަމަވެސް، ބައެއް ރަށްރަށުގެ ކައުންސިލުތަކުން ޓެސްޓުގެ ނަތީޖާ ލިބުނީމަ ނޫނީ ގޮސްގެން ނުވާނެ ކަމަށް އަންގާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

ގާތްގަނޑަކަށް ހަތަރު މަހަށް ފަހު މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މައްޗަށް ދާން ފެށީ މި މަހު އެވެ. ރޭގައި ވަނީ 300 އަށް ވުރެ ގިނަ މީހުންނާ އެކު ރިކޯޑު އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި ކޭސްތައް އެންމެ ގިނައީ ވެސް މާލޭގަ އެވެ.

ދުނިޔޭގައި މިހާރު ވަރަށް ބާރަށް ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ވެސް ވަނީ މިދިޔަ އަހަރު ނޮވެމްބަރު 12 ގައި ރާއްޖެއިން ފެނިފަ އެވެ. މި ވޭރިއަންޓްގެ ސަބަބުން ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވަނީ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ.