Roadha Mihaaru
ކާންދޭނެ މީހަކު ނެތް، ކޮތަރުތައް މަރުވަނީ!

ކާން ދޭނެ މީހަކު ނެތި، ޖުމްހޫރީ މައިދާނުގައި ކޮތަރުތައް މަރުވަނީ!

20 އެޕްރީލް 2020

ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެގެން، ބައެއް ކޮތަރުތައް މަރުވާން ފަށައިފި އެވެ. އަދި ކާއެއްޗެއް ހޯދަން ގިނަ ކޮތަރުތައް ދަނީ މާލޭގެ މަގުތަކަށް ވެސް ނުކުންނަމުންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެގެން، ބައެއް ކޮތަރުތައް މަރުވާން ފަށައިފި އެވެ. އަދި ކާއެއްޗެއް ހޯދަން ގިނަ ކޮތަރުތައް ދަނީ މާލޭގެ މަގުތަކަށް ވެސް ނުކުންނަމުންނެވެ.

ޖުމްހޫރީ މައިދާނަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ، މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ މަންޒިލެވެ. އެތަނުގައި އަބަދުވެސް އެއަށް ކާންދޭނެ މީހުން ތިބެ އެވެ. އާއްމު ގޮތެއްގައި ކޮތަރުތަކަށް ކާންދެނީ، ހިތް ފަސޭހަކޮށް އެ މައިދާނަށް ދާ މީހުންނާއި ކުޑަކުދިންނެވެ.

އެކަމަކު މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެ، މާލެ ލޮކްޑައުންކޮށް އެންމެން ގޭ "ބަންދު"ވާން ޖެހުމުން ކޮތަރުތަކަށް ކާންދޭނެ މީހަކު ވެސް ނުވި އެވެ. އެންމެ ފަހުން ބައެއް ކޮތަރުތައް މިހާރު ބަނޑަށް މަރުވަނީ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަޔާޒް ޔޫސުފް ވަނީ އޭނާއަށް ފެނުނު އެ ހިތްދަތި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އޭނާ ބުނީ މަސައްކަތް ނިންމާފައި އެ ސަރަހައްދުން ދަނިކޮށް، ކޮތަރުތައް ބަނޑުޖަހައިގެން ތިބި މަންޒަރު ފެނުމުން، އެއަށް ކާންދެން ހަނޑޫކޮޅެއް ލިބޭތޯ ބެލި ކަމަށެވެ. އެކަމަކު އެއްވެސް ފިހާރައަކުން ގަންނަން ނުލިބުމުން، ރަހުމަތްތެރިއެއްގެ ގޭގައި ހުރި ހަތަރު ކިލޯގެ ހަނޑުލުގެ ތެރެއިން ދެ ކިލޯ ހަނޑޫ ގެންގޮސް ކޮތަރުތަކަށް ކާންދިނެވެ. އޭނާ އެތަނަށް ދިޔަ އިރު ވެސް، ބައެއް ކޮތަރުތައް އޮތީ މަރުވެފަ އެވެ.

"އެ ވަގުތު އެތަނުގައި މަރުވެފައި އޮތް 11 ކޮތަރެއް އަހަރެން ދިޔައީ ކޮތަޅަކަށް ލައިގެން ހިފައިގެން. އިތުރު ކޮތަރު ވެސް ހުރި. އެކަމަކު ގެންދިޔަ ކޮތަޅު ފުރުމުން ގެއަށް ދިޔައީ،" ފަޔާޒް ބުންޏެވެ.

ކާން ލިބޭނެ ގޮތެއް ނެތުމުން، ގިނަ އަދަދެއްގެ ކޮތަރުތައް މިހާރު ފެންނަނީ އެ ސަރަހައްދާ ކައިރި މަގުތައް މަތިންނެވެ. މީހުން ނެތް، ފަޅުވެފައިވާ މަގުތަކުން ކާއެއްޗެއް ހޯދަން އުޅޭ މަންޒަރު ވަރަށް ހިތްދައްޗެވެ.

ކޮވިޑް-19 އާ ގުޅިގެން ބަނޑަށް ޖެހިގެން އެންމެ ފުރަތަމަ ދުނިޔެ ދޫކުރި އެެއްޗަކަށް މިވީ، ލޮކްޑައުންގެ ކުރިން ގިނަ ބަޔަކު ހިތްހަމަޖައްސާލައި، ކުޑަކުދިންގެ ހިތް އުފާކޮށްލަދޭން އެއްވި ކޮތަރުތަކެވެ.