Roadha Mihaaru
100 މިލިއަނަށް، އިތުރު 3 ޕްރޮޖެކްޓް އެމްޓީސީސީއަށް

ސަތޭކަ މިލިއަނަށް، އިތުރު ތިން ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފި

24 އޯގަސްޓް 2022

މ. މަޑުއްވަރީ ބަނދަރު ތަރައްގީކުރުމާއި ރ. އުނގޫފާރު އަދި މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ. މި ތިން މަޝްރޫއުގެ އަގު 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މ. މަޑުއްވަރީ ބަނދަރު ތަރައްގީކުރުމާއި ރ. އުނގޫފާރު އަދި މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ. މި ތިން މަޝްރޫއުގެ އަގު 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

އެމްޓީސީސީން އެ މަޝްރޫއުތަކާ ހަވާލުވެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ.

މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 38،800 ކިއުބިކް މީޓަރު ބަނދަރު އަދި 54،093 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 111،471 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 600 މީޓަރު ބޭރުތޮށްޓަކާއި، 122 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

އެ މަޝްރޫއުގެ މަސައްކަތް 16 މަސް ދުވަސް ތެރޭ ނިންމަންޖެހެ އެވެ. އަގަކީ 51 މިލިއަން ރުފިޔާ އެވެ.

ރ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއުގައި ހިމެނެނީ 120 މީޓަރުގެ ބޭރުތޮށިލުމާއި 110 މީޓަރު ސަރަހައްދުގެ ގްރޮއިންސް ޖެހުމާ އެކު 16،830 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމެވެ. މިއީ 11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ހަ މަސްދުވަހުން މަސައްކަތް ނިންމަންޖެހެ އެވެ.

މ. މުލަކުގައި ކުރިއަށް ގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. އޭގެތެރޭގައި 539 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 343 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 14،548.25 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން ހިމެނެ އެވެ.

މި މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 15 މަސްދުވަސް ތެރޭގަ އެވެ. އެއީ 38.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.