Roadha Mihaaru
ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ

ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ

10 ޖެނުއަރީ 2022

ސްރީ ލަންކާގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ، ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތައް ދައްކައި ޚަލާސްކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް، ސްރީ ލަންކާ އިން ޗައިނާގައި އެދިއްޖެ އެވެ.

ސްރީ ލަންކާގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ، ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތައް ދައްކައި ޚަލާސްކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް، ސްރީ ލަންކާ އިން ޗައިނާގައި އެދިއްޖެ އެވެ.

ސްރީ ލަންކާގެ ރައީސްގެ އޮފީހުން އިއްޔެ ބުނި ގޮތުގައި، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީއާ އެކު، ރައީސް ގޯޓާބޭ ރާޖަޕަކްސާ އިއްޔެ ބޭއްވެވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ، ޗައިނާގެ ދަރަނިތައް އަދާކުރާނެ ގޮތުގެ މައްޗަށެވެ.

"ކޮވިޑް ވަބާގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަށް ރިއާޔަތްކޮށް، ދަރަނި ދައްކަންޖެހޭ މުއްދަތުތައް އަލުން މުރާޖައާ ކޮށްދީފިއްޔާ، އެއީ ސްރީ ލަންކާއަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެކަން، ރައީސް ފާހަގަކުރެއްވި އެވެ،" ލަންކާގެ ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސްރީ ލަންކާ އިން އެންމެ ގިނަ އަދަދަކަށް އެއް ގައުމަކުން ދަރަންޏަށް ފައިސާ ނަގާފައިވާ ގައުމަކީ ޗައިނާ އެވެ. ޗައިނާގެ ހާރިޖީ ވަޒީރު، ސްރީ ލަންކާ އަށް މި ވަޑައިގަތީ، ޗައިނާ އިން ލަންކާ އަށް ދީފައިވާ ދަރަނިތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށެވެ.

މައިގަނޑު ގޮތެއްގައި ޓޫރިޒަމުން ލިބޭ އާމްދަނީ އަށް ބަރޯސާވެފައިވާ ސްރީ ލަންކާގެ އިގްތިސާދު މިހާރު ވަނީ، ކޮވިޑް ވަބާގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އިގްތިސާދީ ދަތިތަކާ ގުޅިގެން، އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް، އިމްޕޯޓަށް ބުރޫ އަރާފައިވާތީ ޒަރޫރީ ސާމާނާއި ބައެއް ބާވަތުގެ ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސްރީ ލަންކާގެ ބޭރު ފައިސާގެ ރިޒާވް، މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ވަނީ 1.5 ބިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ އެވްރެޖް ގޮތެއްގައި މަހެއްހާ ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރެކެވެ.

ތެޔޮ އިމްޕޯޓް ކުރަން ބޭނުންވާ މިންވަރަށް ބޭރު ފައިސާ ނެތުމުން، ތެޔޮ އެތެރެ ނުކުރެވި އިންޖީނުގެތައް ހިންގުމަށް ހުރަސް އެޅިފައިވާތީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ދަނީ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑަމުންނެވެ.

ސްރީ ލަންކާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެ ގައުމުގެ ބޭރު ދަރަނީގެ ޖުމްލަ މިންވަރަކީ 35 ބިލިއަން ޑޮލަރެވެ. އޭގެ 10 ޕަސެންޓަކީ ޗައިނާ އިން ނަގާފައިވާ ދަރަންޏެވެ. ނަމަވެސް ޗައިނާ ސަރުކާރުގެ ކުންފުނިތަކަށާއި މަރުކަޒީ ބޭންކަށް ނަގާފައިވާ ދަރަނިތަކާ އެކު، ޗައިނާ އިން ލަންކާއަށް ނަގާފައިވާ ދަރަނީގެ ނިސްބަތް އެއަށް ވުރެ މަތިވާނެ އެވެ.

ޗައިނާ އިން ސްރީ ލަންކާ އަށް މައިގަނޑު ގޮތެއްގައި ދަރަނި ދީފައިވަނީ، ލަންކާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށެވެ. ލަންކާގެ ދެކުނުގައި ހެދި ހަމްބަންޓޯޓާ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ނެގި 1.4 ބިލިއަން ޑޮލަރުގެ ލޯނުގެ އަނބުރާ ދެއްކޭނެ ގޮތެއް ނެތިގެން، 2017 ވަނަ އަހަރު ލަންކާ ސަރުކާރުން ވަނީ އެ ބަނދަރު، ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފަ އެވެ.