Roadha Mihaaru
އެފްޓީއޭއާއެކު އަންނަ އަހަރު 4 މިލިއަން ޑޮލަރު ގެއްލޭ

އެފްޓީއޭއާއެކު އަންނަ އަހަރުގެ އާމްދަނީން ހަތަރު މިލިއަން ޑޮލަރު ގެއްލޭނެ

11 ޑިސެމްބަރ 2017

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު، އަންނަ އަހަރު އެކަނި ވެސް ހަތަރު މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) އާމްދަނީން ގެއްލޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު، އަންނަ އަހަރު އެކަނި ވެސް ހަތަރު މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) އާމްދަނީން ގެއްލޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކޮށްފި އެވެ.

މިދިޔަ ހަފުތާގައި ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުން ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ޚުލާސާ ރިޕޯޓުގައި ބުނެފައި ވަނީ އެ އެއްބަސްވުމާއެކު، އިމްޕޯޓް ޑިއުޓީގެ އާމްދަނީން ބައެއް އުނިވާނެ ކަމަށެވެ.

އެފްޓީއޭގައި މިދިޔަ ބުރާސްފަތި ދުވަހު ދެ ގައުމުން ސޮއިކުރުމުގެ ކުރިން، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވެފައި ވަނީ، އުނިވާ ޑިއުޓީން ލިބޭ އާމްދަނީ އިތުރު ކުރާނީ ވިޔަފާރިތައް ފުޅާކޮށްގެން ކަމަށާއި އެ ހިސާބު ސަރުކާރުން ހަދާފައިވާ ކަމަށެވެ.

"އުނިވާ ޑިއުޓީން ވިޔަފާރިތަކަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ. އާ ވަޒީފާތައް އުފެދޭނެ. އެ ގެއްލޭ ޑިއުޓީއެއް، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ހުރި ކަމަށް ވަނީ ނަމަ، އެކަން ރިކަވާ ކުރެވޭނެ އެހެން ގޮތްގޮތް ހޯދާނެ. އެކަމަކު އެއީ ކޮންމެހެން ޓެކްސް ބޮޑުކޮށްގެނެއް ނޫން. ނަމަވެސް ވިޔަފާރީގެ މަރުކަޒަކަށް ހެދޭނެ އިރާދަކުރެއްވިއްޔާ،" މިދިޔަ ހަފުތާގެ ހޯމަ ދުވަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވެފައިވެ އެވެ.

ރާއްޖެ އިން ޗައިނާއާ އެކު ކުރާ ވިޔަފާރިއަށް ބަލާއިރު، 2014 ވަނަ އަހަރުގެ އިމްޕޯޓްގެ ތަފާސްހިސާބުގެ ދިރާސާއިން ދައްކާ ގޮތުގައި، ޑިއުޓީ އާމްދަނީގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން އަހަރަކު އެންމެ ގިނަވެގެން ގެއްލޭނެ ކަމަށް ލަފާކުރެވެނީ އަށް މިލިއަން ޑޮލަރު (123.4 މިލިއަން ރުފިޔާ) އެވެ. އަދި އެފްޓީއޭ އަށް އަމަލުކުރަން ފަށާ ތާރީޚުގައި، ފުރަތަމަ އަހަރު ސީދާ ގޮތުން ގެއްލޭނެ ކަމަށް ލަފާކުރަނީ ހަތަރު މިލިއަން ޑޮލަރު ކަމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރަށާއި ބައިނަލްއަގްވާމީ އަގުތަކަށް އަންނަ ބަދަލުތަކާއި ޗައިނާގެ އިމްޕޯޓް ރާއްޖެއަށް އިތުރުވާ ނިސްބަތަށް ބަލާއިރު، އެފްޓީއޭ އަށް އަމަލުކުރަން ފެށުމުން ބައެއް ބާވަތުގެ މުދަލުގެ އިމްޕޯޓް، ޗައިނާ މާކެޓަށް "ޑައިވާޓް" ވުމުގެ ފުރުސަތު އެބައޮތެވެ،

"ނަމަވެސް ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމުން، ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރު ވެގެން ދިއުމާ އެކު 'ޓްރޭޑް ކްރިއޭޓް' ވުމުން، އަދި 'ޓްރޭޑް އެކްސްޕޭންޑް' ވުމުން ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު އިތުރުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަން،" އެ ރިޕޯޓުގައި ވެ އެވެ.

އެފްޓީއޭގައި ސޮއިކުރި ނަމަވެސް ގާނޫނީ ގޮތުން އަމަލުކުރުމަށް ގާނޫނެއް ހެދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާ ދީފައި ވެ އެވެ.

ރައީސް ޔާމީންގެ ޗައިނާ ދަތުރުފުޅުގައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮމާސް މިނިސްޓަރެވެ.

އެ އެއްބަސްވުމުގައި ރާއްޖެ އިން ޗައިނާއާ އެކު ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަވަސް އަރުވާލައިގެން އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސަރުކާރުން މިނިވަން ވިޔަފާރީގެ އެ އެއްބަސްވުން ގާއިމްކުރީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ކަމަށެވެ.

ނަމަވެސް ސަރުކާރުން ބުނި ގޮތުގައި އެފްޓީއޭއަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުމެއް ނޫނެވެ. އެފްޓީއޭގައި ސަރުކާރުން ސޮއިކުރާ އިރު، އޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށާއި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.