Roadha Mihaaru
އައިސިސްގެ ލިޔުން ހާމަކުރުމާ މެދު ބޮޑު ބަހުސެއް

އައިސިސްގެ އަމީރުކަން ދިން ލިޔުން ހާމަކުރުމާ މެދު ބޮޑު ބަހުސެއް

16 ޖެނުއަރީ 2022

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި އެކި ތަންތަނުގައި ހަމަލާދޭން ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި ނޮވެމްބަރު 2020 ގައި ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޝަރީފަށް، ޓެރަރިސްޓް އައިސިސް ޖަމާއަތުން އަމީރުކަން ދީ، އެކަން އެންގުމަށް ފޮނުވި ލިޔުމަކީ ހާމަކުރަން ނުޖެހޭ ހެއްކެއްގެ ގޮތުގައި ކަނޑައަޅައިދޭން ދައުލަތުން އެދުމުން އެކަމާ އެތައް އިރަކު އިއްޔެ ބަހުސްކޮށްފި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި އެކި ތަންތަނުގައި ހަމަލާދޭން ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި ނޮވެމްބަރު 2020 ގައި ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޝަރީފަށް، ޓެރަރިސްޓް އައިސިސް ޖަމާއަތުން އަމީރުކަން ދީ، އެކަން އެންގުމަށް ފޮނުވި ލިޔުމަކީ ހާމަކުރަން ނުޖެހޭ ހެއްކެއްގެ ގޮތުގައި ކަނޑައަޅައިދޭން ދައުލަތުން އެދުމުން އެކަމާ އެތައް އިރަކު އިއްޔެ ބަހުސްކޮށްފި އެވެ.

ދައުވާތައް ލިބޭ އަށް މީހުންނާ ދެކޮޅަށް ހުށަހަޅާ ހެއްކާއި އެކި ލިޔުންތައް ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދިފައި ވާތީ، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެކަމާ ބެހޭ ގޮތުން ދެ ގަޑިއިރަށް ވުރެ ގިނައިރު ވާހަކަ ދެއްކި އެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރަކަށް އެދުނު ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި އިރު އެންމެ ބޮޑަށް ހިޔާލު ތަފާތުވި އެއް ކަމަކަށްވީ އައިސިސް އިން ދިން ލިޔުމާ މެދުގަ އެވެ.

ހުށަހަޅާފައިވާ ގިނަ ހެކިތައް ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ދައުލަތުން މައިގަނޑު ގޮތެއްގައި ދެއްކި އެއް ސަބަބަކީ މީހަކަށް ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުމެވެ. މިއީ ގާނޫނުގައި ހެކި ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އެއް ޝަރުތެވެ. މީގެ އިތުރުން، ތަހުގީގަށް ހުރަސް އެޅިދާނެ ހާލަތެއް ވެސް ހެކި ހާމަކުރުމުން ލިބިދާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުވާ ލިބޭ މީހުންނާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ރިޕޯޓްތަކަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކާއި ފޯނާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް އާލާތްތަކުގެ އެނަލިލިސް ރިޕޯޓްތަކާއި ތަހުގީގު ބަޔާންތައް ވެސް ސިއްރުކޮށްދޭން ދައުލަތުން އެދުނެވެ. ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ވަނީ މި ހުރިހާ އެއްޗެއް ސިއްރު ކޮށްގެން ދިފާއު ބިނާކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. ކޮންމެހެން ވެސް ސިއްރުކުރަން ނުޖެހޭ ލިޔެކިޔުންތައް ވެސް ދައުލަތުން ސިއްރުކުރަން އުޅޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން އެދުނު އަމުރުގައި، ބައެއް ރިޕޯޓްތައް، އެ ރިޕޯޓްތައް ތައްޔާރުކުރި މީހުންގެ ނަންތައް އުނިކޮށް ހާމަކުރުމަށް ވެސް އެދުނެވެ.

އަބްދުﷲ ޝަރީފް އައިސިސްގެ އަމީރުކަމަށް އައްޔަންކޮށް، އޭނާ އަށް ދީފައިވާ ލިޔުމަކީ އޭނާގެ ފޯނުން ފެނުނު އެއްޗެއް ކަމަށް ވެ އެވެ.

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި ދައުވާ ލިބޭ އަބްދުﷲ ޝަރީފް، އިބްރާހިމް ލޫތު، އަބްދުﷲ އިމާދު އަދި އަހްމަދު އަހްސަން، އަލީ މުނީޒް، މުހައްމަދު އާސިރު، އަލީ އަރްހަމް މުހައްމަދު އަދި ސަމާހް ޝަރީފް.

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި ދައުވާ ލިބޭ އަބްދުﷲ ޝަރީފް، އިބްރާހިމް ލޫތު، އަބްދުﷲ އިމާދު އަދި އަހްމަދު އަހްސަން، އަލީ މުނީޒް، މުހައްމަދު އާސިރު، އަލީ އަރްހަމް މުހައްމަދު އަދި ސަމާހް ޝަރީފް.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އަބްދުﷲ ޝަރީފަށް އައިއިސް އިން ފޮނުވި ކަމަށް ބުނާ ލިޔުން ސިއްރުކުރިޔަސް ދައުލަތުން އެދޭ މަގްސަދު ހާސިލް ވާނެތޯ ސުވާލު ކުރައްވައިފަ އެވެ. އެ ލިޔުން ހާމަވެއްޖެ ނަމަ ބަޔަކަށް ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުނާއިރު އެއީ ކުރިން ވެސް އެހެން މީހެއްގެ އަތުގައި އޮތް އެއްޗަކަށް ވާތީ ދެން ދެ ލިޔުން ސިއްރުކުރިޔަސް އާންމު ނުވާނެ ކަމަށް އޮތީ ކޮން ޔަގީން ކަމެއްތޯ ގާޒީ ސުވާލުކުރެއްވި އެވެ.

މި ސުވާލު އެތައް ފަހަރަކު އެކި ގޮތްގޮތަށް ދައުލަތުގެ ވަކީލުންނަށް އަމާޒުވި އެވެ. ޖަވާބުގައި، ޖިނާއީ އިޖުރާއާތުގައި ހެކި ރައްކާކުރުމާ ބެހޭ މާއްދާއަށް ހަވާލާދީ ތަކުރާރުކޮށް ވާހަކަ ދެއްކުމަށް ފަހު ތަފްސީލަކަށް ދިޔައީ ފަހުންނެވެ.

ދައުލަތުން ބުނީ އެ ލިޔުމުގައި ވަރަށް ސެންސިޓިވް ވާހަކަތައް އެބަހުރި ކަމަށާއި ހަރުކަށި ފިކުރުގެ މީހުންނަށް ބައެއް އިރުޝާދުތައް ވެސް އެ ލިޔުމުގައި އެބަހުރި ކަމަށެވެ. އެހެންވެ، އާންމުންގެ ތެރެއަށް އެ ލިޔުން ހިނގައްޖެ ނަމަ އޭގައިވާ ގޮތަށް އަމަލުކޮށްފާނެ މީހުން ވެސް އުޅެފާނެ ކަމަށާއި އެހެން ވެއްޖެ ނަމަ އެތައް ބަޔަކަށް ނުރައްކާ ވެދާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެއީ ދައުވާ ލިބޭ މީހެއްގެ އަތުން ފެނުނު ލިޔުމަކަށް ވާއިރު، ދެން އިތުރަށް އެ ލިޔުން ސިއްރުކުރުމުގެ އޮތީ ކޮން ބޭނުމެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެއީ ގާނޫނާ ހިލާފު ލިޔުމެއް ކަމަށް ދެކޭ ކަމަށާއި ގާނޫނާ ހިލާފު އެއްޗެއް މީހެއްގެ އަތުގައި އޮތުމަކީ އެ އެއްޗެއް އިތުރަށް އާންމުވާން ދޫކޮށްލައިގެން ވާނެ އެއްޗެއް ނޫން ކަމަށެވެ. މި މައުލޫގައި ވާހަކަ ދައްކަމުން ދައުލަތުން ވަނީ މީހެއްގެ އަތުން އޮރިޔާން ކާޑު ވެސް ފެނިދާނެ ކަމަށާއި އޭގޭ މާނަ އަކީ އެ އެއްޗެއް އިތުރަށް ހާމަވާން ދޫކޮށްލުން ނޫން ކަމަށެވެ. މި މިސާލު ނެންގެވުމުން ގާޒީ ވިދާޅުވީ، މި މައްސަލައާ އޮރިޔާން ކާޑު މައްސަލައަކާ ވަރަށް ތަފާތު ކަމަށެވެ.

ބައެއް ލިޔުންތައް އެއްކޮށް ސިއްރުކުރުމަށް ދައުލަތުން ބޭނުންވީ އެ ލިޔުންތަކުގައި މީހުންގެ ނަންތައް ކަނޑާފައި އާންމުކުރި ކަމުގައި ވިޔަސް، އޭގައިވާ އެހެން މައުލޫމާތުތަކުން، ހެކިވެރިންނަކީ ކޮބައިކަން ހާމަވެދާނެތީ އެވެ. ލިޔުންތައް ވަކީލުންނަށް ނުދީ ކޯޓަށް ހާޒިރުވެގެން ކޯޓުގައި ތިބެގެން ބެލުމުގެ ފުރުސަތު ދެވިދާނެ ކަމަށް ދައުލަތުން ބުންޏަސް ދިފާއުން ބުނީ، ގިނަ އަދަދެއްގެ ލިޔުން އެބަހުރި ކަމަށާއި އެހެންވެ ކޮންމެ ވަކީލެއް ވަކިން ކޯޓަށް ހާޒިރުވެގެން ލިޔުންތައް އެގޮތަށް ބެލުން އެއީ ވަކީލުންނާއި ކޯޓުގެ މުވައްޒަފުންނަށް ވެސް ބޮޑު ބުރަޔަކަށް ވާނެ ކަމަށެވެ.

އެތައް އިރެއް ވަންދެން ދެއްކި ވާހަކަތަކަށް ފަހު ވެސް އިއްޔެ ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތެއް ނުނިންމިފަ އެވެ. ގޮތެއް ނުނިންމުނު އެއް ސަބަބަކަށްވީ ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިޔުންތަކުގައި ޕްރިންޓް ނުވެ ހުސް ގަނޑުތަކެއް ހުރުމުން އެ ލިޔުންތައް އަލުން ހުށަހަޅަން ޖެހުމެވެ. އެހެންވެ، އެ ލިޔުންތައް އަލުން ހުށަހަޅަން ދައުލަތުން މުއްދަތެއް ދިނެވެ.

ހަރުކަށި ފިކުރާ ގުޅުން ހުރި މި މައްސަލާގައި ހިމެނޭ އައިސިސްގެ އަމީރެއް ކަމަށް ބުނާ އަބްދުﷲ ޝަރީފްގެ އިތުރުން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ

• އަހުސަން މުހައްމަދު، 32، ތ. ތިމަރަފުށި/ ކެނެރީގެ

• އަލީ މުނީޒު، 28، ތ.ތިމަރަފުށި/ ކެނެރީގެ

• މުހައްމަދު އާސިރު، 34، ތ. ތިމަރަފުށި/ އަސުރުމާގެ

• އަލީ އަރުހަމް މުހައްމަދު، 18، ރ. ކަނދޮޅުދޫ/ ފެހިވިލާ

• ޝަމާހް ޝަރީފް، 20، ތ. ތިމަރަފުށި/ ސައިމާ

• އިބްރާހިމް ލޫތު، 21، ނ.ކުޑަފަރި/ ރޯޒްމީޑް

• އަބްދުﷲ އިމާދު، 29، ރ. މަޑުއްވަރި/ ބީޗް ހައުސް

މި މީހުންނަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ، ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މި މީހުން ވަނީ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް، ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން ވެސް ރާވައިފަ އެވެ. ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.

ނޮވެމްބަރު 2020 ގައި އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނުއިރު، އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވެ އެވެ. ދޯނިންނާއި މާލެ އިން އަދި ތިމަރަފުށިން ވެސް ވަނީ މިކަމާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުން ހައްޔަރުކޮށްފަ އެވެ.