Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުމެއްޖެ

ގޭންގުތައް މައިތިރިކުރަން ވަރުގަދަ ޕްލޭނަކާއެކު ފުލުހުންނާއި ސިފައިން ނުކުމެއްޖެ

10 ޖެނުއަރީ 2022

މާލޭގައި ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ ގޭންގުތައް ހުއްޓުވައި، އެ މީހުންގެ ބާރު ކަނޑުވައިލަން ޕްލޭނަކާއެކު ފުލުހުންނާއި ސިފައިން ނުކުމެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ ގޭންގުތައް ހުއްޓުވައި، އެ މީހުންގެ ބާރު ކަނޑުވައިލަން ޕްލޭނަކާއެކު ފުލުހުންނާއި ސިފައިން ނުކުމެއްޖެ އެވެ.

އެކި ނަންނަމުގައި އޮޕަރޭޓް ކުރާ ގޭންގުތައް ހުއްޓުވަން މީގެ ކުރިން ވެސް ސަލާމަތީ ހިދުމަތްތަކުން އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. އެކަމަކު އެ އޮޕަރޭޝަންތައް ނިމެނީ ނުފޫޒު ގަދަ ފަރާތްތަކާ ގުޅުން އޮންނަ ގޭންގުތަކުން ދައްކާ ބިރަށް ފުލުހުން ކިޔަމަން ވެގެންނެވެ.

އެކަމަކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ، މި ފަހަރު ފެށި އޮޕަރޭޝަނުން ގޭންގުތައް "ހުއްޓުވައި" ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިއީ ދެ ދުވަހަކަށް ކުރިއަށް ގެންދާނެ އޮޕަރޭޝަނެއް ނޫން ކަމަށާއި އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ އިރު ދިގު މުއްދަތަކަށް ކުރާނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"ފުލުހުންނާއި ސިފައިން ހިންގާ މި އޮޕަރޭޝަނަކީ މި މަސައްކަތުގައި ކުޑަ މިންވަރެއް. މީގެއިން ނަތީޖާ ނެރެވޭނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ގޭންގު ކުށްތައް ހުއްޓުވަން ޓާސްކް ފޯހެއް އުފެއްދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޗެއާކުރައްވާ ގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ޓާސްކް ފޯހެއް އެކުލަވާލުމަށް ފަހު އެވެ.

ކޮމިޝަނަރު ވިދާޅުވިގޮތުގައި، ޖަމާއަތްތައް ހަދައިގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ޓާސްކް ފޯހެއް ހަދަން މަޖުބޫރުވީ މަސްތުވާތަކެތީގެ ކުށްތައް އިތުރުވަމުން ދިއުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކޮށް އާއްމު މަސްލަހަތު ނަގައިލެވޭ ބިރުވެރި އަމަލުތަކަށް އަރައިގަންނަ ވަރު އިތުރުވެ، ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ އެވެ.

ގްރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގައި، މީހުންގެ މުދަލަށް ގެއްލުންދީ ފުރާނަ އަށް ނުރައްކާވާ ފަދަ އަމަލުތަކަށް އަރައިގަންނަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކާ ހެދި ކަަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.

މާލޭގައި ސަލާމަތީ ހިދުމަތްތަކުން މި ފެށި އޮޕަރޭޝަންގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރާނެ އެވެ. އޮޕަރޭޝަންގެ ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް ކަމާގުޅުން ހުރި ފަރާތްތަކާ އެކު ކުރެވިފައިވާ ކަން ހަމީދު ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި މި މައްސަލައިގައި މިފަހަރު ވަށައި ޖެހޭ ހައްލެއް ހޯދާނެ އެވެ. ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް މިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށް ދިގު މުއްދަތެއްގެ ހައްލަށް އަމާޒުތަކެއް ކަނޑައަޅާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.