Roadha Mihaaru
އުނގޫފާރާއި މާކުރަތު ބަނދަރު މަސައްކަތް އެމްޓީސީސީއަށް

އުނގޫފާރާއި މާކުރަތުގެ ބަނދަރުގެ މަސައްކަތްތަކެއް 44 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

13 ޖެނުއަރީ 2022

ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ހަރަދުކުރާކުރާ ގޮތަށެވެ. އެއީ އުނގޫފާރުގެ ނެރު ބަދަލުކުރުމަށް 18 މިލިއަން ރުފިޔާ އަދި މާކުރަތުގެ ބަނދަރު ބޮޑުކުރުމަށް 26 މިލިއަން ރުފިޔާ އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މާކުރަތު ބަނދަރު ބޮޑުކުރުން

މާކުރަތުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 45،023 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި އެ ބަނދަރުގައި 140 މީޓަރުގެ ބޭރު ތޮއްޓެއް ލައި، 85 މީޓަރުގެ ރިވެޓްމަންޓާއި 28 މީޓަރުގެ ގްރޮއިން ޖަހައި 129 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ.

• 26 މޫރިން ރިންގު ހަރުކުރުން

• 5 މޫރިން ބޮއި ހަރުކުރުން

• 10m x 9m ގެ ރޭމްޕް ހެދުން

• 641 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން

• 9 މަގު ބައްތި ޖެހުން

މި ހުރިހާ މަސައްކަތެއް އެއް އަހަރު ތެރޭ ނިންމަން ޖެހެ އެވެ.

އުނގޫފާރުގެ ނެރު ބަދަލުކުރުން

• 41،980 ކިއުބިކް މީޓަރަށް ބަނދަރު އަދި ނެރު ފުންކުރުން

• 162 މީޓަރު ބޭރުތޮށި ޖެހުން

• 2 ނެރު ބައްތި ޖެހުން

މި ހުރިހާ މަސައްކަތެއް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ބަނދަރު ހެދުމާއި މަރާމާތު ކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.