Roadha Mihaaru
މި މީހުން މައިތިރި ކުރެވޭނެ ގޮތެއް ހަމަ ނެތްބާ؟

ނުރައްކާތެރި ދެ ހަމަލަ: މި މީހުން މައިތިރި ކުރެވޭނެ ގޮތެއް ހަމަ ނެތްބާ؟

27 އޮކްޓޯބަރ 2020

މާލޭގައި ހުންނަ ރެޑްވޭވްގެ ގުދަނަކަށް ގޭންގެއްގެ ބަޔަކު މިދިޔަ ހަފުތާގެ ތެރޭގައި ވަދެ އެތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުންދީ ތަނުގެ ބިދޭސީއަކާ މާރާމާރީ ހިންގި މަންޒަރު މީހަކު ވީޑިއޯކުރި އެވެ. އެ ވީޑިއޯ އިން ފެންނަނީ އެކަކު މަރުތޭލައެއް ހިފައިގެން ވަންނަ ތަނެވެ. އެހެން ސޮރަކު ދަގަނޑުބުރިއެއް ހިފައިގެން ވަދެ އެވެ. ރޯމާދުވާލު އެތައް ބައެއްގެ ކުރިމަތީގައި ހިންގި މި އަމަލު ދުށް ބައެއް މީހުން ބުނި ގޮތުގައި، އެއްވެސް ޖެހިލުންވުމެއް، ހުއްޓުމެއް، ހުރަހެއް ނެތި 10 ވަރަކަށް މިނެޓް ވަންދެން އެގޮތަށް އެންމެންގެ ކުރިމަތީގައި އުޅުނެވެ. އާންމުން ތިބީ ބިރުން ގޮތްހުސްވެފަ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލޭގައި ހުންނަ ރެޑްވޭވްގެ ގުދަނަކަށް ގޭންގެއްގެ ބަޔަކު މިދިޔަ ހަފުތާގެ ތެރޭގައި ވަދެ އެތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުންދީ ތަނުގެ ބިދޭސީއަކާ މާރާމާރީ ހިންގި މަންޒަރު މީހަކު ވީޑިއޯކުރި އެވެ. އެ ވީޑިއޯ އިން ފެންނަނީ އެކަކު މަރުތޭލައެއް ހިފައިގެން ވަންނަ ތަނެވެ. އެހެން ސޮރަކު ދަގަނޑުބުރިއެއް ހިފައިގެން ވަދެ އެވެ. ރޯމާދުވާލު އެތައް ބައެއްގެ ކުރިމަތީގައި ހިންގި މި އަމަލު ދުށް ބައެއް މީހުން ބުނި ގޮތުގައި، އެއްވެސް ޖެހިލުންވުމެއް، ހުއްޓުމެއް، ހުރަހެއް ނެތި 10 ވަރަކަށް މިނެޓް ވަންދެން އެގޮތަށް އެންމެންގެ ކުރިމަތީގައި އުޅުނެވެ. އާންމުން ތިބީ ބިރުން ގޮތްހުސްވެފަ އެވެ.

"ގުދަން ތެރޭގައި ހުރި ކޮމްޕިއުޓަރުތަކުގައި މަރުތޭލައަކުން ތަޅައި، ގުދަން ބޭރުގައި އޮތް ވެހިކަލްގެ ބިއްލޫރިތައް ތަޅާލައި ބިދޭސީ މީހާ އަށް ވެސް އަނިޔާކުރި. އޭގެެ ކުރިން އޭނާގެ ނިތްކުރި އަށް ތަޅުދަނޑިއެއް ކޮއްޕާލުމުން ޒަހަމް ވެސްވި،" މަންޒަރު ދުށް މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެ ހާދިސާގެ ބިރުވެރިކަމާ ހެދި އެ ގުދަނުގެ ހުރިހާ މުވައްޒަފުން މިހާރު ވަނީ ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ އެހެން ބްރާންޗަކަށް ފޮނުވާލައިފަ އެވެ. އަދި ހުރިހާ ކަމެއް ނިމުނު ފަހުން އެ މީހުން އެނބުރި އެތަނަށް ގޮސް މާފަށް ވެސް އެދުނު ކަމަށް ވެ އެވެ.

މީގެ އަނެއް ހާދިސާއަކީ އާދިއްތަ ދުވަހު ސިލޯން ބޭންކް ކުރިމަތިން، ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ވެގެން ރޫޓު ފިހާރައިގެ ފައިސާ ފޮއްޓެއް ފޭރިގަންނަން އުޅުނު މަންޒަރެވެ. މި މަންޒަރު ވަނީ ސީސީޓީވީ އަށް އަރައިފަ އެވެ. އެންމެ ކާރޫބާރޫ ބޮޑު ގަޑީގައި ބިރެއް، ޖެހިލުމެއް ނެތި، ފައިސާގެ ފޮށިގަނޑު އަތުލަން އުޅުނެވެ. އެހިސާބުގައި ތިބި ގިނަ އާންމުން ބިރުން އެކި ކޮޅުކޮޅަށް ދުއްވައިގަތެވެ.

މި މަންޒަރު ފެނުނު ކޮންމެ މީހަކު ވެސް ކުރާނެ ސުވާލަކީ، މި ގައުމުގައި ދެން ރައްކާތެރިކަމަކީ ކޮބައި ހެއްޔޭ އެވެ؟ މި ގޭންގުތަކަށް ލިބިގެން މި އުޅެނީ ކޮން ބާރެއްތޯއޭ އެވެ؟

"ކުރަން ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން އެބަ ކުރޭ. އެކަމަކު ރޯމާ ދުވާލު ގޭންގުތަކުން އާންމުންގެ ތެރޭގައި އެކޮށްލާ ކަންކަން އެއީ ވަރަށް ބޮޑު ހިމާޔަތެއް އެ މީހުންނަށް އޮތީމަ ކުރެވޭ ކަންކަން،" ކިޔުންތެރިޔަކު "މިހާރު" އަށް ފޮނުވާފައިވާ ކޮމެންޓެއްގައި ލިއުނެވެ.

ހަގީގަތަކީ އެއީ ތެދެއް ކަމެވެ؛ އާންމުން ބިރުގަނެ އެވެ. އެ ދެ ވީޑިއޯ ބަލާލުމުން ވެސް އެކަން އެބަ ވަރަށް ބޮޑަށް ސާފެވެ. އެހެންކަމުން ގިނަ މީހުންނަށް ވިސްނޭނީ ގޭންގުތަކަށް ކޮންމެވެސް ގޮތަކުން ހިމާޔަތް ލިބޭ ކަމެވެ. އެއީ ކޮންކޮން ދިމާއަކުން ކަން ސަރުކާރަށާއި ޕޮލިހަށް ވެސް އެނގޭނެ އެވެ. ގޭންގު ކުށްތައް ރޭވިގެން މިދަނީ، ތަރުތީބުވެގެން ވަރަށް ރަނގަޅަށް ޕްލޭންވެގެންކަން އެއީ ހީއެއް ނޫނެވެ؛ ކަށަވަރު ކަމެކެވެ. ފުލުހުންގެ ތެރޭގައި ވެސް، އަދި ޖުޑީޝަރީގެ ތެރޭގައި ވެސް ގޭންގުތަކަށް ހިމާޔަތްދޭ މީހުން އެބަ ތިއްބެވެ. ގޭންގު މީހުން ހައްޔަރުކުރުމާ އެކު މީގެ ކުރިން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޕޮލިސް ކޮމިޝަނަރަށް ގުޅައިގެން އެ މީހުން ސަލާމަތްކޮށްދީފައި އެބަހުއްޓެވެ. ދައުވާ ކުރަން ފޮނުވުމާ އެކު ޕީޖީ އަށް ގުޅައިގެން ދައުވާ ހިފަހައްޓާފައި ވެސް އެބަ ހުއްޓެވެ. ގާޒީ އަށް ރިޝްވަތު ދީގެން ނުބައި ހުކުމްްތައް ނެރެ އެވެ. ވަކީލުން މެދުވެރިކޮށް ހެކިންނާ ޑީލް ހަދައި ނުވަތަ ބިރު ދައްކައިގެން މަރުގެ ބައެއް މައްސަލަތައް ސާބިތެއް ނުކުރެވެ އެވެ.

ގޭންގު ކުށްތައް ހުއްޓުވަން އުޅެއުޅެ ވެސް އެކަމެއް ނުވި އެވެ. އެކަމަކު ކުރަން ބޭނުންވާ އެހެން ހުރިހާ ކަމެއް ކޮންމެ ސަރުކާރަކުން ވެސް އެބަ ކުރެ އެވެ. އެހެންކަމުން ސުވާލަކީ، ނުރައްކާތެރި ކުށްތައް އެކުރާ މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ބޮޑު ކަމަކަށް ނުވެގެން މި އުޅެނީ ކީއްވެ ހެއްޔެެވެ؟

ފުލުހުން މީހަކު ހައްޔަރުކޮށް ގެންދަނީ: ގޭންގް ކުށްތަކާ ދެކޮޅަށް ފުލުހުން ބޮޑު މަސައްކަތެއް ކުރާ ކަމަށް، ކޮމިޝަނަރު ވިދާޅުވި -- ފޮޓޯ: ޕޮލިސް

ފުލުހުން މީހަކު ހައްޔަރުކޮށް ގެންދަނީ: ގޭންގް ކުށްތަކާ ދެކޮޅަށް ފުލުހުން ބޮޑު މަސައްކަތެއް ކުރާ ކަމަށް، ކޮމިޝަނަރު ވިދާޅުވި -- ފޮޓޯ: ޕޮލިސް

ހުރިހާ ތީރެއް ފުލުހުންނާ ދިމާއަށް

އާދިއްތަ ދުވަހު ގޭންގަކުން ފޭރެން އުޅުނީ މާލޭގެ ވަރަށް މަޝްހޫރު ބޮޑު ފިހާރައެއް ކަމަށްވާ ރޫޓްގެ ފައިސާ އެވެ. އެނގިފައިވާ ގޮތުގައި އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާ ކުންްފުނިތަކުގެ ތެރޭގައި އެ ފިހާރަ ވެސް ހިމެނެ އެވެ. އެވަރުގެ ޓެކްސްއެއް އެ މީހުން ވެސް އަދި އެހެން ރައްޔިތުން ވެސް ދައްކަނީ ގައުމުގެ އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ ސަރުކާރުން ފުރިހަމައަށް ނަގާނެ ކަމަށް ގަބޫލުކޮށްގެންނެވެ. ބޭންކަށް ޖަމާކުރަން ގެންދާ ފައިސާކޮޅު ވަރުގަދަ ފޮއްޓެއްގައި ބަންދުކޮށް، ތަޅުއަޅުވައި އެއާ އެކު ހައެއްކަ މީހުން ވަށައިގެން ތިބޭއިރު ވެސް ޔަގީންކަމެއް ނޯވެ އެވެ. އެހެންވިއްޔާ އެކަނިމާއެކަނި އުޅޭ އާންމު މީހާއަށް އޮތީ ކޮން އަމާން ކަމެއް ބާ އެވެ؟ ސުވާލަކީ، ކުޑަކުޑަ މާލޭގައި ފުލުހުން މި ކުރަނީ ކީއްހެއްޔެވެ؟

ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި ގޭންގު ކުށްތަަައް ފުލުހުން އަބަދުވެސް ނަގަނީ ސީރިއަސް ކަމެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ ވިދާޅުވީ "މިއީ އަލަށް ފެށިގެން އައި ކަމެއް" ނޫން ކަމަށެވެ.

"ތި ވިދާޅުވި ދެ މައްސަލައަކީ ވެސް ދެ ވައްތަރެއްގެ ދެ މައްސަލަ. މީގައި ޝާމިލްވާ މީހުން ވެސް ތަފާތު. އެއް ކަމަކީ ތި ފާހަގަކުރެއްވި ގުދަން ހުރި ހިސާބުގައި އޮތް ގޭންގަކާ ޖެހުނު މައްސަލައެއް. އަނެއް މައްސަލައަކީ ފޭރުމުގެ މައްސަލައެއް،" ހަމީދު ވިދާޅުވި އެވެ.

"ރަނގަޅު. މިއީ ބިރުވެރި މަންޒަރުތަކެއް. އެ މީހުން ކުށްކުރާ ގޮތްތައް އާންމުންނަށް ފެނިގެން މިދަނީ. އެ މީހުންގެ އުކުޅުތައް މި ފެންނަނީ. ފޭރެން އުޅުނު މައްސަލަ އަށް ބަލާއިރު ވެސް އާންމުން ބިރުން ދުވަމުން ދާތަން ފެންނަނީ."

މަސްތުވާތަކެތި ވިއްކާ ތަނާއި ގޭންގު ކުށްތައް އާންމުންނަށް ފެނުނަސް އާންމުން މިހާރު އަޅައެއް ނުލަ އެވެ. ގިނަ ފަހަރަށް އެކަންކަން ނުދެނެހުރި ކަންކަމަށް ހަދަނީ ބިރުންގޮހެވެ. ސަބަބަކީ ކޮންމެވެސް ދިމާއަކުން އެ މީހުންނަށް އެކަން އެނގި ދުވަސްކޮޅެއް ފަހުން ސަލާމަތްވެގެން ގޮސް ރިޕޯޓް ކުރި މީހާ އަށް ހަމަލަ ދިނުމުގެ މައްސަލަތައް ގިނަވުމެވެ. އެހެންވެ، އާންމުންގެ ގިނަ ބަޔަކު ފުލުހުންނަކަށް އިތުބާރެއް ވެސް ނުކުރެ އެވެ.

"އެ މަންޒަރު ކުރީ ދުވަހު ވެސް އެ ފެނުނީ. އެކަން އަޅުގަނޑުމެން ޖެހޭނީ ރަނގަޅު ކުރަން. ކޮންމެވެސް ގޮތަކުން އެ މީހާ ދޫވެ [ރިޕޯޓްކުރާ މީހާއަށް] އޭގެ ބަދަލު އެބަ ލިބޭ،" ހަމީދު ވިދާޅުވި އެވެ.

ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި ފޭރުމާއި ވައްކަމާއި ގޭންގުތަކުގެ ތެރޭގައި ޖެހޭ މައްސަލަތަކާ ގުޅިގެން ހިންގާ މާރާމާރީއަކީ އާ ކަމެއް ނޫނެވެ. އެކަމަކު ގޭންގުތަކުގެ އޮގަނައިޒްޑް ކްރައިމް ނުވަތަ ރޭވިގެން ހިންގާ ބޮޑެތި ޖަރީމާތައް އޮތީ ވަރަށް ބޮޑަށް ހުއްޓުވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އެއް ސަބަބަކީ ފުލުހުން ވަރަށް ބޮޑަށް ފާރަލަމުން ގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ޒިންމާއަކީ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުން. އެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ހިނގާ. އަނެއްކޮޅުން މިހާރު އަޅުގަނޑަށް އެ މައުލޫމާތު ލިބޭނީ ހަފުތާއަކު އެއްފަހަރަކު ނޫން. މާލެތެރޭގެ ހަރަކާތްތައް އަޅުގަނޑަށް ކޮންމެ ދުވަހަކު ވެސް އެނގޭނެ. މިވެނިއެވެނި ކަމެއް ހިނގަންޏާ އެކަން އަޅުގަނޑަށް އެނގެމުން ދާނެ،" ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވަން ފަހަރެއްގައި ވެސް ފުލުހުންގެ ތެރޭގައި ކަންކަން ރަނގަޅުކުރަން ނެތެކޭ. އެކަންކަން ޖެހޭނީ ރަނގަޅު ކުރަން."

ހަގީގަތަކީ، ކޮމިޝަނަރު ވެސް ވިދާޅުވިހެން، ގޭންގު ކުށްތައް ހުއްޓުވަން އެކި ދިމާތަކުން އޮންނަ ހުރަސްތަކެވެ. އޭގެ ތެރޭގައި ކުށްވެރިން ބެލެހެއްޓުމާއި ޝަރީއަތުގެ މަރުހަލާގައި އޮތް ހުރަސްތަކާއި ހައްޔަރުކުރުމާއި ރިސޯސްގެ މައްސަލަތައް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ދިގުދެމިގެން އަންނަ މައްސަލައެއް ގޭންގުތަކުގެ މައްސަލައަކީ. އެހެންވީމަ އެއް ރެއިން ދެ ރެއަކުން ހައްލު ކުރެވޭނެ ކަމެއް ނޫން މިއީ. އަޅުގަނޑުމެން ޖެހޭނީ ސިސްޓަމްގެ ތެރެއިން މީގެ ހައްލު ހޯދަން،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ފާހަގަކުރެއްވި މައިގަނޑު ނުކުތާތަކުގެ ތެރެއިން އެއް ކަމަކީ ކުށްވެރިން ބަންދުކޮށްގެން ގެންގުޅުމަށް އޮތް ހުރަސްތަކެވެ. އޭނާ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ޖިނާއީ އަދުލުގެ ނިޒާމުގައި ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަކީ ތަރުހީބު ދޭ ކަމަކަށް ނުވާތީ، އެ މީހާ މުޖުތަމައުގެ ތެރޭގައި ބެހެއްޓުމަކީ އޮތް ރިސްކެކެވެ.

"އެއީ އަޅުގަނޑުމެންނަށް އޮތް ޗެލެންޖެއް. އެ މީހުން ދޫވެފައި ތިބުމުން އެ މީހުންގެ ފަރާތުން ރައްޔިތުންނަށް އޮތް ބިރު ކުޑައެއްނުވާނެ،" ހަމީދު ވިދާޅުވި އެވެ.

"އެއްގޮތަކީ ޝަރީއަތްތައް އަވަސްކުރުން. މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް މިދިޔަ އަހަރު 97 ފަރާތަކަށް ދައުވާކުރި. އެކަމަކު ދެ މައްސަލައެއް ޝަރީއަތާ ހަމައަށް ގޮސް ނިމިފައި އޮތީ. މާނައަކީ އަނެއް ބައި މީހުން ތިބޭނީ ދޫވެފައޭ."

މީގެ އިތުރުން ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝަރީއަތުގެ މަރުހަލާގައި ދޫކޮށްލާފައި ތިބޭ މީހުން ރިހެބް ކުރެވޭނެ ނިޒާމެއް ނެތުމާއި ޖަލުގައި ވެސް ޖާގަ ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަން ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުޅި ސިސްޓަމް އެކުގައި މަސައްކަތްކޮށްގެން ނޫނީ މިއީ ހައްލުވާނެ ކަމެއް ނޫނެވެ.

"ފޭރުމުގެ ހާދިސާ އަށް ބަލާ ނަމަ އަޅުގަނޑުމެންނަށް ސައިކަލްތައް ހޯދައި ޓޯކޮށް، އެ ދުއްވި މީހުންނާއި ބައިވެރިވި މީހުން ހައްޔަރު ކުރެވިދާނެ. އެކަމަކު އެ މީހުން ލާނެ ޖަލެއް ނެތް. އަނެއްކޮޅުން ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަކީ ވެސް މިހާރު އޮތް ޖިނާއީ އަދުލުގެ ނިޒާމު ތަރުހީބު ދޭ ކަމެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

މާރާމާރީއަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްގެން ދަނީ-- ފައިލް ފޮޓޯ

މާރާމާރީއަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްގެން ދަނީ-- ފައިލް ފޮޓޯ

ގޭންގު ކުށްތައް ވެސް ހުއްޓުވިދާނެ

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ރެެކޯޑްތައް ދައްކާ ގޮތުން އެވްރެޖްކޮށް މަހަކު 16 މީހުންނަށް "ވާނުވާ" [ޝަރީއަތް ނިމެންދެން ބަންދު] ޖަހަ އެވެ.

"މާނައަކީ މަހަކު 16 މައްސަލައިގެ ޝަރީއަތް ނުނިމެންޏާ މި މައްސަލަ ހައްލެއް ނުވާނެއޭ. މި އަހަރު ކޯޓުން މި ނިމުނީ އެންމެ 34 މައްސަލަ،" ޕީޖީ އޮފީހުގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި އެވެ.

"މި ވަގުތު އެކަނި ވެސް 125 ބިދޭސީން ހިމެނޭ ގޮތަށް 4500 އަށް ވުރެ ގިނަ މީހުން އެބަތިބި ދައުވާކޮށް މައްސަލަ ނުނިމި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމާ އެއްގޮތަށް، "ވާނުވާ" ޖެހުމަށް ތަރުހީބު ނުދިނަސް، ފުލުހުން ބަންދުކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ވެސް ބަންދު ހޯދައިދޭ ކަމަށެވެ. އަދި ގޭންގު ކުށްތަކުގައި ދިމާވާ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި މައިގަނޑު އެއް ނުކުތާއަކީ، ޖަލުގެ ކެޕޭސިޓީ ނެތުމެވެ.

"މި އަހަރު މި ތިން މަސް ތެރޭގައި މިހާރު ހުރި މައްސަލަތައް ނިންމިޔަސް އަޅުގަނޑުމެންގެ ސަކްސެސް ރޭޓަށް ބަލާއިރު 450 މީހުން ޖަލަށް ދާނެ. މި ވަގުތު ވެސް ޖަލުގައި ތިބޭނެ 1500 މީހުން. ޖަލުގެ ކެޕޭސިޓީއެއް ނެތް. އަނެއްކޮޅުން ކަރެކްޝަނަސްގެ ހިސާބުތަކަށް ބަލާއިރު ޖަލުގައި ކޮންމެ މީހަކަށް 17،000ރ. އެބަ ހޭދަވޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މި ބަލަން ޖެހެނީ ޖަލުގެ ބެޑް ދޭން ޖެހެނީ ކާކަށްތޯ. ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެގެން އިޓަލީގައި ހެދިހެން ކާކަށްތޯ އެންމެ ހައްގުކަން ބޮޑީ ހޮސްޕިޓަލުގެ ބެޑް. އެ ހިސާބުގައި އެކަން އޮތީ."

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން 2،627 މީހުންގެ މައްސަލަ މިހާރު ވެސް ޑްރަގް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ. އެއީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އޭގެ ތެރޭގައި ކުދިކުދި ފޭރުމާއި ވައްކަމާއި އެކަހަލަ ކަންކަން ވެސް 15 ޕަސެންޓް ވަރު ހިމެނޭނެ ކަމަށް ބަލައި، ޔަގީނުން ވެސް 75 ޕަސެންޓް ނުވަތަ 1،900 މީހުންނަށް ކޯޓުގެ ޕްރޮސެސްގެ ތެރެއިން ފަރުވާ ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެ މީހުންނަށް ފަރުވާ ދޭނެ ކެޕޭސިޓީއެއް ނެތް. ދެން އެ މީހުން މި ތިބެނީ މުޖުތަމައުގެ ތެރޭގައި. އެ މީހުން އަނެއްކާ އެ މާކެޓަށް ނުކުންނަނީ،" އޭނާ ވިދާޅުވި އެވެ.

ގޭންގު ކުށްތަކާއި އެހެނިހެން ކުށްތައް ވެސް ނުހުއްޓުވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ، ސިސްޓަމް އެއްކޮށް މަސައްކަތް ނުކުރުން ކަމަށް ޕީޖީގެ އޮފިޝަލް ދެކެވަޑައިގަންނަވަ އެވެ. މީގައި ދައްކަންވީ "ކަން އިސްލާހުކުރަން ކެރިގެން އުޅޭކަން" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުޑަކުދިންނާ ބެހޭ މީހުންނަށް ޔަގީންވާނެ އެ މީހުން ސަލާމަތް ނުވާނެކަން. އަޅުގަނޑުމެން ހުންނާނެ އެތަނުން ހިފައި ހައްޔަރުކޮށް ގެންގޮސް 10 ދުވަހުގެ ތެރޭގައި އެކަހަލަ މީހުންނަށް އަދަބު ދީފައި،" އޭނާ ވިދާޅުވި އެވެ.

ގޭންގު ކުށްތަކުގައި ވެސް އޮތީ ހަމަ އެގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން ވިދާޅުވީ "ކުށް ކުރަނީ ވަރަށް ފިނޑި ބައެއް" ކަމަށާއި އެންމެން ގުޅިގެން މިކަން ހުއްޓުވަން އުޅެފި ނަމަ ވަރަށް ފަސޭހަ އިން އެ މީހުން ބިރުގަންނާނެ ކަމަށެވެ.

"ހަގީގަތުގައި ކުރަންވީ ކަމަކީ އެ މީހުންނާ ގުޅުން ނުބާއްވަންވީ. ސިޔާސީ މީހުން ވެސް އެހެން މީހުން ވެސް. އެ މީހުންނަކީ ވަރަށް ފިނޑި ބައެއް. އަޅުގަނޑުމެންނަށް މި ހައްލު ކުރެވުނީ ކުޑަކުދިންނާ ބެހޭ މީހުންގެ މައްސަލަތައް ވެސް. މިހާރު ކުޑަކުއްޖަކާ ބެހިލައިފިއްޔާ އެ މީހަކަށް އެނގޭނެ ސަލާމަތެއް ނެތްކަން. އެކަން ގޭންގުތަކަށް ވެސް ދައްކަންވީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް މި ފެންނަނީ ހަމަ މިކަހަލަ ވާހަކަތަކެކެވެ. ގޭންގުތަކުގެ ކިބައިން އާންމުން ސަލާމަތްކޮށްދިނުމަށް ޓަކައި އެކި ފޯމިއުލާތައް ހަދައިގެން ވަރަށް ބޮޑަށް މަންޒަރު ރީތިކުރެ އެވެ. އާޚިރު ނަތީޖާ އަކީ ސަރުކާރުތައް ވެސް ގޭންގުތަކުގެ ދަށުވެފައި ތިބުމެވެ. ބައެއް ވަޒީރުންް ގޭންގުތަކުގެ ލީޑަރުންނާ ބައްދަލުކޮށް، މާރާމާރީތައް ހުއްޓާލާށޭ ބުނެ ރޮއި އާދޭސް ކުރަން ޖެހެނީ އެހެންވެ އެވެ.

އެއްވެސް ގައުމެއްގައި އެ ގައުމެއްގެ ސަލާމަތީ ބާރުތަކަށް ވުރެ އެހެން ބައެއްގެ ބާރު ގަދަވެގެންނުވާނެ އެވެ. އެކަމަކު ރާއްޖެއިން މި ފެންނަ ބައެއް މަންޒަރުތަކުން އާންމުންނަށް ވިސްނޭނީ ގޭންގްތަކުގެ ބާރު މާ ގަދަވާހެންނެވެ.