Roadha Mihaaru
ދަރިފުޅުގެ ނަން ވައްތަރީ ޕާސްވޯޑަކާ: އީލޮން

ދަރިފުޅުގެ ނަން ވައްތަރީ ޕާސްވޯޑަކާ: އީލޮން މަސްކް

14 ސެޕްޓެމްބަރ 2020

މިހާރުގެ ބައިވެރިޔާ ކެނެޑާގެ ލަވަކިޔުންތެރިޔާ ގްރައިމްސްއާ އެކު މި އަހަރުގެ ކުރީކޮޅު ލިބުނު ދަރިފުޅުގެ ނަން ވައްތަރީ ޕާސްވޯޑަކާ ކަމަށް ބުނެ އެ ނަމަށް އީލޮން މަސްކް ޖޯކް ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރުގެ ބައިވެރިޔާ ކެނެޑާގެ ލަވަކިޔުންތެރިޔާ ގްރައިމްސްއާ އެކު މި އަހަރުގެ ކުރީކޮޅު ލިބުނު ދަރިފުޅުގެ ނަން ވައްތަރީ ޕާސްވޯޑަކާ ކަމަށް ބުނެ އެ ނަމަށް އީލޮން މަސްކް ޖޯކް ޖަހައިފި އެވެ.

މިދިޔަ މެއި މަހު އީލޮން އަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީ "X Æ A-12" އެވެ. އެކަމަކު އެ ނަން ކިޔާނެ ގޮތެއް ނޭނގިގެން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދައްކާފައިވެ އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި ދަރިފުޅުގެ ނަމާ ބެހޭ ގޮތުން ރިޕޯޓަރު ސުވާލުކޮށް އެ ނަން ކިޔަނީ "ex-ash-ay-twelve" އެގޮތަށްތޯ ސުވާލުކުރުމުން އީލޮން އަށް އެ ރަނގަޅަށް ސާނުވެގެން ތަކުރާރުކޮށް ކިޔައި ދިނުމުން ހިނިގަނޑެއް ޖަހާލާފައި ބުނީ ދަރިފުޅުގެ ނަން ވައްތަރީ ޕާސްވޯޑަކާ ކަމަށެވެ. މި އިންޓަވިއުގެ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވެފައިވެ އެވެ.

އިންޓަވިއުގައި ނަމާ ބެހޭ އިތުރު ވާހަކައެއް ނުދައްކައި އީލޮން ބުނީ މިހާރު ހަ މަސްވެފައިވާ ދަރިފުޅު ވަރަށް ބަރާބަރު ކަމަށެވެ. އަދި ޖަރުމަނަށް ދެން އަންނަ ފަހަރަކުން ދަރިފުޅު ވެސް ގެންދާނެ ކަމަށް ބުންޏެވެ.

"ހީވަނީ މާ ގިނަ ދުވަހެއް ނުކޮށް އަނެއްކާ ވެސް ޖަރުމަނަށް އާދެވޭނެހެން. ދަރިފުޅު ވެސް ގޮވައިގެން އަންނާނީ." އީލޮން ބުންޏެވެ.

"X Æ A-12" އަކީ އީލޮން އަށް ލިބުނު ހަތް ވަނަ ދަރިފުޅެވެ. އެއީ މުޅިން ވެސް ފިރިހެން ކުދިންނެވެ. އެ ކުންދިންގެ ނަންތަކަކީ ނަވާޑާ އެލެގްޒެންޑާ މަސްކް، ޑެމިއަން މަސްކް، ގްރިފިން މަސްކް، ޒޭވިއާ މަސްކް، ސެޒޯން މަސްކް އަދި ކައީ މަސްކެވެ.