Roadha Mihaaru
ކަމަދު އާއި ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

ކަމަދު އާއި ދާންދޫ ބަނދަރުގެ މަސައްކަތްތަކެއް 118 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

20 ޖެނުއަރީ 2022

ބ. ކަމަދު އާއި ގއ. ދާންދޫގެ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބ. ކަމަދު އާއި ގއ. ދާންދޫގެ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން 118 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. އެއީ ކަމަދޫގެ ބަނދަރުގެ މަރާމާތަށް 47 މިލިއަން ރުފިޔާ އަދި ދާންދޫ ބަނދަރު ބޮޑުކުރުމަށް 71 މިލިއަން ރުފިޔާ އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކަމަދޫގެ ބަނދަރު މަރާމާތުކުރުން:

ކަމަދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 25،404 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ.

- 11m x 11m ގެ ރޭމްޕެއް ހެދުން.

- 1،730 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން.

- 17 މަގު ބައްތި ޖެހުން.

- ދެ ނެރު ބައްތި ހަރުކުރުން.

މި ހުރިހާ މަސައްކަތެއް 13 މަސް ދުވަހުގެ ތެރޭ ނިންމަން ޖެހެ އެވެ.

ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ދާންދޫ ބަނދަރު ބޮޑުކުރުން:

މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 81،404 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އެ ބަނދަރުގައި 333 މީޓަރުގެ ބޭރު ތޮއްޓަކާއި 529 މީޓަރުގެ އެއްގަމު ތޮއްޓެއް އަދި 370 މީޓަރުގެ ރިވެޓްމަންޓް ޖަހާ ގޮތަށް ވަނީ ނިންމަފައިފަ އެވެ. އަދި 104 މޫރިން ރިންގް ހަރުކުރާނެ އެވެ. މި ބަނދަރުގައި 30 މީޓަރުގެ ގްރޮއިން ޖަހައި އަދި 10 މޫރިން ބޮއި ހަރުކުރާނެ އެވެ.

- 30m x 4m ގެ ކޮންކްރީޓް ބްރިޖެއް އެޅުން.

- 100m x 3m ގެ ކޮންކްރީޓް ޖެޓީ އެޅުން.

- 10m x 9m ގެ ރޭމްޕެއް ހެދުން.

- 3،748 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން.

- 36 މަގު ބައްތި ހަރުކުރުން.

- ދެ ނެރު ބައްތި ހަރުކުރުން.

ދާންދޫ ބަނދަރުގެ އެ ހުރިހާ މަސައްކަތެއް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ބަނދަރު ހެދުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.