Roadha Mihaaru
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!

ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ، މި މަހު 78 ކޭސް!

29 އެޕްރީލް 2024

މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ފެތުރޭ ވަރު ދަނީ އިތުރު ވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ފެތުރޭ ވަރު ދަނީ އިތުރު ވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ ފަސް ހަފުތާގެ ތެރޭގައި މުޅި ރާއްޖެ އިން ޗިކުންގުންޔާގެ 78 ކޭސް ރިޕޯޓު ކޮށްފައި ވެ އެވެ.

މި ދުވަސްވަރު، އެންމެ ގިނައީ މާލެ ސަރަހައްދުން ރިޕޯޓުކުރާ ވަރު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މިހާތަނަށް އެންމެ ގިނައީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކުރުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ޗިކުންގުންޔާއަކީ އާއްމުކޮށް ދޭތެރެދޭތެރެއިން ފެންނަ ބައްޔެކެވެ. ނަމަވެސް، ބަލީގެ ކޭސްތައް އާދަޔާ ހިލާފަށް ގިނަވަނީ ކޮންމެ ތިން އަހަރަކުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެންމެ ފަހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަކަށް ޖުމްލަ 4،420 ކޭސް ރިޕޯޓު ކުރި އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް

• ގަދަޔަށް ހުން އައުން.

• ބޮލުގައި ރިއްސުން.

• ހުޅުހުޅުގައި ރިއްސުން.

• ގައިން ބިހިނެގުން.

• ވަރުބަލިވުން އިތުރުވުން.

• މޭނުބައިކުރުމާއި ހޮޑުލެވުން.

• ކާ ހިތްނުވުން ކަހަލަ ކަންތައްތައް.

⁠ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭ އިން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަދިރި މަދުކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ރަށު ތެރެ ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ. ބަލީގެ ސާވެއިލެންސް މަސައްކަތް ހަރުދަނާ ކުރުމަށް ގައިޑްލައިންތައް ހިއްސާކޮށް، ރިޕޯޓިން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމާއި ބަލި ޖެހޭ މީހުންގެ ފަރުވާގެ ކަންކަން ހަރުދާނާ ކުރުމަށް ކްލނިކަލް މެނޭޖްމަންޓް ސެޝަންތައް ވެސް ބާއްވަ އެވެ.

އެޗްޕީއޭއިން ވަނީ ⁠ބަލި ފެތުރުން މަދު ކުރުމަށް ބަލި ފަތުރާ މަދިރި ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުން އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތް ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން މަދިރި އަލާވާ ފަދަ ތަންތަން އިތުރުވާނެ ކަމަށް ބެލެވޭތީ، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތަށް ދުވަސްތަކުގައި އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑުވުމުން، ދުރާލައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.