Roadha Mihaaru
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ

އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ

08 ފެބުރުއަރީ 2022

އަވައްޓެރި އިންޑިޔާ އަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ހާރިޖީ ވަޒީރު ޖީއެލް ޕެއިރިސް ވިދާޅުވެއްޖެ އެވެ.

އަވައްޓެރި އިންޑިޔާ އަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ހާރިޖީ ވަޒީރު ޖީއެލް ޕެއިރިސް ވިދާޅުވެއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވީ އިންޑިއާގެ މަސްލަހަތަށް ގެއްލުންވާ އެއްވެސް ކަމެއް ކުރުމުގައި ލަންކާގެ ބިން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އިންޑިއާއަށް ގެއްލުމެއް ދިނުމަށް ލަންކާ ބިމުގެ ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް ބޭނުންކުރުމަށް، އިސްލާމީ ހަރުކަށި ފިކުރުގެ މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އިސްލާމީ ހަރުކަށި ފިކުރު ފެތުރުމަށް ލަންކާ ސަރުކާރުން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނެ އެވެ. އަދި އެފަދަ ފިކުރުތަކުގެ އަވައިގައި މީހުން ޖައްސައިގެން ލަންކާގެ އެތެރޭގައި ވިޔަސް، އަދި އަވައްޓެރި ގައުމަކަށް ވިޔަސް، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ލަންކާގެ ބިމުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ދުނިޔޭގެ އެއްވެސް ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުމެއް ފޯރާ ޒާތުގެ ކަމެއް ކުރުމަށް ވެސް ލަންކާގެ ބިމުން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލަންކާގެ ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް ހާއްސަ އިސްކަމެއް ދީފައިނުވާނެ ކަމަށެވެ. އަދި ޗައިނާ އިން ލަންކާ އަށް ނަގާފައިވާ ލޯނުތަކުގެ މައްސަލައިގައި، ޗައިނާ ސަރުކާރުގެ ފަރާތުން އެއްވެސް އިންޒާރެއް އަދި ބިރުދެއްކުމެއް ވެސް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ލަންކާ އަށް ނަގާފައިވާ ދަރަނިތައް ދެއްކޭނެ ގޮތެއް ނެތި، ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ލަންކާ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް، ލަންކާގެ ހާރިޖީ ވަޒީރު އިންކާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ބޭރު ގައުމުތަކުން ލަންކާ އަށް ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ލަންކާގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތައް އަދާ ނުކުރިވިގެން، ޗައިނާގެ ލޯނުން ލަންކާގައި ގާއިމުކޮށްފައިވާ އިންވެސްޓްމެންޓްތަކުގެ މިލްކުވެރިކަން ޗައިނާ އަށް ދޭންޖެހޭ ދުވަހެއް ނާންނާނެ ކަމަށެވެ. ޗައިނާ އިން ނެގި ލޯނުން ލަންކާގެ ހަމްބަންޓޯޓާގައި ހަދާފައިވާ ވިޔަފާރި ބަނދަރުގެ މިލްކުވެރިކަމާއި ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް މިއަދު ވެސް އޮތީ ލަންކާ ސަރުކާރުގައި ކަމަށާއި އެ ބަނދަރުގެ މިލްކުވެރިކަން ޗައިނާ އަށް ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުން ލަންކާ އަށް ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުމުގައި ލަންކާ ސަރުކާރުން އަމަލުކުރަމުން އަންނަނީ ގައުމީ މަސްލަހަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ.