Roadha Mihaaru
ރާއްޖެ އާއި އެފްޓީއޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ

ރާއްޖެ އާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ

06 ޑިސެމްބަރ 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ރާއްޖޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ރާއްޖޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ އެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދެއް އޮތް ޗައިނާއާއެކު ރާއްޖެ އިން ސޮއިކުރާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެން ޝުއަން ބޭރުގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށާއި ސަރަހައްދުގެ ގައުމުތަކަށް ވެސް ވިޔަފާރީގެ ރޮނގުން ފައިދާވާނެ ކަމަށެވެ.

ޗައިނާގެ ނޫސްތަކުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާ އަށް މިއަދު ވަޑައިގަތީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމަށެވެ. އެގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް އެ ނޫސްތަކުގައި ވެ އެވެ.

"އުންމީދު ކުރަނީ މި ދަތުރުފުޅުގެ ސަބަބުން ސިޔާސީ ގުޅުމުގެ އިތުބާރު ބޮޑުވެ، ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ މީހުންނަށް ފައިދާވާނެ ކަމަށް،" ގެން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ޗައިނާ ފެއްޓެވި ފުރަމާނަ ދަތުރުފުޅު. މި ދަތުރުފުޅު ހަތަރު ދުވަހަށް ދެމިގެންދާނެ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ޗައިނާ ފެއްޓެވި ފުރަމާނަ ދަތުރުފުޅު. މި ދަތުރުފުޅު ހަތަރު ދުވަހަށް ދެމިގެންދާނެ. - ފޮޓޯ: ރައީސް އޮފީސް

އެފްޓީއޭ އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ގެން ވިދާޅުވީ، އެފްޓީއޭ އަކީ ދެ ގައުމުގެ ލީޑަރުން ދެމެދުގައި ގާއިމު ކުރާ އެއްބަސްވުމެއް ކަމަށެވެ. އަދި ދެ ގައުމަށް ފައިދާވާނެ ކަންކަން އެއްބަސްވުމުގައި ހިމެނުމަށް، ދިގު މުއްދަތެއްގެ މަޝްވަރާތަކެއް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ފަހުން އެފްޓީއޭއާ ދިމާލަށް ދެވުނީ މަޝްވަރާތަކަށް ފަހު ކަމުގައި އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ އިން ގާއިމުކުރަން އުޅޭ އެފްޓީއޭއާ ގުޅޭގޮތުން އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެފްޓީއޭގެ ސަބަބުން ރާއްޖެ، ޗައިނާ އަށް އިތުރަށް ދަރަނިވެރިވާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ޗައިނާ އަށް އިތުރަށް ދަރަނިވެރިވުމަށް ހުޅުވޭ ދޮރެއް. މިހާރު ވެސް ދަރަނީގެ ގޮތުގައި 70 ޕަސަންޓަށް ވުރެ ގިނަ އިން [ރާއްޖެ] ދައްކަން ޖެހެނީ ޗައިނާ އަށް. މިއީ ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމަށް ގެއްލުން ވެދާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ޗައިނާގެ ޚަބަރުތައް ގެނެސްދޭ ގްލޯބަލް ޓައިމްސް ގައި ބުނެފައި ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގްތިސާދީ ގޮތުން މަންފާ ކުރާނެ އެއްބަސްވުމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ކަމެއް ހިމެނޭ އެއްބަސްވުމެއް ނޫން ކަމަށް ވެސް އެ ނޫހުގައި ވެ އެވެ.

ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަކަން ފާހަގަކޮށް، އެ ނޫހުގައި ވަނީ އެއްބަސްވުމުގެ ސަބަބުން، ޗައިނާ އިން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ޗައިނާގެ އުފެއްދުންތައް ހެޔޮ އަގުގައި ރާއްޖެ އިން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓު ވިޔަފާރި އަށް ކުރިއަރައި، ދެ ގައުމުގެ އިގްތިސާދު ވަރުގަދަ ކޮށްދޭނެ ކަމަށް ވެސް ނޫހުގައި ވެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު، އެކަންކަމުގެ ތަފްސީލެއް ރައީސް އޮފީހުން ނުދެ އެވެ.

މިއީ ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް 2014 އާއި 2015 ގައި އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ. އަދި 2014 ގައި ޗައިނާ ރައީސް ރާއްޖެ ވަޑައިގެންފައިވެ އެވެ.

ރައީސް ޔާމީން ޗައިނާ އަށް ވަޑައިގެންނެވިއިރު، އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.