Roadha Mihaaru
ޓެރަރިޒަމްގެ މައްސަލަ: އެންމެންގެ ބަންދު ދަމަހައްޓައިފި

ތިމަރަފުށި ޓެރަރިޒަމްގެ މައްސަލާގައި ހިމެނޭ އެންމެންގެ ބަންދު ދަމަހައްޓައިފި

13 ޖުލައި 2021

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް ދައުވާކޮށްފައިވާ އަށް މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އެ މީހުން ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު މިއަދު ކްރިމިނަލް ކޯޓުން ދަމަހައްޓައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް ދައުވާކޮށްފައިވާ އަށް މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އެ މީހުން ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު މިއަދު ކްރިމިނަލް ކޯޓުން ދަމަހައްޓައިފި އެވެ.

ތިމަރަފުށީ ޓެރަރިޒަމް މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ދައުވާކުރި މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު އާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދެވެ.

އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމާފައިވާއިރު، މިއަދު ވަނީ އެ އަމުރު މުރާޖައާކުރުމުގެ އަޑުއެހުމެއް ބާއްވައިފަ އެވެ. ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، އެ އަށް މީހުންނަކީ ހަރުކަށި ފިކުރުގެ ނުރައްކާތެރި ބައެއް ކަމަށެވެ. އެ މީހުންނަކީ ފަނޑިޔާރުގެ ހިމެނޭހެން މުޅި ދައުލަތް ވެސް ބަލައިނުގަންނަ ބައެއް ކަމަށް ޝަފީއު ވިދާޅުވި އެވެ. ދައުލަތުގެ ތަންތަނުގައި ވަޒީފާ އަދާކުރުން ވެސް އެ މީހުން ގަބޫލުނުކުރާ ކަމަށާއި، ފަނޑިޔާރުންނަށް ވެސް އެ މީހުން "ތާޣޫތުން"ގެ ގޮތުގައި ނިސްބަތްކޮށްފައި އެބަ ހުރިކަމަށް އޭނާ ވިދާޅުވި އެވެ. ޝަފީއު ވިދާޅުވީ، ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ހައެއް މެއިގެ ހަމަލާއިން ވެސް އެނގިފައިވާ ކަމަށެވެ.

ތުހުމަތުކުރެވޭ މީހުންގެ ނުރައްކާތެރިކަން ދެއްކުމަށް ޝަފީއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އަރުހަމަކީ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހުރި މީހެއް ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން އެނގޭ ކަމަށެވެ. އޭނާ ދިރިއުޅޭ ގެއިން ވެސް އައިއީޑީއެއް އުފައްދަން ބޭނުންވާ ފަދަ ސާމާނު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި އަރުހަމް ބުނެފައި ވަނީ އޭނާ ދިރިއުޅުނު ގެ ފުލުހުން ބަލައި ފާސްކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އިންޓެލް ރިޕޯޓުގައި އޭނާގެ އުފަން ދުވަސް ވެސް އޮތީ ނުބައިކޮށް ކަމަށް ބުނެ އޭގެ ސައްހަކަމާ މެދު އޭނާ ސުވާލު އުފެއްދި އެވެ. ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ވެސް އަރުހަމްގެ މައްޗަށް ދައުލަތުން ކުރެ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން. (މަތީގައި ވ-ކ) އަބްދުﷲ ޝަރީފް، އިބްރާހިމް ލޫތު، އަބްދުﷲ އިމާދު އަދި އަހްމަދު އަހްސަން. (ތިރީގައި ވ-ކ) އަލީ މުނީޒް، މުހައްމަދު އާސިރު، އަލީ އަރްހަމް މުހައްމަދު އަދި ސަމާހް ޝަރީފް

ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން. (މަތީގައި ވ-ކ) އަބްދުﷲ ޝަރީފް، އިބްރާހިމް ލޫތު، އަބްދުﷲ އިމާދު އަދި އަހްމަދު އަހްސަން. (ތިރީގައި ވ-ކ) އަލީ މުނީޒް، މުހައްމަދު އާސިރު، އަލީ އަރްހަމް މުހައްމަދު އަދި ސަމާހް ޝަރީފް

މި މައްސަލައިގައި ދެން ހިމެނޭ މުނީޒުގެ މިސާލު ނަންގަވައި ވަކީލު ޝަފީއު ވިދާޅުވީ އޭނާ އަކީ ހަނގުރާމައަށް ދިޔުމުގެ ތަމްރީނު ހަދާފައި ހުރި މީހެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ތ. އަތޮޅު ފަޅު ރަށެއްގައި މުނީޒާއި އިތުރު ބަޔަކު ހަނގުރާމައަށް ތަމްރީނު ހަދާފައިވާ ކަމުގެ ހެކި ދައުލަތަށް ވަނީ ލިބިފަ އެވެ. ހަށިގަނޑު ވަރުގަދަކުރަން ރާޅާ ދެކޮޅަށް ފެތުމާއި ހިނގުން ފަދަ ހަރަކާތްތައް އެ ރަށުގައި އެ މީހުން ހިންގިކަން އެނގިފައިވެ އެވެ.

މުނީޒު މިއަދު އަޑުއެހުމަށް ހާޒިރުވި އިރު ހުރީ ވަރަށް ބޮޑަށް ހިކިފަ އެވެ. އޭނާގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، މުނީޒު ބަންދަށް ގެންދިޔަ އިރު 73 ކިލޯ ހުއްޓަސް މިހާރު ބަރުދަން 45 ކިލޯއަށް ވެއްޓިފައިވާ ކަމަށެވެ. އޭނާއަށް އެއްވެސް އެއްޗެއް ރަނގަޅަށް ނުކެވޭ ކަމަށާއި އެއްޗެއް ކާއިރަށް ހޮޑުލެވޭ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ކިޑްނީ ފެއިލްވުމުގެ ބިރު ވެސް އޮތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވި އެވެ.

ޖުމްލަކޮށް އެ އެންމެންނަކީ ވެސް މުޖުތަމައުއަށް ނުރައްކާތެރި މީހުން ކަމަށާއި އެ މީހުން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބުނެ ދައުލަތުގެ ވަކީލުން އެދުނީ އެ އެންމެންގެ ބަންދު ދެމެހެއްޓުމަށެވެ. އެ އެންމެންގެ މައްޗަށް ވެސް ތުހުމަތެއް އުފެދޭ މިންވަރަށް ވުރެ އިތުރަށް ހެކި ލިބިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެންގެ ވަކީލުން ވެސް ބަންދަށް ލުއި ގޮތެއް ހަމަޖައްސައިދޭން އެދުނެވެ. ބައެއް މީހުން ސިއްހީ ބޮޑެތި މައްސަލަތަކާއި، ބަލަން ޖެހޭ އާއިލާތަކުގެ ވާހަކަ ދެއްކެވި އެވެ.

ނަމަވެސް، އެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ގާޒީ އަލީ އާދަމްއަށް ގަބޫލު ކުރެވޭތީ އޭނާ ނިންމެވީ ބަންދު ދަމަހައްޓާށެވެ. ގާޒީ އަލީ އާދަމް ވިދާޅުވީ، އެ މީހުން ކުރި ކަމަށް ބުނާ ކުށަކީ ބޮޑު ކުށަކަށްވާއިރު، އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ހެކި އެބަ ހުރި ކަމަށެވެ.

ޓެރަރިޒަމްގެ ބޮޑު މައްސަަލައެއް

މި މައްސަލައިގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރު ކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އެއީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

ފުލުހުން އޭރު ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ. ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ.

މި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ދޯނިން ހައްޔަރުކުރި މީހަކު އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރު ތ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް އެސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.