Roadha Mihaaru
ގޮތް ނޭނގޭ ބައްޔެއް ޖެހި، ކޮތަރުތައް ވަރުދެރަވެފައި!

ގޮތް ނޭނގޭ ބައްޔެއް ޖެހި، ކޮތަރުތައް ވަރުދެރަވެފައި!

12 ޖެނުއަރީ 2022

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހި، ކޮތަރުތަކަށް އެކިއެކި ގޮތްގޮތް ވާކަން ފާހަގަ ވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހި، ކޮތަރުތަކަށް އެކިއެކި ގޮތްގޮތް ވާކަން ފާހަގަ ވެއްޖެ އެވެ.

މީގެ އެތައް އަހަރެއް ކުރިއްސުރެ މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ މަންޒިލުގެ ގޮތުގައި ފާހަގަކުރެވޭ ޖުމްހޫރީ މައިދާނުގައި އުޅޭ ވަރަށް ގިނަ ކޮތަރަށް އެ ބަލި ޖެހިފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އެކަމަކު އެއީ ސީދާ ކޮން ބައްޔެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ބޭރުފުށުން ފެންނަ ގޮތުގައި، އެ ބަލި ވައްތަރީ ޕިޖަން ޕޮކްސް އާ އެވެ. މިއީ ދޫނިތަކުގެ ގައިންގަޔަށް އަރާ ބައްޔަކަށް ވިޔަސް އިންސާނުންނަށް ނުރައްކަލެއް ނޯވެ އެވެ.

އެ ސަރަހައްދުން ފެންނަ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ހުރީ ނަގައިފަ އެވެ. ބައެއް ކޮތަރުތަކުގެ ލޯ ކައިރީގައި ބޮޑެތި އުންތަކެއް ނަގާފައި ހުރުމުން އެ އެއްޗެހީ ލޯ ވެސް ވަނީ ފޮރުވިފަ އެވެ. އަދި ކުރިން ކައި އުޅޭހެން ފަރިތަކޮށް ކާން ވެސް އެ އެއްޗިއްސަށް ވަނީ އުނދަގޫވެފަ އެވެ. ފެންނަ ފެނުމަށް ކޮތަރުތައް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.

ޖުމްހޫރީ މައިދާނުގައި އިން ކޮތަރެއް: ކޮތަރުތަކުގެ ގައި ހިރުވުމުގެ މައްސަލަތައް ވެސް ފާހަގަކުރެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ މައިދާނުގައި އިން ކޮތަރެއް: ކޮތަރުތަކުގެ ގައި ހިރުވުމުގެ މައްސަލަތައް ވެސް ފާހަގަކުރެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިޝަރީޒް މިނިސްޓްރީގެ ބަހެއް ނުލިބޭތީ މިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމެއް، އަދި އެކަމުގެ އިތުރު މައުލޫމާތެއް ވެސް ނުލިބެ އެވެ. ދޫނިތަކަށް ޖެހޭ ބަލިތަކާ ގުޅޭ ކަންކަން ބަލަހައްޓަނީ އެ މިނިސްޓްރީންނެވެ.

އެ މިނިސްޓްރީ ޓެގްކޮށް އެކަން ހިއްސާކުރި މީހަކު ޓްވިޓާގައި ބުނި ގޮތުގައި ޖުމްހޫރީ މައިދާނުގެ ބައެއް ކޮތަރުތައް މިހާރު ފެންނަނީ ވަރަށް ބަލިކޮށެވެ.

އެތަނުގައި އުޅޭ ކޮތަރުތަކަށް ކާންދެނީ އާންމުންނެވެ. ހަނޑުލާއި މުގު ހިފައިގެން އެކި ވަގުތުތަކުގައި ކުޑަ ކުދިންނާއި އެކި އުމުރުގެ މީހުން ކޮތަރަށް ކާންދޭން ގޮސް އުޅެ އެވެ.

އެކަމަކު ކޮވިޑްގެ ތެރޭގައި މާލެ ލޮކްޑައުންކުރުމުން ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެ، ބައެއް ކޮތަރުތައް ބަނޑަށް މަރުވި އެވެ.